ޚަބަރު

ކޮވިޑް ޕީކުގައި 9000 އަށް އަރައިފާނެ، މި ރޭޓުން ދާނަމަ ލޮކްޑައުންއަކަށް ދާން ޖެހިދާނެ: ޑރ. އަފްޒަލް

އަލީ ޔާމިން

ރާއްޖެއިން މިހާރު ފެންނަ ކޮވިޑްގެ ކޭސްތައް ޕީކަށް އަރައިގެންދާއިރު، ދުވާލެއްގެ މައްޗަށް 6،000 އާއި 9،000 އާ ގާތްކުރާ އަދަދަކަށް މީހުން ކޮވިޑަށް ޕޮޒިޓިވްވާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެޕިޑިއަމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ފަަލަ ސުރުހީ" ޕްރޮގްރާމްގައި ޑރ. އަފްޒަލް ރޭ ވިދާޅުވީ، ރާއްޖޭގައި ކޮވިޑް ފެތުރެމުންދަނީ ވަރަށް ބާރު ސްޕީޑެއްގައި ކަމަށާއި މުޅި ރާއްޖެއަށް ކޮވިޑް ފެތުރިފައިވާ ކަމަށެވެ.

ޑރ. އަފްޒަލް ވިދާޅުވީ، އެވްރެޖުކޮށް ތިން ދުވަހުގެ ތެރޭގައި ކޭސްތައް ދެގުނަވާ ކަމަށާއި މިހާރުގެ އަންދާޒާތަކަށް ބަލާއިރު، ބަލީގެ ބޮޑު ޕީޕަކަށް ދާނެ ކަމަށެވެ.

"6،000 ނޫނީ 9،000 އެހާ ހިސާބަށްވެސް ހިނގައިދާނެ. އެއީ ޕްރޮޖެކްޝަންއެއް. ޕްރޮޖެކްޝަނަކީ އަންކޮންޓްރޯލްޑް އިވެންޓެއް. އެ ކޮންޓްރޯލް ކުރެވޭނީ ކޭސްލޯޑް ދަށްކޮށް އެންމެން ގުޅިގެން މަސައްކަތްކޮށްގެން" ޑރ. އަފްޒަލް ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ، ބަލި ކޮންޓްރޯލްކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް މިހާރު ކުރެވިއްޖެނަމަ ބަލި ކޮންޓްރޯލް ކުރެވޭނެ ކަމަށާއި ޕީކަށް އެރުމުން ބަލި ކޮންޓްރޯލް ކުރަން އުނދަގޫ ވާނެ ކަމަށެވެ.

ޑރ. އަފްޒަލް އިތުރަށް ވިދާޅުވީ، ކޮވިޑަށް މިހާރު މީހުން ޕޮޒިޓިވްވާ ރޭޓަށް ބަލާއިރު ލޮކްޑައުނަކަށްވެސް ދާން ޖެހިދާނެ ކަމަށާއި ނަމަވެސް ހަރުކަށި ފިޔަވަޅުތައް އެޅުމަކީ އެއްވެސް މީހަކު ބޭނުންވާނެ ކަމެއް ނޫން ކަަމަށެވެ.