ސަން ސިޔާމް އަކީ އަބަދުވެސް ތަފާތު ބޭފުޅެކެވެ. ރާއްޖޭގެ އެންމެ ޒުވާން، އަދި އެންމެ ކާމިޔާބު ވިޔަފާރިވެރީންގެ ތެރެއިންވެސް އެންމެ ތަފާތު އެއް ބޭފުޅަކީ ސިޔާމް އެވެ. ސިޔާމް އެންމެ ފާހަގަ ކުރެވެނީ، ވިޔަފާރީގައި ރިސްކް ނަންގަވަން ކެރިވަޑައިގަންނަވާ، ވިޔަފާރީގެ ތެރޭގައި އަމިއްލައަށް ހަރަކާތްތެރިވެވަޑައިގަންނަވާ، އަވަސް ނަތީޖާ ނެރުއްވާ ބޭފުޅެއްގެ ގޮތުގަ އެވެ.
ޓޫރިޒަމް ދާއިރާއިން ރާއްޖޭގެ ފަހުގެ ތާރީހުގައި އެންމެ ބޮޑު ކުރިއެރުމެއް ހޯއްދެވި ބޭފުޅަކީ ސިޔާމެވެ. ދާދި ފަހުން ހުޅުވި، "ސިޔާމް ވޯލްޑް" އާއި އެކު އޭނާ ވަނީ ރާއްޖޭގެ ޓޫރިޒަމްގެ ތާރީހު ވެސް ބަދަލުކޮށްލައްވައިފަ އެވެ. ސިޔާމް ވޯލްޑަކީ ރާއްޖޭގެ ތާރީހުގައި ހުޅުވި އެންމެ ބޮޑު ރިސޯޓެވެ. ވަސީލަތްތައް ފުރިހަމަވެފައި، ރީތިކަމާއި ކޮލިޓީއަށް ބަލާއިރުވެސް ސިޔާމް ވޯލްޑަކީ ދެވަނައެއް ނެތް ފަދަ ފުރިހަމަ ރިސޯޓެކެވެ.
ވިޔަފާރީގެ އިތުރުން، އަމިއްލަ ދިރިއުޅުމުގައި ވެސް ސިޔާމަކީ ތަފާތު ބޭފުޅެކެވެ. އަބަދުވެސް ފެންނަނީ ހުދު ހެދުމުގަ އެވެ. ޖަނަވާރާއި ދޫނި ގެންގުޅުއްވުމަކީ ސިޔާމްގެ ހާއްސަ ޝައުގެކެވެ. ސިޔާމްގެ އަމިއްލަ ފަސް ރިސޯޓު މިހާރު އޮތް އިރު، ބައެއް ރިސޯޓުތަކުގައި ސިޔާމް ދިރިއުޅުއްވާ ސަރަހައްދު ވަނީ މި ފަދަ ދޫނި ތަކުން ފުރައިލައިފަ އެވެ. ރިސޯޓު ކައިރީ ހުންނަ ބައެއް ރަށްރަށުގައި ބަކަރިވެސް ގެންގުޅުއްވަ އެވެ. ބަކަރި ގެންގުޅުއްވުމަކީ ވެސް ސިޔާމްގެ ހާއްސަ ޝައުގެކެވެ.
މި ލިސްޓަށް މިހާރު މި ވަނީ އަނެއްކާވެސް އާ ކަމެއް އިތުރުވެފަ އެވެ. ސިޔާމްގެ މި ތަފާތު ޝައުގަކީ މީގެ ކުރީން މީހުންނަށް އެނގިފައި ނެތް، ފެނިފައިވެސް ނެތް ކަމެކެވެ. އެއީ ސިޔާމްގެ ހިތުގައި އަހަށް އޮތް ޝައުގެވެ. "ވަން" އާ ވާހަކަދައްކަވަމުން ސިޔާމް މިއަދު ވިދާޅުވީ، ޓީވީ އެއްޗެހީން އަސް ފެންނާން ފެށީއްސުރެވެސް އަހަށް ހާއްސަ ގަދަރަކާއި ލޯތްބެއް ދެވިފައިވާ ކަމަށާއި ކޮންމެވެސް ދުވަހަކުން ހުދު ހެދުމެއް ލައިގެން، އަހަށް ސަވާރުވެ ހުކުރު ނަމާދަށް ވަޑައިގަތުމަކީ ދެކިވަޑައިގެންނެވި ހުވަފެނެއް ކަމަށެވެ.
"އެންމެ ފުރަތަމަ އަސް ޓީވީން ފެންނަން ފެށި އިރުއްސުރެވެސް އަހަކީ އަޅުގަނޑު ވަރަށް ޝައުގުވެރިވާ ލޯބިކުރެވޭ އެއްޗެއް. އެއީ ވަރަށް ބްލެސްޑް އެނިމަލްއެއް. އެހެންވެ އަބަދުވެސް ދެކެމުން އައި ހުވަފެނެއް ހުދު އަހެއްގެ މައްޗަށް ސަވާރުވެގެން، ހުދު ހެދުމެއްގައި ހުކުރު ނަމާދަށް ދިއުން އެއީ. މާތް ﷲ އިއްޔެ އަޅުގަނޑުގެ އެ ހުވަފެން ހަގީގަތަކަށް ހައްދަވައިދެއްވައިފި. އެކަލާންގެ ހަޟުރަތަށް ޝުކުރު އަދާކުރަން." ސިޔާމް "ވަން" އަށް ވިދާޅުވި އެވެ.
ސިޔާމް ވިދާޅުވީ އަސް މަތީގައި ހުކުރަށް ވަޑައިގެންނެވި އިރު ކުރެއްވުނީ ވަރަށް ތަފާތު އިހުސާސެއް ކަމަށެވެ.
ސިޔާމް ވިދާޅުވީ، އަހަކީ ޖަނަވާރުންގެ ތެރެއިން ވެސް ވަރަށް ތަފާތު ޖަނަވާރެއް ކަމަށާއި އެއީ އާދަޔާ ހިލާފު ގިނަ ހުނަރުތަކެއް ލިބިގެންވާ ޖަނަވާރެއް ކަމަށެވެ. މި ވަގުތު ހަތަރު އަސް ގެންގުޅުއްވާކަން ފާހަގަކުރައްވަމުން ސިޔާމް ވިދާޅުވީ، އެ އަސްތައް ގެންގުޅުއްވުމަށް ރިސޯޓުގައި ވަކި ސަރަހައްދެއް ހާއްސަ ކުރައްވާފައިވާ ކަމަށެވެ. ރިސޯޓަށް ޒިޔާރަތްކުރާ ފަތުރުވެރީންނަށް ވެސް އަސް ބޭނުން ކުރެވޭނެ ފުރުސަތު ފަހިކޮށްދެއްވުމަކީ އަމާޒެއް ކަމަށް ސިޔާމް ވިދާޅުވި އެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް