ޚަބަރު

ހައިޝަމް އާއި ޒިހާން އުމުރަށް ޖަލަށް، މަރުގެ ދިޔައަށް 1.3 މިލިއަން ރުފިޔާ

މުހައްމަދު އިޝާން

ރަހުމުކުޑަ ގޮތަކަށް މަރާލާފައި އޮއްވަައި ފެނުނު ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ކުށް ސާބިތުވެފައިވާ ހ. އަންނާރުމާގޭ/ އިސްމާއިލް ހައިޝަމް އާއި މ. އިރާސްމިކުގެ/ އަހުމަދު ޒިހާން އިސްމާއީލް އުމުރަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ކުރިމިނަލް ކޯޓުން އެގޮތަށް ހުކުމް ކުރީ ޔާމީން ރަޝީދު މަރާލިކަމަށް ސާބިތުވާ ކުށްވެރިންނަށް އަދަބު ކަނޑައެޅުމަށް މިރޭ ބޭއްވި ޝަރީއަތުގައެވެ. މިރޭގެ ޝަރީއަތުގައި ވަނީ ހައިޝަމް އާއި ޒިހާންގެ މައްޗަށް މަރުގެ ދިޔައިގެ 1.3 މިލިއަން ރުފިޔާ ދައްކަންވެސް ހުކުމްކޮށްފައެވެ.

އޭގެ އިތުރުން ކައްފާރާގެ ގޮތުގައި 60 ދުވަހު ރޯދަ ހިފަން ވެސް ވަނީ ހުކުމްކޮށްފައެވެ. އެ ދެ މީހުންގެ މައްޗަށް އިއްވި ހުކުމުގައި ބުނީ، ޔާމީން މަރާލާފައިވަނީ ރަމަޟާން މަހު ކަމަށްވާތީ މަރުގެ ދިޔައަށް ތިން ލައްކަ ރުފިޔާ އިތުރުކުރާ ކަމަށެވެ.

އެ ދެ މީހުންގެ މައްޗަށް މަރުގެ ހުކުމް އިއްވޭވަރަށް ކުށް ސާބިތުވެފައިވާތީ ހުކުމް އިއްވުމުގެ ކުރިން ޔާމީންގެ ވާރިސުންގެ ބަސް ވަނީ ހޯދައިފައެވެ. އެގޮތުން ޔާމީންގެ މަންމަ މަރިޔަމް ޝަފީގާ ޝަރީއަތުގައި ބުނީ ދިރިހުރުމަކީ އަސާސީ ހައްގެއްގެ ގޮތުގައި އޭނާގެ ދަރިފުޅު ދެކޭތީ މަރަށް މަރު ހިފަން ބޭނުންނުވާ ކަމަށެވެ. ބޭނުންވަނީ މަރުގެ ދިޔަ ކަމަށް އޭނާ ބުންޏެވެ. ޝަފީގާ ބުނީ މަރުގެ ދިޔައިގެ ގޮތުގައި ލިބޭ ފައިސާއިން ޔާމީންގެ ނަމުގައި ކޮންމެވެސް ކަމެއް ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

"އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ކުއްޖެއް ޔާމީން އަކީ ދިރިހުރިއިރު. އިންސާނަކަށް ވީތީ ދިރިހުރުމަކީ އަސާސީ ހައްގެއް ދަރިފުޅު ދެކޭ ގޮތުގައި. އެ ހައްގު އަޅުގަނޑުގެ ދަރިފުޅުގެ ކިބައިން ވަނީ ނިގުޅައިގެންފައި. ވީމާ ގިސާސް ހިފާކަށް ބޭނުމެއް ނޫން. ދިޔަ ބޭނުމީ. އޭނާގެ ނަމުގައި ކޮންމެވެސް ކަމެއް އެއިން ކުރެވޭނެ ކަމަށް ދެކެން،" ޝަފީގާ ބުންޏެވެ.

ޔާމީންގެ ބައްޕަ ޝަރީއަތުގައި ބުނީ އޭނާ ބޭނުން ވަނީ ދަރިފުޅު މަރާލި މީހުންނަށް މަރުގެ އަދަބު ދިނުމަށް ކަމަށެވެ. ކުށް ސާބިތުވި މީހުންނަށް މަރުގެ އަދަބު ލިބިގެން ނޫނީ ޔާމީނަށް އިންސާފު ލިބުނުކަމަށް ގަބޫލުނުކުރާނެ ކަމަށް ވެސް ޔާމީންގެ ބައްޕަ ބުންޏެވެ.

އޭނާ ބުނީ ޝަރީއަތުގެ މިހާ ހަމައަށް އައި އިރުވެސް ޔާމީންގެ ގާތިލުން އޭނާ އާއި އޭނާގެ އާއިލާގެ ކިބައިން މައާފަށް އެދިފައި ނުވާ ކަމަށެވެ. އަދި ރާވައިގެން ޔާމީން މަރާލާފައިވާތީ އޭނާގެ ފަރާތުން މައާފެއް ނުލިބޭނެ ކަމަށްވެސް ބުންޏެވެ.

"މިހާ ހިސާބަށް ޝަރީއަތް އައިއިރު ގާތިލުން އަޅުގަނޑުގެ ކިބައިންވެސް އަދި އާއިލާގެ ކިބައިންވެސް މައާފަކަށް ނޭދޭ. މައާފު ކުރުމަކީ އިސްލާމް ދީނުގެ ރިވެތި ސިފައެއް. އެކަމަކު މީހަކު މަރަން ރާވައިގެން ގަސްތުގައި މަރާލީމަ މައާފެއް ނުކުރެވޭނެ. އަޅުގަނޑުގެ ދެން ތިބި ދަރީން ބޭނުންވަނީ ގިސާސް ނުހިފަން. އެ ކުދީންނަށް ދޫކޮށްލީ،" ޔާމީންގެ ބައްޕަ ބުންޏެވެ.

ޔާމީން މަރާލި މައްސަލައިގެ ކުށް ސާބިތުވި ދެ މީހުންގެ މައްޗަށް ހުރިހާ ވާރިސުން ގިސޯސް ހިފަން ބޭނުންވާނަމަ މަރުގެ ހުކުމް އަންނާނެއެވެ. ވާރިސުންގެ ތެރެއިން އެއްވެސް ވާރިސަކު ގިސޯސް ހިފަން ބޭނުންނުވާނަމަ މަރުގެ ހުކުމް އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލުވާނެއެވެ. އެއީ 25 އަހަރަށް ޖަލަށް ލުމެވެ. ކުށް ސާބިތުވި މީހުންނަށް 25 އަހަރުގެ ޖަލު ހުކުމެއް އިއްވައި، އަދި މަރުގެ ދިޔައިގެ ގޮތުގައި 1.3 މިލިއަން ދައްކަން އަންގައި ކައްފާރާގެ ގޮތުގައި 60 ދުވަސް ވަންދެން ރޯދަ ހިފުމަށް ހުކުމްކޮށްފައިވަނީ ޔާމީންގެ މަންމަ ގިސޯސް ހިފަން ބޭނުން ނުވުމުންނެވެ.

ހައިޝަމް އާއި ޒިހާން، ޔާމީން މަރާލި މައްސަލައިގައި ޖަލުގައި ހަތަރު އަހަރާއި އަށް މަހާއި 11 ދުވަސް ހޭދަކޮށްފައިވާތީ އެ ދުވަސްތައް އުނިކޮށް ދެން ތަންފީޒުކުރަން ޖެހޭނީ 20 އަހަރާއި ތިން މަހާއި 19 ދުވަހެވެ.

އުމުރުން 29 އަހަރުގެ ޔާމީން 23 އޭޕްރިލް 2017 ވަނަ ދުވަހުގެ ރޭ ދަންވަރު މަރާލީ، އޭނާ ދިރިއުޅުނު އިމާރާތް މ. ސްޕެޓީއުލާ ގޭ ސިޑި ކައިރީގައި ތޫނު އެއްޗެހިން ހަމަލާދީގެންނެވެ.

އެ މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ ހަ މީހެއްގެ މައްޗަށް ދައުލަތުން އުފުލިއެވެ. އެ މީހުންގެ ތެރެއިން ކުށް ސާބިތު ނުވާކަމަށް ހުކުމްކުރި މީހުންނަކީ، ގދ. ގައްދޫ/ ސިންދުބާދުގޭ، މުހައްމަދު ދިފްރާނާއި މ. ކުދެހިގެ/ ހަސަން ޝިފާޒާއި މ. ތާއިފް/ އިސްމާއިލް ރަޝީދާއި މ. ކޮޅުފުށީ/ އީސްޓް، ހުސައިން ޒިޔާދެވެ.