ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ބަންދުކޮށްގެން ރާއްޖެ ގެނައުމަށް ބޭނުންވާ، އިނގިރޭސި ބަހުން ލިޔެފައިވާ ކޯޓު އަމުރު ހޯދަން ފުލުހުން ފޮނުވި ސިޓީ ކުރިމިނަލް ކޯޓަށް ލިބިފައިވާ ކަމަށް އެ ކޯޓުން ބުނެފި އެވެ.
ޖިންސީ ފުރައްސަރާއި ޖިންސީ ގޯނާގެ ގިނަ ދައުވާތަކެއް ދައުލަތުން ވަނީ އަލީ ވަހީދުގެ މައްޗަށް ކޮށްފައެވެ. އެ ދައުވާތައް ކޯޓުގައި ކުރިއަށް ދަނިކޮށް އަލީ ވަހީދު ވަނީ ބޭސް ފަރުވާއަށް ކަމަށްބުނެ އިނގިރޭސިވިލާތަށް ވަޑައިގެންފައެވެ. އޭނާ ރާއްޖެއިން ފުރަން ހުއްދަ ދިނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ޖާމިނު ވުމުންނެވެ. ޖާމިނު ވުމުގެ އެއްބަސްވުމުގައި އަޑުބަރޭ އިގުރާރުވީ ހަތަރު މަސް ދުވަސް ފަހުން އަލީ ވާހިދު ރާއްޖެ ގެންނާނެ ކަމަށާއި، އަދި އޭނާ ކޯޓަށް ހާޒިރުކުރާނެ ކަމަށެވެ.
ނަމަވެސް މުއްދަތު ފަހަނަ އަޅައިގެން ދިޔައިރުވެސް އަލީ ވަހީދު ކޯޓަށް ހާޒިރު ނުވާތީ އަޑުބަރޭ އާ މެދު ފިޔަވަޅު އަޅަން ވަނީ ނިންމާފަ އެވެ. އެކަމަކު ކޯޓު ރިސެސް އަކަށް ދިޔުމުން އޭނާއާ މެދު އަދި ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.
ކޯޓުން ވަނީ އިންޓަޕޯލް މެދުވެރިކޮށް އަލީވަހީދު ބަންދުކޮށްގެން ގެނައުމަށް ފުލުހުންގެ މައްޗަށް އަމުރު ކޮށްފަ އެވެ.
ފުލުހުންގެ މީޑީއާ އޮފިސަރު "ވަން" އަށް މީގެ ކުރިން ވިދާޅުވީ އަލީ ވަހީދު ނުގެނެވި ލަސްވަނީ އިންޓަޕޯލް އަށް ބޭނުންވާ މައުލޫމާތު ހިމެނޭހެން އިނގިރޭސި ކޯޓު އަމުރެއް ނުލިބިގެން ކަމަށެވެ. އަދި ދެ ފަހަރެއްގެ މަތިން އިނގިރޭސި އަމުރަކަށް އެދި ކޯޓަށް ސިޓީ ހުށަހަޅާފައިވާނެ ކަމަށްވެސް އޮފިސަރު ވިދާޅުވި އެވެ.
އެހެން ނަމަވެސް ކުރިމިނަލް ކޯޓުން ކުރީން ބުނީ ފުލުހުން ސިޓީ ފޮނުވި ކަމަށް ބުނާ ތާރީހުގައި އަދި މިމަހުގެ 13 ވަނަ ދުވަހާއި ހަމަޔަށްވެސް ފުލުހުން ފޮނުވި ސިޓީ އެ ކޯޓަށް ލިބިފައިނުވާ ކަމަށެވެ. އެކަމަކު ފުލުހުން ބުނީ 13 ވަނަ ދުވަހުގެ ކުރިން އެ ސިޓީ ފޮނުވި ކަމަށެވެ.
ކުރިމިނަލް ކޯޓުގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ ފުލުހުން ފޮނުވި ސިޓީ މިހާރު އެ ކޯޓަށް ލިބިފައިވާ ކަމަށެވެ. ނަމަވެސް ސިޓީ ލިބުނު ތާރީހެއް ހާމަ ކޮށްފައެއް ނުވެ އެވެ.
އޮފިސަރު ވިދާޅުވީ އިނގިރޭސި ބަހުން އަމުރު ނެރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި އަމުރު ނެރޭނެ ސީދާ ދުވަހެއް އެ ކޯޓުން ހާމަ ނުކުރާނެ ކަމަށެވެ.
އަލީ ވަހީދު ވިދާޅުވި މުއްދަތަށް އޭނާ ހާޒިރު ނުވެ، އޮންލައިންކޮށް ޝަރީއަތްތައް ބާއްވައިދިނުމަށް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ. ނަމަވެސް އޮންލައިންކޮށް އަލީ ވަހީދުގެ ޝަރީއަތްތައް ނުގެންދަން ސުޕްރީމް ކޯޓުން ކުރި އަމުރާ ގުޅިގެން ޝަރީއަތްތައް އެގޮތަށް ބޭއްވުން ވަނީ ހުއްޓާލައިފައެވެ.
އޭގެ ފަހުން ސުޕްރީމް ކޯޓަށް ހާޒިރުވާން އަލީ ވަހީދަށް އެންގި ނަމަވެސް ކޯޓަށް ހާޒިރުވެފައެއް ނުވެއެވެ. އަދި އެކަމާ ގުޅިގެން ކޯޓުގެ ހުރުމަތް ކެނޑީ ކަމަށް ކަނޑައަޅައި ދެ މަހާއި 12 ދުވަހަށް އަލީ ވަހީދު ޖަލަށް ލާން ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.