ކުޅިވަރު

ޗެލްސީގެ މާޔޫސްކަމަށް އިތުރު ބޮޅެއް، ބްރައިޓަން އަތުންވެސް ޕޮއިންޓެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީން ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރު ވެގެން ނިމިއްޖެއެވެ.

ޗެލްސީން ލީގުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައިވެސް އެޓީމަށް މޮޅެއް ހޯދިފައި ނުވާ އިރު، ރޭ ބްރައިޓަން ދަނޑުގައި ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. މި ސީޒަން ވަރުގަދަކޮށް ފެށި ޗެލްސީގެ ފޯމު މިދިޔަ މަހުން ފެށިގެން ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ އިރު، ރޭގެ މެޗަކީ އެޓީމުން ޕްރިމިއާ ލީގުގައި އެއްވަރުވި އަށްވަނަ މެޗެވެ.

މިވަގުތު ލީގު ތާވަލުގެ އެއްވަނައިގައި މެންޗެސްޓާ ސިޓީ އޮތީ 22 މެޗުން 56 ޕޮއިންޓާ އެކުގައެވެ. ދެ ވަނައިގައި ލިވަޕޫލް އޮތީ 21 މެޗުން 45 ޕޮއިިންޓާ އެކުއެވެ. ތިން ވަަނަ މަގާމުގައި ޗެލްސީ އޮތީ 23 މެޗުން 44 ޕޮއިންޓް ހޯދައިގެންނެވެ. ޑިސެންބަރާ ހަމައަށް ލީގުގެ އެއްވަނައިގައި އޮތް ޗެލްސީ ސޮއްސާލައިގެން ގޮސް، މިހާރު އޮތީ ތަށްޓާ ވަރަށް ބޮޑަށް ދުރުގައެވެ.

މެޗު ފެށިގެން ޗެލްސީގެ ފަރާތުން ފެނުނީ ފަސޭހަ ބޯޅަތަކެއް ގެއްލުވާލައި، ބޯޅަ ނުހިފެހެއްޓިގެން އުޅުނު ތަނެވެ. އެހެން ނަމަވެސް މެޗުގައި ލީޑުނެގީ ޗެލްސީންނެވެ. ކައުންޓާ އެޓޭކެއްގައި ދިޔަ ބޯޅައެއްގެ ބޭނުން ހިފައި މެޗުގެ 28 ވަނަ މިނިޓްގައި ޗެލްސީ ލީޑު ނެގީ ހަކީމް ޒިޔެޗް ޖެހި ހިތްގައިމު ގޯލުންނެވެ. އޭރިއާބޭރުން ޒިޔެޗް ޖެހި ބޯޅަ ވައްދާލީ ސީދާ ގޯލުގެ ކަނަށެވެ.

މެޗުގެ ނަތީޖާ ހަމަހަމަ ކުރަން ބްރައިޓަން އިން ކުރި މަސައްކަތް ކާމިޔާބުވީ 60 ވަނަ މިނިޓްގައެވެ. މި ގޯލު ޖެހީ އަލެކްސިސް މެކްއަލިސްޓާ ނެގި ކޯނަރަކުން ބްރައިޓަންގެ ކެޕްޓަން އެޑަމް ވެބްސްޓާ ބޮލުންނެވެ. ލުނީ އެވެ. ޗެލްސީން މެޗުގެ ފަހު ކޮޅުގައި ގޯލަކަށް ބުރަކޮށް މަސައްކަތް ކުރި ނަމަވެސް އެޓީމަށް ކާމިޔާބެއް ނުވިއެވެ.

މެޗުގައި ދަށްކޮށް ފެނުނު ރޮމެލޫ ލުކާކޫއާއި ޖޯޖީނިއޯ އަދި ޒިޔެޗްގެ ބަދަލުގައި ކައި ހަވާޓްޒް، މަޓެއޯ ކޮވަސިޗް އަދި ޓިމޯ ވާނާވެސް ކޯޗު ތޯމަސް ޓުޗެލް ކުޅެން ނެރެފައިވާ އިރު، އެ ކުޅުންތެރިންނަށްވެސް އެންމެ އެދެވޭ ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ.