ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިސްކިތެއް އިމާރާތްކުރުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އިސްލާމިކް މިނިސްޓްރީއާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަހުމަދު ޒާހިރެވެ. އަދި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދެވެ.
މި މިސްކިތް ފަރުމާކޮށްފައިވަނީ އެޗްޑީސީންނެވެ. އަދި މި މިސްކިތް ބިނާކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ އިސްލާމިކް މިނިސްޓްރީންނެވެ.
އެޗްޑީސީން ބުނީ މިއީ 30،655 އަކަފޫޓުގެ ބިމެއްގައި އިމާރާތް ކުރާ މިސްކިތެއް ކަމަށާއި މި މިސްކިތުގެ އެތެރޭގައި 1400 މީހުންގެ ޖާގަ އަދި ކޯޓްޔާޑާ ލައިގެން 3000 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މިސްކިތެއް ކަމަށެވެ. މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ދިމާވާ މައްސަލަތަކަށް ބަލައި، މި މިސްކިތް ފަރުމާކުރުމުގައި މިސްކިތުގެ ޖާގަ ބޮޑުކޮށް މީހުންނަށް ލުއިފަސޭހަވާނެ ގޮތްތަކަށް އިސްކަންދީފައިވާނެ ކަމަށްވެސް އެޗްޑީސީން ބުންޏެވެ.
އެގޮތުން މިސްކިތުގެ ކޯޓްޔާޑް ފަރުމާކުރެވިފައިވަނީ ބޮޑު ޖަމާއަތެއްގައި މީހުންނަށް އިށީނދެވޭ ގޮތަށް ކަމަށާއި އަދި 139 ސައިކަލު ޕާކް ކުރުމުގެ ޖާގަ ވެސް ދެވޭ ގޮތަކަށް ކަމަށެވެ.
މި މިސްކިތް ހުންނާނީ ހިޔާ ފްލެޓް ސަރަހައްދުގައެވެ. މި މިސްކިތަކީ ހުޅުމާލޭގެ ބިނާތަކުގެ ތެރެއިން ތަފާތު ފަންނުވެރިކަން ފެނިގެންދާނެ މިސްކިތަކަށްވާނެ ކަމަށްވެސް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން އިތުރަށް ބުނީ މި މިސްކިތް ބިނާކުރުމުން ވަރަށް ގިނަ ލުއިފަސޭހަތަކެއް އާންމު ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ. އޭގެތެރޭގައި ނަމާދުކޮށް ނިމުމުން މިސްކިތުން ފައިބަން ދިމާވާ ދަތިތަކަށް ހައްލެއް ލިބި އަދި ރަމަޟާން މަހުގައި މިސްކިތަށް އަރައި ފޭބުމުގައި ތޮއްޖެހުން ކުޑަވެ، ނަމާދުކުރަން ފަސޭހަ ވެގެންދާނެ ކަމަށެވެ.