ގައުމީ އަންހެން ފުޓުބޯޅަ ޓީމުގެ ކޯޗަކަށް ސާބިއާގެ ޔޫއެފާ ޕްރޯ ލައިސަންސް ކޯޗެއް ކަމަށްވާ ޑޭވޯ ބާބާ ގެނެސްފިއެވެ.
ބާބާ ގައުމީ އަންހެން ޓީމާ ހަވާލުވިކަން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ މިއަދު ޔަގީންކޮށްދެއްވައިފައެވެ. ކޯޗު ބާބާއަކީ ސާބިއާގެ ފުރަތަމަ ޑިވިޝަންގެ ކްލަބުތަކުގެ އިތުރުން އޭޝިއާގެ އެކިއެކި ކްލަބުތަކާއެކުވެސް ގިނަ ދުވަސްތަކެއް ވަންދެން ކޯޗިން ތަޖުރިބާ ހޯދާފައިވާ ކޯޗެވެ.
އެގޮތުން ބާބާ ވަނީ ތައިލެންޑާއި، އޮމާންގެ އިތުރުން އިންޑިއާއި ބަރުމާ އަދި ބަންގުލަދޭޝް ކްލަބުތަކާއެކުވެސް މަސައްކަތް ކޮށްފައެވެ. 2010 ބަންގުލަދޭޝް ފުޓުބޯޅަ ޓީމުން އޭޝިއަން ގޭމްސްގެ ރަން މެޑަލް ހޯދި ޓީމުގެ އެސިސްޓެންޓް ކޯޗަކަށްވެސް ބާބާ ހުރި އިރު، އޭނާ ވަނީ 2016 ވަނަ އަހަރު މޮންގޯލިއާ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަންވެސް ކޮށްފައެވެ.
ފާއިތުވި އަށް ވަރަކަށް އަހަރަށް ބަލާއިރު ގައުމީ އަންހެން ޓީމުގައި ގިނަ ކޯޗުންތަކެއް މަސައްކަތްކޮށް ކުރިއެރުންތަކެއްވެސް ހޯދާފައިވެއެވެ. އެގޮތުން ޖަޕާނުގެ ކޯޗު ނައޯކޯ ކަވަމޯޓޯ އާއި ދިވެހި ކޯޗުން ކަމަށްވާ މުހައްމަދު އާތިފް (އާތީ) އާއި އިބްރާހީމް ހަލީމް (ޖަޑާ) އަދި އަހުމަދު ނާޝިދު (ނާދު) ވަނީ އަންހެން ފުޓުބޯޅައިގައި ރާއްޖެއަށް ރަނގަޅު ކުރިއެރުންތަކެއް ހޯދައިދީފައެވެ.
މީގެ ކުރިން ގައުމީ ޓީމާއެކު މަސައްކަތް ކުރި ޖަޕާނުގެ ކޯޗު ކަވަމޯޓޯއާއެކު ރާއްޖޭގެ އަންހެން ފުޓުބޯޅަ މުޅިން އާ ހަރުފަތަކަށް ގޮސްފައިވާ އިރު، އޭނާއާއެކު މުހިއްމު ކުޅުންތެރިންތަކެއް އުފައްދައި، ޓީމަށް ކާމިޔާބީ ހޯދައިދިނުމުގެ ބިންގާ އެޅިގެން ދިޔަކަން ފާހަގަވެގެން ދިޔައެވެ. އަންހެން ފުޓުބޯޅަ ޓީމުން ވަނީ އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި ސައުތު އޭޝިއަން ގޭމްސްގެ އަންހެނުންގެ ފުޓްބޯޅަ އިވެންޓުން ލޯ މެޑަލް ހޯދައިފައެވެ. އަދި އޭގެ ފަހުން ސިންގަޕޫރުގެ މުބާރާތެއްގައި ވެސް ތިން ވަނަ ހޯދިއެވެ.
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު