ސިނަމާލެ ބުރިޖްގައި ރޭ ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް މަރުވެއްޖެއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި އެ އެކްސިޑެންޓުގައި މަރުވީ ސ. ހުޅުދޫ/ ސޯސަންގޭ، މުހައްމަދު ހައިކަލް އިސްމާއިލް، 21އ، އެވެ. އެ ޒުވާނާ މަރުވީ ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް މިއަދު ހަވީރުގެ ވަގުތެއްގައެވެ. ނަމަވެސް ލިބިފައިވާ އަނިޔާގެ ތަފުސީލެއް ސާފެއް ނުވެއެވެ.
ޒުވާނާ މަރުވި އެކްސިޑެންޓު ހިނގާފައިވަނީ ރޭގެ ވަގުތެއްގައި ސިނަމާލެ ބުރިޖުގެ ހުޅުމާލެއިން މާލެއަށް އަންނަ ލޭނުގެ މެދެއްހާ ހިސާބުންނެވެ. އެ އެކްސިޑެންޓު ހިނގި ވަގުތު ސައިކަލް ދުއްވަން އިނީ ޒުވާނާ އެކަންޏެވެ.
ފުލުހުން މިރޭ ބުނީ ހުޅުމާލެއިން މާލެއަށް ބާރު ސްޕީޑްގައި ދުއްފާއި ދިޔަ ސައުކަލެއް އޮފް ބެލެންސް ވެގެން ވެއްޓި މީހަކަށް އަނިޔާވެފައިވާ ކަމުގެ މައުލޫމާތު ރޭ 7:57 ހާއިރު ލިބިފައިވާ ކަމަށެވެ. އަނިޔާވެފައިވަނީ 21 އަހަރުގެ ފިރިހެނަކަށް ކަމަށާއި އޭނާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވެފައިވާ ކަމަށެވެ.
ފުލުހުން އަންނަނީ މި އެކްސިޑެންޓާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންނެވެ.
ހައިކަލްގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިރޭ 11:00 ގައި އާސަހަރާ މިސްކިތުގައެވެ.