ރިޕޯޓް

އަހަރެމެން މިތިބީ އެންމެ ބޮޑު ޕީކުގެ ތެރޭގައި، މިއީ ފިޔަވަޅުތައް ހަރުކަށި ކުރަންވީ ވަގުތު!

2

"ތިން ޕީކަކާ ކުރިމަތިލައިފި. މިހާރު ހަތަރު ވަނަ ވޭވެއް މި އައީ. ކުރިއަށް ލަފާކުރާގޮތުން ދައްކަނީ މިއީ ކުރީ ފަހަރުތަކަށްވުރެ މާބޮޑަށް ނުރައްކާ ވޭވަކަށް ވާނެކަމަށް. އެންމެ ފަހުގެ ޕީކްގައި އެއްމަހަށް ދެމިގެންދިޔަ. ނަމަވެސް މިފަހަރު ކުރިއަށްވުރެ ބަލި ޖެހޭ މީހުން އިތުރުވާނެކަމަށް ލަފާކުރެވޭތީ މި ވޭވް މަހަކަށްވުރެ ދިގު މުއްދަތަކަށް ދެމިގެންދާނެކަމަށް ލަފާކުރެވެނީ،" ހަތަރު ވަނަ ވޭވްގެ ބިރުވެރިކަން ސިފަކޮށްދެއްވައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެޕިޑެމިލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވެފައިވެއެވެ.

މީގެ މަހެއްހާ ދުވަސް ކުރިން ރާއްޖޭގެ ކޮވިޑް ކޭސްތަކުގެ އަދަދު އުޅުނީ 100 ގައެވެ. ހާއްސަކޮށް މާލެ ސަރަހައްދުގެ ކޭސްތަކުގެ އަދަދުތައް އުޅުނީ ނިސްބަތުން ވަރަށްވެސް ދަށުގައެވެ. ނަމަވެސް ކޮވިޑްގެ އާ ވޭރިއެންޓް، އޮމިކްރޯން މުޅި ދުނިޔެއަށް "މޫލަމުން" އެންމެ ފަހުން ރާއްޖެއަށްވެސް އެރީއެވެ. އެއާއެކު ކޮވިޑްގެ އަދަދުތައް ދުވަހެއް ދުވަހަކަށް ދިޔައީ "ޖަމްޕް" ޖަހަމުންނެވެ. މިހާރު ދުވާލެއްގެ މައްޗަށް 2،000 އަށް ވުރެ ގިނަ މީހުން ދަނީ ޕޮޒިޓިވްވަމުންނެވެ. އަނެއްކާވެސް ބިރުވެރި ދުވަސްތައް އިއާދަވެދާނެ ކަމުގެ ބިރު މިވަނީ މާ ބޮޑަށްވެސް ހީވެފައެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ އަދަދު އިންތިހާއަށް އިތުރުވެފައިވާއިރު، އިއްޔެއަކީ އަނެއްކާވެސް ކޮވިޑުން އާ ރެކޯޑެއް ހެދި ދުވަހެކެވެ. މިހާތަނަށް ރާއްޖޭގައި އެއް ދުވަހަކު އެންމެ ގިނަ މީހުން ޕޮޒިޓިވް ވީ އިއްޔެއެވެ. އިއްޔެ އެކަނި 2،199 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އެއާއެކު ކޮވިޑް ޖެހުނު މީހުންގެ އަދަދު 110،931 އަށް އަރާފައިވާއިރު، އެކްޓިވް ކޭސްތަކުގެ އަދަދު މިވަނީ 10،000 އިން މައްޗަށް އަރައިފައެވެ.

ކޮވިޑުގެ އާ ރެކޯޑެއް އިއްޔެ ހަދާފައިވާއިރު، އިއްޔެ އަކީ މި ފަހުގެ ތާރީހުގައި އެންމެ ގިނަ ބަޔަކު މި ބަލީގައި މަރުވި ދުވަހެވެ. އިއްޔެ އެކަނިވެސް ވަނީ ހަތަރު މީހަކު މަރުވެފައެވެ. އެންމެންނަކީވެސް އުމުރުން ދުވަސްވީ މީހުންނެވެ. އެއާއެކު މި ބަލީގައި މަރުވި މީހުންގެ އަދަދު މިވަނީ 269 އަށް އަރައިފައެވެ. ހަމައެހެންމެ މި ބަލީގައި ބޮޑުވަރުވެ، ހޮސްޕިޓަލުގައި ފަރުވާދޭ މީހުންގެ އަދަދުވެސް މިވަނީ އެތައް ގުނައަކުން އިތުރުވެފައެވެ. ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްގެން ފަރުވާދޭ މީހުންގެ އަދަދު މިވަނީ 43 އަށް އަރައިފައެވެ.

މާލޭގެ ހާލަތު ވަރަށް ގޯސް:

މަދު ދުވަސްކޮޅެއްގެ ތެރޭގައި މާލެ ސަރަހައްދުގެ ކޭސްތަކުގެ އަދަދު މިވަނީ ވަރަށް ބޮޑަށް އުފުލިގެން ގޮސްފައެވެ. މާލެ ސަރަހައްދުގެ ކޭސްތަކުގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަކަށް މިދަނީ ވަރަށްވެސް ބޮޑަށް އިތުރުވަމުންނެވެ. ހަމަ އެކަނި މި މަހުގެ 20 ދުވަހަކަށް ބަލައިލުމުންވެސް މާލެ ސަރަހައްދުގެ ހާލަތު ވަޒަންކޮށްލެވޭނެއެވެ. ރާއްޖޭގެ އެންމެ ގިނަ ބަޔަކު އުޅޭ، އަދި އެންމެ އާބާދީ ބޮޑު ސަރަހައްދަކީ މާލެ ސަރަހައްދުކަމަށް ވުމުން، ކޮވިޑް ފެތުރޭ ސްޕީޑްވެސް ވަރަށް ބާރެވެ.

މިމަހުގެ ފުރަތަމަ 20 ދުވަހު މާލެ ސަރަހައްދުން ޖުމުލަ 7،733 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އިއްޔެ އާއި އޭގެ ކުރީ ދުވަހު މާލެ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވްވި މީހުން އަދަދު އުޅެނީ 1،000 އިން މަތީގައެވެ. އިއްޔެ އެކަނިންވެސް 1،348 މީހަކު ވަނީ މާލެ ސަރަހައްދުން ޕޮޒިޓިވްވެފައެވެ. މިއީ ފަހުގެ ތާރީހެއްގައި މާލެ ސަރަހައްދުން މިހާ ގިނަ އަދަދަކަށް ޕޮޒިޓިވްވި ފަހަރެވެ. މީގެ ކުރިން ތިން ވަނަ ރާޅުގައި މާލެ ސަރަހައްދުން 1،500 އަށްވުރެ ގިނަ މީހުން އެއް ދުވަސް މަތިން ޕޮޒިޓިވްވެފައިވެއެވެ.

މި ނަންބަރުތަކުން މާލޭ ސަރަހައްދުގެ ހާލަތު ވަރަށް ބޮޑަށް ސާފެވެ. އެޗްޕީއޭއިން ދުވާލެއްގެ މައްޗަށް މާލެ ސަރަހައްދުން 4،000 އާ ގާތްކުރާ އަދަދަކަށް ސާމްޕަލް ޓެސްޓް ކުރަމުން އަންނައިރު، މާލެ ސަރަހައްދުގެ ޕޮޒިޓިވިޓީ ރޭޓް މިވަނީ 34 ޕަސެންޓަށް އަރައިފައެވެ. މިއީ ރާއްޖޭގައި މީގެ ކުރިން ކޮވިޑްގެ ހާލަތު އެންމެ ގޯސްވި ދުވަސްވަރުވެސް އަރައިފައި ނުވާ މިންވަރެކެވެ. މާލެ ސަރަހައްދުގެ ހާލަތު މިވަނީ ކަންބޮޑުވާ މިންވަރެއްގައެވެ.

ރާއްޖޭގެ ކޮވިޑް ހާލަތު ގޯސްވެ، އެލާޓް ލެވެލްވެސް މިވަނީ ރަތަށް ބަދަލުކޮށްފައެވެ. މިފަހަރު މާލެ ސަރަހައްދެކޭ އެއްވަރަށް މުޅި ރާއްޖޭގައިވެސް ދަނީ ކޮވިޑް ވަރަށް ބޮޑަށް ފެތުރެމުންނެވެ. އެގޮތުން މިމަހު އެކަނި ރާއްޖޭގެ އެކި ކަންކޮޅުތަކުން 4،374 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އިއްޔެވެސް ވަނީ 531 މީހަކު ޕޮޒިޓިވްވެފައެވެ. މިއީ މަދު ދުވަސްކޮޅެއްގައި އަތޮޅު ތެރެއިން އެންމެ ގިނައިން ޕޮޒިޓިވްވި ފަހަރެވެ. އަތޮޅުތެރޭގެ ހާލަތުވެސް ހުރީ ކަންބޮޑުވާ ހިސާބުގައެވެ.

މީގެ އިތުރުން ރާއްޖޭގެ ރިސޯޓްތަކުގައިވެސް ކޮވިޑް ދަނީ ވަރަށް ވެސް ބާރަށް ފެތުރެމުންނެވެ. އިއްޔެގެ ނިޔަލަށް މޮނިޓަރިންގައި 40 ރިސޯޓެއް އެބައޮތެވެ. މިއީ މިހާ ގިނަ އަދަދެއްގެ ރިސޯޓް މޮނީޓަރިންއަށް ލީ ފުރަތަމަ ފަހަރެވެ. ރިސޯޓްތަކުގެ ކޮވިޑް ނަންބަރުތައްވެސް މިފަހަރު އުޅެނީ ރެކޯޑް އަދަދަކަށް މަތީގައެވެ. އެގޮތުން އިއްޔެ އެކަނި 83 މީހަކު ޕޮޒިޓިވްވެފައިވާއިރު، މިއަހަރުގެ މިހާތަނަށް ރިސޯޓްތަކުން 1،790 އަށްވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވް ވެފައެވެ.

ދުވާލަކު 9،000 އާ ގާތްކުރާ އަދަދަކަށް މީހުން ޕޮޒިޓިވްވާނެ ކަމުގެ ބިރު!

ކޮވިޑްގެ އާ ވޭރިއަންޓް ކަމަށްވާ، އޮމިކްރޮންގެ ރާޅު ރާއްޖެއަށް މިވަނީ ވަރަށް ބޮޑަށް އަރައިފައެވެ. ސިއްހީ މާހިރުން އަންނަނީ މިފަހަރުގެ ރާޅުގެ ބިރުވެރިކަން ވަރަށްވެސް ބޮޑުވާނެ ކަމުގެ އިންޒާރު ދެމުންނެވެ. ކުރިން ތަޖުރިބާ ކޮށްފައި ނުވާ ހާލަތަކަށް ގައުމުގެ ކަންކަން ހިނގައިދާނެ ކަމަށް އެބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.

އޮމިކްރޯންގެ ފުރަތަމަ ޕީކް ނުވަތަ ކޮވިޑްގެ ހަތަރު ވަނަ ޕީކުގައި މާލެއެކޭ އެއްގޮތަށް އަތޮޅުތަކުން ފެންނަ ކޭސްތައް އިތުރު ވަމުންދާނެ ކަމަށް ޑރ. އަފްޒަލް ވަނީ ވިދާޅުވެފައެވެ. ކޮވިޑުގެ މިވަގުތުގެ ހާލަތު ވަރަށް ގޯސް ކަމަށާއި މި މަސް ނިމިގެންދާއިރު ކޭސްތައް ވަރަށް ބޮޑަށް މަތިވެގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

ޑެލްޓާ ވޭރިއެންޓާ އަޅައިބަލާއިރު، އޮމިކްރޮން ވޭރިއަންޓް ފާހަގަކޮށްފައިވަނީ މާ ނުރައްކާތެރި ވޭރިއެންޓެއްގެ ގޮތުގައެވެ. އެއީ މި ބަލި ފެތުރޭ މިންވަރު އެތައް ގުނައަކަށް އަވަސްވުމުގެ ސަބަބުންނެވެ. ބަލި ޖެހޭ މީހުންގެ އަދަދު އެތައް ގުނައެއް އިތުރުވެގެން ދާއިރު، އޭގެ ތެރެއިން ބަލީގައި ހާލުބޮޑުވާ މީހުންގެ އަދަދަދުތައް ވެސް މައްޗަށް އަރައިގެން ދާނެ ކަމަށް ސިއްހީ މާހިރުން ގެންދަވަނީ ވިދާޅުވަމުންނެވެ. އެހެންކަމުން މިފަހަރުގެ ނުރައްކާ ވަރަށްވެސް ބޮޑު ކަމަށް އެބޭފުޅުން ވިދާޅުވެއެވެ.

