ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުން އިމަޖެންސީ ސާޖަރީތައް ފިޔަވާ އެހެނިހެން ސާޖަރީތައް ހެދުން މެދުކަނޑާލަން ނިންމައިފި އެވެ.
އައިޖީއެމްއެޗުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ދުރާލައި ރާވައިގެން ކުރާ ސާޖަރީތައް މެދުކަނޑާލަން ނިންމާފައިވަނީ ރާއްޖޭގެ ކޮވިޑުގެ ހާލަތު ގޯސްވުމުގެ ސަބަބުން ކަމަށެވެ.
އެ އިއުލާނުގައި ބުނެފައިވަނީ ކޮވިޑު ކޭސްތައް އިތުރުވާތީ އެ ހޮސްޕިޓަލުން ދޭ ބައެއް ހިދުމަތްތަކަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށެވެ. އެގޮތުން މިވަގުތުގެ ހާލަތަށް ރިއާޔަތްކޮށް ހޮސްޕިޓަލުގެ ބައެއް އެހެން ހިދުމަތްތައް ވެސް ޑައުންގްރޭޑް ކުރާނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
ދުރާލައި ތާވާލުކޮށްގެން ހަދާ އާންމު ސާޖަރީތައް މެދުކަނޑާލަން ނިންމާފައި ވަނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ކަމަށާއި ކޮވިޑުގެ ހާލަތަށް ބެލުމަށް ފަހު މި ސާޖަރީތައް އަލުން ފަށާނެ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށް ވެސް އައިޖީއެމްއެޗުން ބުންޏެވެ.
އެ ހޮސްޕިޓަލުން ބުނީ އާންމު ސާޖަރީތައް މެދުކަނޑާލިޔަސް އިމަޖެންސީ ހިދުމަތްތައް 24 ގަޑިއިރު މެދުކެނޑުމެއް ނެތި ލިބޭނެ ކަމަށެވެ.
މީގެ ކުރިންވެސް ކޮވިޑުގެ ހާލަތާއި ގުޅިގެން އައިޖީއެމްއެޗުން ދެމުންގެންދިޔަ ބައެއް ހިދުމަތްތައް ވަނީ މެދު ކަނޑާލާފަ އެވެ.