އަޅުގަނޑު ކުޑައިރު މުސްކުޅިން ކިޔައިދޭ ވާހަކަ ތަކުގެ ތެރެއިން މަހަފޮތިކަލޭގެ (މަސްފޮތިކަލޭގެ) އާ ބެހޭ ވާހަކަ އަކީ ޝައުގުވެރި ކުރުވަނިވި މަޝްހޫރު ވާހަކަ އެކެވެ. އެ ވާހަކަ ރަށުގެ މުސްކުޅީން ތަފާތު ގޮތްގޮތަށް ކިޔާއިރު ވެސް މަސްފޮތި ކަލޭގެ ހުރި ތަނާއި ސިފަ ބަޔާން ކުރުމުގައި މާ ބޮޑު ތަފާތެއް ނުހުރެއެވެ. އަޅުގަނޑުގެ އުމުރުން ވިހި ފަންސަވީސް ހިސާބުގައި އަޅުގަނޑުގެ ޅިޔަނެއް ކަމަށްވާ ފުނާޑު މަގިއެދުރުގޭ އަލްމަރުޙޫމް އިބުރާހީމް މުހަންމަދު ދީދީގެ ފަރާތުން މި ވާހަކަ ވަނީ އަޑު އިވިފައެވެ. މީގެ އިތުރުން އަޅުގަނޑުގެ ބޮޑުބޭބެ ފުވައްމުލަކު ދަޑިމަގު ނަޔާގެ އަބުދުﷲ މުފީދު ސަރުވަތުގެ ފަރާތުން ވެސް ވަނީ "މަހަފޮތިކަލޭގެ" ވާހަކަ އަޑު އިވިފައެވެ.
ކޮންމެއަކަސް، "މަހަފޮތިކަލޭގެ" އަކީ ބަރަހަނާކޮށް ހަދާފައިވާ ބުދެކެވެ. ބުދުގެ އެއް އަތުގައި ރޯނު ފަށެއް ސިފަވާ ގޮތަށް ގަލުން ހަދާފައިވާ ފަށެއްގައި ހަތަރެސްކަނަށް އޮތް ގާގަނޑެއް ވަނީ އެލުވައިފައެވެ. މަހަފޮތިކަލޭގެއާ އެކު އޭގެ ކައިރީގައި އަންހެން ސޫރައިގައި ވެސް ބުދެއް ހަދާފައި ހުރި ކަމަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކައެވެ. މި ދެ ބުދު ވެސް ހުރީ ބޮޑު ހަވިއްތައާ ކުޑަ ހަވިއްތައާ ދެމެދު ހަވިއްތަތައް މީހާގެ ކަނާތް ފަރާތަށް ވާގޮތަށް އުތުރު ފަރާތަށް އެނބުރި ހުންނަ މީހާގެ ވާތް ފަރާތުގައެވެ. މަހަފޮތިކަލޭގެ ބަހައްޓާފައި ހުރި ހަތަރެސްކަނަށް ވާ ކަހަލަ ގަލެއް (ބިމާ ހަމަޔަށް ވަޅުލެވިފައި) ދާދި ފަހަކާ ޖެހެންދެން ވެސް އެ ސަރަހައްދުން އެނގެން އޮވެއެވެ.
އަބުދުﷲ މުފީދު ކިޔައިދެއްވާ ގޮތުން މަހަފޮތިކަލޭގެ ނިސްބަތް ވަނީ އިހު ޒަމާނުގައި އަރަބި ކަރައިގެ ނަވަކުން ބެހިގެން ފުވައްމުލަކަށް އާދެވުނު މީހަކަށެވެ.
އެނަވުން އައި މީހުންގެ ތެރޭގައި އަންބޮލަކެއު ކިޔާ މީހަކާ އޭނާގެ އަންހެނުން ވެސް ހިމެނެއެވެ. އެ ދުވަސްވަރު ފުވައްމުލަކުގައި މީހުން އުޅުނީ ހަވިއްތަ ހިމެނޭ ސަރަހައްދުގައިކަމުން އެ ދެމަފިރިން ވެސް އުޅުނީ އެ ސަރަހައްދުގައެވެ. އެއް ދުވަހަކު އަންބޮލަކެއުއާއި އެނާގެ އަންހެނުން މަސް ބާނަން ގޮސް އަންބޮލަކެއު މަސްބާނައި ދޮވެ ސާފުކޮށް ފަށެއްގައި އެމުނުމަށް ފަހު އަންހެނުންނަށް ދިއްކުރި ވަގުތު މަތިން ދިޔަ ޖިންނިއަކު ތިރިއަށް ފައިބައި ސިފަ ބަދަލުވި ވަގުތާ ދިމާވެ އެ ދެ މީހުން ވެސް ގައުވީއެވެ. މީހުން ކިޔާ ގޮތުން އެ ދެ ބުދުގެ ވެސް ބޯ ވަރަށް ބޮޑެވެ. އެ ދެ ބުދުގެ ވެސް އިސްކޮޅު ދާދި އެއްވަރެއްގައި ހުރިއިރު ފަސް ފޫޓަށްވުރެ ކުރުވާނެއެވެ. ކަނާތް ފަރާތަށް ބޮޑުވެފައި ލޯލިތަކެއް ވެސް ހުރި ކަމަށާއި ފިރިހެން ބުދުގެ އަތުގައި އޮތް މަސްފޮތި އަންހެން ބުދާއި ދިމާލަށް ދިއްކޮށްލައިގެން ހުރި ކަމަށްވެސް ކިޔައިދެއްވިއެވެ. މި ވާހަކަ ތިމަންނައަށް ކިޔައިދިނީ ތިމަންނަގެ ކާފަ (ބައްޕަގެ ބައްޕަ) ކަމުގައި ވެސް ވިދާޅުވިއެވެ. ބުދުގެ އިތުރުން ބުދު ކައިރީގައި މުސަޅެއްގެ އުސްމިނުގައި ހަދާފައިވާ ނީލަގެރި އެތެއްވެސް އޮތްކަމަށް ކިޔައި އުޅެއެވެ.