"އޮމިކްރޯން ވޭރިއަންޓުގެ ސަބަބުން، ކޮވިޑު އަވަހަށް ފެތުރޭތީ އެއީ ނުރައްކާތެރި ވޭރިއަންޓެއް ކަމަށް ބަލާނެ. ހާއްސަކޮށް މިބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާނަމަ ބަލީގައި ހާލު ސީރިއަސްވާ މީހުން ގިނަވާނެ،" ޑރ. އަފްޒަލް ވިދާޅުވެފައިވެއެވެ.

އޮމިކްރޮން ވޭރިއަންޓަކީ އަވަހަށް ފެތުރޭ ވޭރިއަންޓަކަށް ވުމުން، އެވްރެޖުކޮށް ތިން ދުވަހުގެ ތެރޭގައި ކޭސްތައް ދެގުނު ވާނެ ކަމަށާއި މިހާރުގެ އަންދާޒާތަކަށް ބަލާއިރު، ބަލީގެ ބޮޑު ޕީޕަކަށް ދާނެ ކަމަށް ބެލެވޭ ކަމަށް ސިއްހީ މާހިރުން ލަފާ ކުރެއެވެ.

"6،000 ނޫނީ 9،000 އެހާ ހިސާބަށްވެސް ހިނގައިދާނެ. އެއީ ޕްރޮޖެކްޝަންއެއް. ޕްރޮޖެކްޝަނަކީ އަންކޮންޓްރޯލްޑް އިވެންޓެއް. އެ ކޮންޓްރޯލް ކުރެވޭނީ ކޭސްލޯޑް ދަށްކޮށް އެންމެން ގުޅިގެން މަސައްކަތްކޮށްގެން،" ޑރ. އަފްޒަލް ވިދާޅުވެފައިވެއެވެ.

ފިޔަވަޅުތައް އެޅުން މާ ލަސްވެއްޖެ!

މީގެ ކުރިން ރާއްޖޭގައި ކޮވިޑްގެ ހާލަތު އެންމެ ގޯސްވެގެން ދިޔަ އިރުވެސް ފެނިގެން ދިޔައީ ވަރަށްވެސް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާ މަންޒަރެވެ. ހާއްސަކޮށް މާލެ ސަރަހައްދުގެ ފިޔަވަޅުތައް ވަރަށްވެސް ހަރުކައްޓެވެ. އެގޮތުން ކާފިއު ހިންގައި މާލެއިން ރަށްރަށަށް ދިއުން އޮތީ ހުއްޓުވާލައިފައެވެ. އަދި އެއްވެ އުޅުން މަނާ ކުރެވި، ހަރަކާތްތައް ހުއްޓުވައި، ވަރުގަދަ ފިޔަވަޅުތަކެއް އެޅިގެން ދިޔަ މަންޒަރު ފެނިގެން ދިޔައެވެ.

އެންމެ ފަހުންވެސް އެޗްޕީއޭއިން ފިޔަވަޅުތައް ހަރުކަށިކޮށްފައިވަނީ މިމަހުގެ ނުވަ ވަނަ ދުވަހުއެވެ. އެދުވަހުވެސް އަޅާފައިވަނީ ވަރަށް "ފިނި" ފިޔަވަޅުތަކެކެވެ. އެ ފިޔަވަޅުތަކަކީ 50 މީހުންނަށްވުރެ ގިނަ މީހުން ޖަމާވާ ގޮތަށް ހަފުލާތަކާއި އިވެންޓްތަކާއި އެއްވުންތައް ނުބޭއްވުމާއި 50 މީހުންނަށްވުރެ މަދުން މީހުން ހިމަނައިގެން ބާއްވާ ހަރަކާތްތައް އެޗްޕީއޭއިން ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ މިންގަނޑުތަކާއި ގައިޑްލައިންތަކާ އެއްގޮތަށް ބޭއްވުމެވެ. އަދި މަގުމަތީ ބާޒާރުތައް ނުބޭއްވުމާއި ކުޅިވަރު މުބާރާތްތައް، ކުޅިބަލާ މީހުންނަށް ވަދެވޭ ގޮތަށް ނުބޭއްވުމެވެ.

