ޚަބަރު

ތިލަމާލެ ބުރިޖުގެ ޓެކްނިކަލް ސާވޭތަކަށް ބޭނުންވާ އާލާތްތައް މާލެ ގެނެސްފި

މުހައްމަދު ޖަމްޝަތް ވަހީދު

1

"ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ނުވަތަ "ތިލަމާލެ" ބުރިޖު އެޅުމަށް ހަދާ އިތުރު ސާވޭތައް މަސައްކަތަށް ބޭނުންވާ ބައެއް އާލާތްތައް މާލެ ގެނެސްފިއެވެ.

މިކަމާ ގުޅިގެން ޕްލޭނިންގް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ މަޝްރޫއު ހަވާލުކޮށްފައިވާ އިންޑިއާގެ އެފްކޯންސް އިންފްރާސްޓަރަކްޗާގެ ފަރާތުން ތައްޔާރުކުރާ ޑީޓެއިލް ޑިޒައިނަށް ބޭނުންވާ ޖިއޯ ޓެކްނިކަލް ސާވޭތައް ކުރުމަށް ބޭނުންވާ ބައެއް އިކުއިޕްމަންޓްސް މިއަދު ރާއްޖެ ގެނެސްފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި މާލެ އަދި ވިލިމާލޭގައި ޖިއޯ ޓެކްނިކަލްގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ވެސް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

ޖިއޯ ޓެކްނިކަލް ސާވޭ ކުރުމަކީ އިމާރާތްކުރުމަށް ބޭނުންވާ ބިމުގައި ހިމެނޭ މާއްދާތަކާއި އެ ތަނުގެ ކްލައިމެޓަށް އަންނަ ބަދަލުތައް ބަލާ ދިރާސާ ކުރުމެވެ.

ތިލަމާލެ ބުރިޖު މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ފާއިތުވި އަހަރުގެ އޮގަސްޓް 26 ވަނަ ދުވަހުއެވެ. އިންޑިއާ ސަރުކާރުގެ ސަތޭކަ މިލިއަން ޑޮލަރުގެ ހިލޭ އެހީ އަދި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ މި ޕްރޮޖެކްޓަކީ ރާއްޖޭގައި މިހާތަނަށް ކުރިއަށް ގެންދާ އެންމެ ބޮޑު އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓެވެ.