ރަހުމަތްތެރިކަމުގެ ގުޅުން އުފެދިފައިވަނީ މަތިވެރި މަގުސަދެއްގައި ކަމުގައިވާ ނަމަ, އެއީ މާތްالله އެކަމުގައި ބަރަކާތް ލައްވަވާނެ ގުޅުމެއް ކަމަށް ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނީ ރަހުމަތްތެރީންނަކީ ޖަމާއަތެއްގެ ކުރިއެރުމާއި, ފަހަތަށް ޖެހުމުގައި ވަރަށް ބޮޑު ދައުރެއް އަދާކުރާ ބައެއް ކަމަށާއި ހިތްހަމަޖެހުމާއި ނުތަނަވަސްކަން ގެނެސްދިނުމުގައި އެމީހުންގެ އަސަރު ވަރަށް ބޮޑު ކަމަށެވެ. އަދި މީހުންގެ ހަޔާތާއި ވިސްނުމާއި ފިކުރަށް ވެސް ރަހުމަތްތެރީންގެ އަސަރު ވަރަށް ވެސް ބޮޑު ކަމަށް ބުނެފައިވެއެވެ.

"ރަހުމަތްތެރީން އިހުތިޔާރުކުރުމުގައި އިސްލާމް ދީން އަޅުގަނޑުމެންނަށް މަތިވެރި އިރުޝާދުތަކެއް ވަނީ ދެެއްވައިފައެވެ. ރަހުމަތްތެރިކަމުގެ ގުޅުން އުފެދި, ބޮޑުވެފައިވަނީ އިހުލާސްތެރިކަމާއި މަތިވެރި މަގުސަދެއްގައި ކަމުގައިވާ ނަމަ, އެއީ މާތްالله އެކަމުގައި ބަރަކާތް ލައްވަވާނެ ގުޅުމެކެވެ. އެއީ ދޯދިޔާ, ނުބައި ގުޅުމެއް ކަމުގައިވާ ނަމަ, އޭގެ ނުބައިކަން މާތްالله އެފަރާތަކަށް ރައްދުކުރައްވާނެއެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނީ ރަހުމަތްތެރިކަން ހާލިސްކުރެވިފައި އޮންނަން ޖެހޭނީ ހައްގަށް ކަމަށާއި މި ރަހުމަތްތެރިކަން އުފަންވެ, ބޮޑުވާން ޖެހޭނީ އީމާންކަމާއި އިހުސާންތެރިކަމުގެ މަގުގައި ކަމަށެވެ. އަދި މިގޮތަށް އުފެދޭ ރަހުމަތްތެރިކަމަކީ މާތްالله ދެކެ ލޯބިވުމުގެ ގިއުގަނޑުގެ ތެރޭގައި އޮންނާނެ ގުޅުމެއް ކަމަށް ވެސް ބުނެފައިވެއެވެ.

"މިފަދަ ރަހުމަތްތެރީންގެ އެހީ ބޭނުންޖެހޭ ވަގުތުތަކުގައްޔާއި މުސީބާތުގެ ވަގުތުގައި ލިބޭނެއެވެ. ތެދުވެރި ސާފު ރަހުމަތްތެރިކަމަކީ އިސްލާމް ދީން އެކަމަށް ގޮވައިލާ, އެކަމަށް ބާރުއަޅާ ކަމެކެވެ. މިފަދަ އެކުވެރިކަން ގާއިމުކޮށް, މާތްالله އަށްޓަކައި އެކަން ދެމެހެއްޓުމަށް އިސްލާމް ދީން ގޮވައިލައެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި އިތުރަށް ބުނީ މީހެއްގެ ފަރާތުން ލިބޭނެ ފައިދާއަށްޓަކައި ނުވަތަ އެމީހެއްގެ ގައިގައި ހުރި މޮޅުކަމަކަށްޓަކައި އެމީހަކު ދެކެ ލޯބިވުމަކީ އެހެން ބާވަތެއްގެ ރަހުމަތްތެރިކަމެއް ކަމަށާއި الله ގެ ވަޖުހުފުޅަށްޓަކައި މީހަކު ލޯބިވާ ލޯބިވުމުގެ ނަތީޖާ ފެންނާނީ އެކަމުގައި ހުރި އިހުލާސްތެރިކަމެއްގެ ސަބަބުން ކަމަށެވެ.