ކުޅިވަރު

ރޮނާލްޑޯ ހިތްހަމަ ނުޖެހުނަސް، ބަދަލުކުރި ސަބަބު އެނގެން ޖެހޭނެ: ރަންގްނިކް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު މެޗުގައި ބްރެންޓްފޯޑު ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ޔުނައިޓެޑްގެ ގޯލުތައް ޖަހައިދިނީ އެންތޮނީ އެލަންގާ އާއި މޭސަން ގްރީންވުޑް އަދި މާކަސް ރަޝްފޯޑެވެ. ޔުނައިޓެޑުން މެޗުގައި ތިން ގޯލު ޖަހައި މޮޅުވާން ދަނިކޮށް އިވަން ޓޮނޭގެ ގޯލަކުން ބްރެންޓްފޯޑުން ނަތީޖާގެ ފަރަގު ކުޑަކުރި ނަމަވެސް ޔުނައިޓެޑުން ތިން ޕޮއިންޓް ޔަގީން ކުރިއެވެ.

މެޗަށްފަހު އެންމެ ބޮޑު ވާހަކައަކަށް ވެގެން ދިޔައީ މެޗުގެ ބާކީ 20 މިނެޓު އޮއްވައި، ކޯޗު ރާފް ރަންގްނިކް ޔުނައިޓެޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބަދަލުވި ކުރި ވާހަކައެކެވެ. އެ ބަދަލާއެކު ރޮނާލްޑޯ ހިތްހަމަ ނުޖެހިގެން ރަންގްނިކަށް ނުރުހުން ފާޅުކޮށްފައިވާ އިރު، މެޗަށްފަހު ކޯޗު ރަންގްނިކް ވަނީ އެ ބަދަލުގެ ތަފްސީލު ކިޔައިދީފައެވެ.

"އަހަރެން ނިންމުންތައް ނިންމާނީ މުޅި ޓީމަށް ފައިދާ ވާނެ ގޮތަކަށް. އެކަމަކު ރޮނާލްޑޯގެ މާޔޫސްކަން އަހަންނަށް ބަލައިވެސް ގަނެވޭ. އެއީ އާންމު ކަމެއް ދެން. ރޮނާލްޑޯ ހުރީ މާޔޫސްވެފައި. އެކަމަކު އަނިޔާއިން ރަނގަޅުވެގެން ކަން އެނގެން ޖެހޭނެ. ކަވާނީވެސް މިވަގުތު ހުރީ އަނިޔާގައި،" ކޯޗު ރަންގްނިކް ބުންޏެވެ.

ރަންގްނިކް ބުނެފައި ވަނީ ރޭގެ މެޗުގެ ކުރިން ޔުނައިޓެޑުން އެސްޓޮން ވިލާ ދަނޑުގައި އެޓީމާ ދެކޮޅަށް ކުޅުނު މެޗުގައި ގެއްލިގެން ދިޔަ ދެ ގޯލު ލީޑާ މެދު ވިސްނާލިޔަސް ރޭގެ ބަދަލު ސާފުވާނެ ކަމަށެވެ. ފަހު 13 މިނެޓުގައި ތެރޭގައި އެސްޓޮން ވިލާއިން ޔުނައިޓެޑް ކޮޅަށް ދެ ގޯލު ޖަހައި އެއްވަރު ކުރި މެޗަށް ބަލައި ރަންގްނިކް ބުނީ އެފަދަ ހާލަތެއް އައިސްދާނެތީ ބަދަލު ކުރަން މަޖުބޫރުވި ކަމަށެވެ.

"އަހަރެން ބުނިން ރޮނާލްޑޯ ކައިރީ ވިލާ މެޗުގައި ކަން ދިމާވިގޮތުން އިބުރަތް ހާސިލްކުރަން ޖެހޭނޭ. އަހަރެން އަމިއްލަ ނަފުސަށް ހެދުނު ގޯހެއް އެމެޗުގައި ފަހަތް ބަދަލުކޮށް ނުލެވުމަކީ. މި މެޗުގައިވެސް އޮތީ އެ ހާލަތެއްގައި. އެހެންވީމަ އެ ގޯސް ތަކުރާރުކުރަން ބޭނުން ނުވި. ރޮނާލްޑޯ އުމުރުން 36 އަހަރުގައި އެހުރީ ވަރަށް ފިޓްކޮށް، ކުޅުންތެރިއެއްގެ ވިސްނުމުގައި. ހެޑް ކޯޗަކަށް ހުރިނަމަ އެ ނިންމުން އެނގޭނެ. ރޮނާލްޑޯގެ ތަޖުރިބާގައިވެސް އެ ނިންމުން އެނގޭނެ،" ރަންގްނިކް ބުންޏެވެ.