ރާއްޖޭގައި އެންމެ ގިނަ ބަޔަކު އެއްދުވަހަކު ޕޮޒިޓިވްވެ ރެކޯޑެއް މުގުރާލާފައިވާއިރު، އެޗްޕީއޭއިން އިތުރު ފިޔަވަޅެއް ނުވަތަ ފިޔަވަޅުތައް ހަރުކަށި ކުރަން އުޅޭ މަންޒަރު ފެނިގެނެއް ނުދެއެވެ. މިހާރުގެ ނަންބަރުތަކުން ކޮވިޑް ބިރުވެރިކަން މުޅި ރާއްޖެއަށް، ހާއްސަކޮށް މާލެ ސަރަހައްދަށް އޮތް މިންވަރު ފެނިގެންދެއެވެ. ނަމަވެސް އެޗްޕީއޭއިން "ވާނެ އެއްޗެއް ވާން" އަދި އޮތީ ދޫކޮށްލައިފައެވެ.

"މިހާ ބޮޑަށް މާލެ ސަރަހައްދުގައި ފެތުރެމުންދާއިރު، ކުޑަކުޑަ ފިޔަވަޅުތަކެއް އަޅައިގެން މިކަން ވާކަށް ނެތް. ވެކްސިން ކިޔުތަކާއި ޕީސީއާރް ކިޔުތަކުން މުޅި މާލެ ސަރަހައްދު މިވަނީ ފުރާލާފައި. މިހާ ހަލުއި މިނުގައި ފެތުރޭއިރު، އެކަންކަން އެބަ ޖެހޭ ބަދަލު ކުރަން. ފިޔަވަޅުތައް ހަރުކަށި ނުކޮށް ކިހިނެއް މިކަން މައިތިރި ކުރާނީ؟،" ޒުވާނަކު ސޯޝަލް މީޑިއާގައި ލިޔެފައިވާ ޕޯސްޓެއްގައިވެއެވެ.

ސިއްހީ މާހިރުން އަންދާޒާ ކުރާ ގޮތުގައި ކޭސްތަކުގެ އަދަދު ވަރަށް ބޮޑަށް އަރައިގެންދާނެއެވެ. އެހެންކަމުން މިވަގުތު ފިޔަވަޅު ނާޅައިފިނަމަ ކޮންޓްރޯލް ނުވެ، ބޮއްސުން ލައިގެން ހިނގައިދާނެއެވެ. އެކަށީގެންވާ މަސައްކަތްތަކެއް މިހާރު ކުރެވިއްޖެނަމަ ބަލި ކޮންޓްރޯލް ކުރެވިދާނެއެވެ. ނަމަވެސް ޕީކަށް އެރުމުން ބަލި ކޮންޓްރޯލް ކުރަން އުނދަގޫވާނެ ކަމަށްވެސް ސިއްހީ މާހިރުން ވިދާޅުވެއެވެ.

"ކޮވިޑަށް މިހާރު މީހުން ޕޮޒިޓިވްވާ ރޭޓަށް ބަލާއިރު ލޮކްޑައުނަކަށްވެސް ދާން ޖެހިދާނެ، ޕީކަށް އެރުމުން ބަލި ކޮންޓްރޯލް ކުރަން އުނދަގޫވާނެ، ނަމަވެސް ހަރުކަށި ފިޔަވަޅުތައް އެޅުމަކީ އެއްވެސް މީހަކު ބޭނުންވާނެ ކަމެއް ނޫން،" ޑރ. އަފްޒަލް ވިދާޅުވެފައިވެއެވެ.

އަޅާފައިވާ ފިޔަވަޅުތަކަށް ދޭ ސަމާލުކަންވެސް ކުޑަ

އެންމެންވެސް ދައްކަމުން ދަނީ އެއް ވާހަކައެކެވެ. މުޅި ރާއްޖޭގައި "ހެސްކިޔާފަ" ކޮވިޑް ފެތުރެމުންދާ ވާހަކައެވެ. އެކަމުގެ ބިރުވެރިކަން މިހާރު އޮތް މިންވަރެވެ. ނަމަވެސް މިކަންކަމަށް ފަރުވާލެއް ނުބަހައްޓައި އެތައް ބަޔަކު އުޅޭކަމީ މިއަދުވެސް ފެންނަ މަންޒަރެކެވެ.

