ޚަބަރު

ނުފޫޒުގައި ނުޖެހި، އެންމެ ގާބިލު ކެނޑިޑޭޓަށް ވޯޓް ދިނުމަށް އެމްއާރްއެމުން ގޮވާލައިފި

އަލީ ޔާމިން

އަންނަ މަހުގެ ފަސްވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެންމެ ގާބިލު ކެނޑިޑޭޓަށް ވޯޓް ދިނުމަށް ސަރުކާރުގެ ހިންގާ ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ގޮވާލައިފިއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރަނީ ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ އާއި އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ އިތުރުން އަލަށް އުފައްދާފައިވާ އެމްއެންޕީންނެވެ.

އެމްއާރްއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި އިންތިހާބުގައި ވޯޓު ދޭއިރު ނުފޫޒާއި ފިއްތުންތަކަށް ބޯ ނުލަނބައި، ގާނޫނުން ކަށަވަރުކޮށްދީފައިވާ އަމިއްލަ އިހުތިޔާރުގައި ވޯޓުލުމުގެ ހައްގު އަމާނާތްތެރިކަމާއެކު ބޭނުންކުރަން ޖެހޭ ކަމަށެވެ. އަދި ވޯޓު ދިނުމުގައި ވަގުތީ ގޮތުން ލިބޭ ފައިދާގެ ބަދަލުގައި ރައްޔިތުންނަށް ފައިދާވާނެ ސިޔާސަތުތައް ހުށަހަޅާ، އެ ސިޔާސަތުތައް ރައްޔިތުންނާ ހަމައަށް ގެނެސްދިނުމުގެ ގާބިލުކަން ހުރި ކެނޑިޑޭޓަކަށް ވޯޓު ދިނުން މުހިންމު ކަމަށެވެ.

މި ސަރުކާރުން ވެރިކަމަށް އައީ އިންސާފުވެރި އިންތިހާބުތައް ބޭއްވުމަށް ވަކާލާތުކޮށްގެންކަން ފާހަގަކޮށް އެމްއާރުއެމުން ބުނީ ކުރިއަށް އޮތް އިންތިހާބުގައި ވާދަކުރާ ހުރިހާ ކެނޑިޑޭޓުންނާއި އެ ކެނޑިޑޭޓުން ނިސްބަތްވާ ސިޔާސީ ޕާޓީތަކާއި އެ ކެނޑިޑޭޓުންނަށް ކެންޕެއިން ކުރާ ފަރާތްތަކުންވެސް ރާއްޖޭގެ އިންތިހާބާ ބެހޭ ގާނޫނާއި އަދި އެހެނިހެން ގާނޫނުތަކާ ހިލާފު ނުވާނޭހެން ކެންޕެއިން ކުރުމަށާއި ސިޔާސީ ހަރަކާތްތައް ހިންގުމަށް ގޮވާލާ ލަމަށެވެ.

އެމްއާރްއެމުން ބުނީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕެއިން ޕާޓީތަކުން ފޯރިއާއެކު ކުރަމުންދާއިރު، އިންތިހާބުތަކާ ގުޅޭ ގޮތުން ރާއްޖޭގައި ހެދިފައި ހުރި ގާނޫނުތަކާއި ގަވާއިދުތަކަށް ފުށުއަރާ ގިނަ ކަންކަން މީޑިއާގައި ފެންމަތިވަމުންދާ ކަމަށެވެ.

އެގޮތުން އިންތިހާބުތަކާ ގުޅުވައި ރައްރަށާއި ދާއިރާތަކަށް އަމާޒުކޮށްގެން އެކިއެކި މަޝްރޫއުތައް ހިންގުމާއި ކެންޕެއިން ދުވަސްވަރު ކާޑުގެ ބާވަތްތަކާއި ކާބޯތަކެއްޗާއި އިލެކްޓްރޯނިކް ސާމާނާއި ނަގުދު ފައިސާ އަދި ހައްޖާއި އުމްރާ ދަތުރާއި މަތީ ތައުލީމުގެ ފުރުސަތުތައް ފަދަ "ހަދިޔާ" ރައްޔިތުންނަށް ދެމުންދާ ކަމަށެވެ. އަދި ވަޒީފާ އާއި އަސާސީ އެހެނިހެން ހިދުމަތްތަކަށް ނުފޫޒު ފޯރުވައި ބިރު ދެއްކުމާއި އައިޑީ ކާޑު ފޮރުވުން ފަދަ ކަންކަމަކީ އިންތިހާބުގެ މާނަ އޮޅޭފަދަ މިންވަރަށް ރާއްޖޭގައި މިހާތަނަށް ބޭއްވި އިންތިހާބުތަކުގައި ހިނގާފައިވާ ކަންކަން ކަމަށް އެމްއާރްއެމުން ބުންޏެވެ.

އެމްއާރްއެމުން ބުނީ ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތާ ގުޅުންނެތް ވައުދުވުމަކީވެސް ކެންޑިޑޭޓުން ކެމްޕެއިން ތެރޭގައި ކުރާ ކަންކަން ކަމަށާއި ނަތީޖާއަކަށް ވަނީ އިންތިހާބުގެ ނަތީޖާއާމެދު ރައްޔިތުންގެ މެދުގައި ސުވާލު އުފެދުމާއި ނާގާބިލު ފަރާތްތައް މަގާމުތަކަށް އިންތިހާބު ވުން ކަމަށެވެ.