ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރަން ގޮވާލައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަން ފަށާފައިވާ "އިންޑިއާ އައުޓް" ކެމްޕެއިން ހަރަކާތްތަކަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުالله ޔާމީން މާދަމާ ރ. ދުވާފަރަށް ވަޑައިގަންނަވާނެ ކަމަށް އެ ކޯލިޝަނުން ބުނެފިއެެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވީ، ރައީސް ޔާމީން ދުވާފަރަށް ވަޑައިގަންނަވަނީ އެރަށުގެ ރައްޔިތުންގެ އެދުމުގެ މަތިން "އިންޑިއާ އައުޓް" ކެމްޕޭނުގައި ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގައުމަށް ފޮނުވާލުމަށް ފަށާފައިވާ އެެ ކެމްޕޭނަކީ ރައީސް ޔާމީންގެ އިސްނެންގެވުމެކެވެ. އެ ކެމްޕޭނު އެންމެ ފުރަތަމަ މާލޭ ސަރަހައްދުގައި ކުރިއަށްގެންދިޔަ ނަމަވެސް ރައީސް ޔާމީން ޖަލުން މިނިވަންވުމާއެކު ވަނީ "އިންޑިއާ އައުޓް" ކެމްޕޭނު އަތޮޅުތެރޭގައި ފުޅާކުރަން ފަށައިފައެވެ. އެގޮތުން އެންމެ ފުރަތަމަ އެ ކެމްޕޭނު ކުރިއަށް ގެންގޮސްފައިވަނީ ކ. ގުރައިދޫ އާއި ކ. ތުލުސްދޫގައެވެ.

އެ ފަހުން ވަނީ ރައީސް ޔާމީނުގެ ބައިވެރިވުމާއެކު ރާއްޖޭގެ އެކި އަތޮޅުތަކުގައި އެ ކެމްޕޭނު ކުރިއަށް ގެންގޮސްފައެވެ. މިއިން ކޮންމެ ކެމްޕޭނެއްގައި ވެސް ރައީސް ޔާމީން ވަނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް ވަރަށް ބޮޑަށް ވާހަކަފުޅުދައްކަވައިފައެވެ. އަދި މި ސަރުކާރުން އިންޑިއާ އާއެކު ބާއްވާ ގާތް ގުޅުމަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވެއެވެ.

ރައީސް ޔާމީނުގެ ބައިވެރިވުމާއެކު އެންމެ ފަހުން "އިންޑިއާ އައުޓް" ކެމްޕޭނު ކުރިއަށް ގެންގޮސްފައިވަނީ ށ. އަތޮޅުގެ ރަށްތަކުގައެވެ.