މާލެ ސަރަހައްދުގެ ކޭސްތައް ދެގުނައަށް އިތުރުވެގެންދިޔަ އިރުވެސް، މާސްކު ނާޅައި އެތައް ބަޔަކު މަގުމަތީގައި އުޅެމުންދާ މަންޒަރު ފެނެއެވެ. ކޮންމެ މީހެއްގެ ފަހަތުގައި ފުލުހަކު ނުބެހެއްޓި ނަމަވެސް މިއީ ފަރުދީ ޒިންމާ އަދާ ކުރަންވީ ވަގުތުކަން ނަންބަރުތަކަށް ބަލައިލުމުންވެސް އެނގެއެވެ. ނަމަވެސް އެއްވެސް ފިކުރެއްނެތި، އެތައް ބަޔަކު މާސްކު ނާޅައި، މަގުމަތީގައި އުޅެމުންދެއެވެ. އޭގެން ނުކުންނާނެ ނަތީޖާއާ މެދު ވިސްނައިލުމެއް ނެތެވެ. ނުރައްކަލުގެ ތެރެއަށް މި ވައްޓައިލެވެނީ ތިމާއާއި ތިމާގެ މުޖުތަމައު އަދި ލޯބިވާ އާއިލާކަން ވިސްނުމެއް ނެތެވެ.

އެޗްޕީއޭއިން ގައިޑްލައިނާ އެއްގޮތަށް އިވެންޓްތަކާއި ހަފުލާތައް ބޭއްވުމަށް ވަނީ ހުއްދަ ދީފައެވެ. ނަމަވެސް ފެނިގެންދަނީ ހިތާނީ ޝޯތަކާއި ކައިވެނި ޕާޓީތަކުގައި އެއްވެސް ގައިދުކުރުކަމެއް ނެތި އެތައް ބަޔަކު އުޅޭ މަންޒަރެވެ. މާސްކު އެޅުމެއްނެތި، އެއްތަން ވެގެން ބޮޑުބެރަށާއި މިއުޒިކަށް ނަށަމުންދާ މަންޒަރަކީވެސް ކޭސްތަކުގެ އަދަދު ބޮޑުތަނުން އިތުރުވެގެންދާއިރުވެސް، ހުއްޓުމެއްނެތި ފެންނަމުންދާ މަންޒަރަކަށް މިވަނީ ވެފައެވެ.

މީގެ އިތުރުން ސިޔާސީ އާ ފޯރިއަކާ އެކު، މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ވެގެން ގޮސްފައި މިވަނީ، ސިޔާސީ ހަރަކާތްތައް އިތުރުވެގެންދިޔަ ކަމަކަށެވެ. އެއާ އެކު މާލެ ސަރަހައްދުގައި ބޮޑު ޕީކެއްގެ ބިރު އޮތްއިރު ކެމްޕެއިނަށް ފުރަ ފުރައިގެން އެތައް ބަޔަކު އަތޮޅު ތެރެއަށް ދަތުރުކުރަމުންދެއެވެ. ސިޔާސީ ވެރީންގެ ފަރާތުން ފެނިގެންދަނީ އަޅާފައިވާ ފިޔަވަޅުތަކަށް މާބޮޑު ސަމާލުކަމެއް ނުދީ، ކެމްޕެއިނާ ވެގެން އުޅޭ މަންޒަރެވެ.

ކޮވިޑްގެ ހަތަރު ވަނަ ރާޅުގެ ބިރުވެރިކަމުގެ ވާހަކަ ދައްކަމުންދާއިރު، މިއީ އެންމެންވެސް ގުޅިގެން މަސައްކަތް ކުރަންވީ ވަގުތެވެ. ހާއްސަކޮށް މި ދުވަސްވަރު ސިއްހީ މާހިރުން ދޭ ލަފަ އާއި އިރުޝާދުތައް އަޑުއެހުން ވަރަށްވެސް މުހިންމެވެ. މީގެ ކުރިން ރާއްޖެއިން ދެކެފައިނުވާ ވަރުގެ ބޮޑު ޕީކެއް އައިސްދާނެކަމުގެ ބިރުވެރި މަންޒަރު ސިއްހީ މާހިރުން ކުރަހައިދެމުން އަންނައިރު، ފަރުދީ ޒިންމާ އަދާ ކުރަންވީ ވަގުތު އައިސް އަނެއްކާވެސް މިއޮތީ ޖެހިފައެވެ. އެހެން ނޫން ނަމަ ރާއްޖެ މީގެ ކުރިން ނުދެކޭފަދަ ބިރުވެރި ހާލަތަށް ދިއުމަކީ މާ ދުރުގައި އޮތް ކަމެއް ނޫނެވެ.