އެހެން ބައެއް މުސްކުޅީން ބުނާ ގޮތުގައި މި ދެ ބުދު ހެދީ އެސަރަހައްދުގައި ވަޒަންވެރިވެ އުޅުނު ރެދިންނެވެ (ޚިޔާލީ ޖިންނީންނަށް ކިޔާ ނަމެއް). އެމީހުންނަކީ ބޮލުގެ އިސްތަށިގަނޑު މުށި ކުލައިގައި ހުންނަ ބައެކެވެ. އެމީހުން ވާހަކަ ދައްކާ ބަހުރުވައެއް ވެސް ނޭނގޭކަމަށް ބުނެ އުޅެތެވެ. ބުދު ދީނުގެ މީހުން މަސްވެރިން ސިފަވާގޮތަށް ބުދު ހަދައެއް ނޫޅެއެވެ. ފުވައްމުލަކު ރައްޔިތުންނަކީ މުސްލިމުން ކަމުން އެމީހުން މިގޮތަށް ބުދު ހަދައި އުޅޭނެކަމަކަށް ނުބެލެވެއެވެ.
މި ވާހަކަތައް ދޫދޫ މަތީން ދެކެވެމުން އައިނަމަވެސް އެ ބުދު ހަލާކު ނުކޮށް ހުއްޓައި ދުށް މީހަކާ ދިމައެއް ނުވެއެވެ. އެ ބުދު ހުރި ސަރަހައްދަކީ ކުރީން މީހުން އުޅުމަށްފަހު ފަޅުކޮށް އެތައް ޒަމާނެއް ވަންދެން އޮތް ސަރަހައްދެކެވެ. ބޮޑަށް ބެލެވެނީ ޖިންނި ޝައިތާނުންގެ ވާހަކައާ ރެދިންގެ ވާހަކައަކީ އެ ބުދު ފެނުނު ފަހުން އެކި މީހުން އެކި ގޮތްގޮތަށް އުފައްދާފައިވާ ވާހަކަތަކެއް ކަމަށެވެ. އެހެންކަމުން ތާރީޚަށްޓަކައި މި ބުދާއި މިނޫނަސް މި ސަހައްދުން މިހާރު ވެސް ފެންނަ، ބައެއް ސޫރައިގައި ހަދާފައިވާ ތަކެތީގެ ހަގީގަތް ހޯދައި ބެލުމީ ނުހަނު ބޭނުންތެރި ކަމެއް ކަމުގައި ދެކެމެވެ.
***********
އެޑިޓަރުގެ ނޯޓު: މުނީރު ހަސަން އަކީ ފުވައްމުލަކު ކަތީބު ކަމާއި ބޮޑުކަތީބުކަން ކުރައްވާފައިވާ ބޭފުޅެކެވެ. ފުވައްމުލަކު ދަޑިމަގު އަވަށު ކައުންސިލުގެ ޒިންމާދާރުވެރިޔާކަމުގެ މަގާމުވެސް ފުރުއްވި އެވެ. އޭގެ ކުރީން ރަށުކައުންސިލްތަކުގެ ޒިންމާދާރުވެރިޔާގެ މަގާމުވެސް އަދާކުރެއްވި އެވެ. އޭނާއަކީ ފުވައްމުލަކުގެ ތާރީހު ދިރާސާ ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި މި ވަގުތު ފުވައްމުލަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ރަށުގެ ތާރީހީ މައުލޫމާތު އެންމެ ރަނގަޅަށް ދެނެވަޑައިގަންނަވާ މަދު ބޭފުޅުންގެ ތެރޭގައި މުނީރު ހިމެނިވަޑައިގަންނަވައެވެ.