ހދ. ކުޅުދުއްފުށި ސިޓީގައި ހަލުވި ކަމާއެކު ކޮވިޑު ފެތުރެމުންދާތި އެރަށް މިއަދު މޮނިޓަރިން އަށް ލައިފި އެވެ.

ކުޅުދުއްފުށީ އުތުރު ދާއިރާގެ ކައުންސިލް މެންބަރު މުހައްމަދު ދާއޫދު "ވަން" އަށް މިއަދު ވިދާޅުވީ މިހާރުވެސް ކޮވިޑު ޖެހިފައިތިބި 180 އަށްވުރެ ގިނަ މީހުން އެރަށުގައި އެބަތިބި ކަމަށެވެ. އަދި ރޭ އެކަނިވެސް 10 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ދާއޫދު ވިދާޅުވީ ރޭގެ ނިޔަލަށް ފުލޫ ކުލިނިކަށް ދެއްކި 41 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ. ކޮންޓެކްޓުންގެ ތެރެއިން 119 މީހަކު ޕޮޒިޓިވް ވެފައިވާއިރު، ރެންޑަމްކޮށް ނެގި ސާމްޕަލް ތަކުން 24 މީހުން ޕޮޒިޓިވް ވެފައިވާއިރު ޑިޕާޗާ ސާމްޕަލް އިން އެކަކު ޕޮޒިޓިވް ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޖުމުލަ 185 މީހުން މިހާރު ވަނީ ޕޮޒިޓިވް ވެފަ. މީގެ ތެރެއިން އިއްޔެ މީހަކު ފަރުވާދިނުމަށް ކޮވިޑު ފެސިލިޓީއަށް ގެންދަން ވާހަކަ ދެކެވުނު. ގެންދިޔަ ކަމެއް ޔަގީނެއް ނޫން. ދެން ޕޮޒިޓިވް ވި މީހުންގެ ތެރޭގަ އެބަތިބި ހޮސްޕިޓަލުގެ މުވައްޒަފުންވެސް. ކައުންސިލްގެ މުވައްޒަފުންވެސް. ރޭ ނެގި ސާމްޕަލް ތަކުގެ ނަތީޖާ ލިބުނީމަ އެނގޭނީ ސްކޫލް ދަރިވަރުންނާއި ޓީޗަރުން ޕޮޒިޓިވް ވިކަން ނުވަތަ ނޫންކަން." އޭނާ ވިދާޅުވި އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ދާއޫދު "ވަން" އަށް މިއަދު ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވް ވި އެއްވެސް މީހެއްގެ ހާލު ސީރިއަސް ނޫން ކަމަށެވެ. އަދި ފެސިލިޓިގައި އެއްވެސް މީހަކަށް ފަރުވާ ދެމުން ނުދާ ކަމަށްވެސް ވިދާޅުވި އެވެ.

ރާއްޖޭގެ 19 ރަށެއް މިހާރު މޮނިޓަރިން އަށް ލާފައިވާއިރު މިއަދުގެ މިހާތަނަށް ތިން ރަށެއް ވަނީ މޮނިޓަރިން އަށް ލައިފަ އެވެ. އޭގެތެރޭގައި ބ. ގޮއިދު އާއި ކުޅުދުއްފުށްޓާއި ޅ. ކުރެންދޫ ހިމެނެ އެވެ.