ޚަބަރު

ކުޑަކުދިންގެ ހިޔާގައި ހިނގި އަލިފާނުގެ ހާދިސާތަކާ ގުޅިގެން ޖިނާއީ ތަހުގީގެއް ހިންގަން އެދިއްޖެ

މުހައްމަދު އިޝާން

ވިލިމާލޭގައި ހުންނަކުޑަކުދިންގެ ހިޔާގައި އަލިފާނުގެ ހާދިސާތައް ހިނގާފައި ވަނީ އެ ތަނުގެ އިސްވެރިންގެ އިހުމާލުން ކަމަށް ބެލެވޭތީ، އެ މީހުން ޖަވާބުދާރީ ކުރުވުމަށް ޖިނާއީ ތަހުގީގެއް ހިންގައި ދިނުމަށް، ކުޑަކުދިންގެ އޮމްބަޑްސްޕާސަންސްގެ އޮފީހުން ފުލުހުންގެ ކިބައިން އެދިއްޖެއެވެ.

ކުޑަކުދިންގެ އޮމްބަޑްސްޕާސަން އޮފީހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދާ ކުޑަކުދިން ބައިތިއްބާ މަރުކަޒުތައް އަލިފާނުގެ ހާދިސާތަކުން ސަލާމަތް ކުރުމަށް ބޭނުންވާ ވަސީލަތްތައް ހުރުން ގާނޫނުތަކާއި ގަވާއިދުތަކުން ލާޒިމު ކޮށްފައި ވިޔަސް އެ ވަސީލަތްތައް ހިޔާގައި ނެތް ކަމަށެވެ.

އަލިފާނުގެ ހާދިސާތަކުން ސަލަމާތް ކުރުމަށް ބޭނުންވާނެ ވަސީލަތްތައް ނެތުމުން، ހިޔާއަކީ ކުޑަކުދިން ބޭތިއްބުމަށް އެކަށީގެންވާ ތަނެއް ނޫންކަން ޖެންޑާ މިނިސްޓްރީ އަށް އަންގާފައިވާނެ ކަމަށެވެ. ނަމަވެސް އެކަމަށް އެއްވެސް ސަމާލުކަމެއް ނުދީ އަދި އަލިފާނުން ރައްކާތެރިވުމަށް ބޭނުންވާ ސާމާނު ހޯދުމެއް ނެތި ކުދިން އެ ތަނުގައި ބައިތިއްބާ ކަމަށް ބަޔާނުގައިވެއެވެ.

ބަޔާނުގައި ވަނީ ދައުލަތުގެ ބެލުމުގެ ދަށުގައި ކުދިން ބައިތިއްބާ އުސޫލު ބަޔާންކުރާ ގަވާއިދަށް އަމަލުކުރަން ފަށާތާ ތިން މަސް ދުވަހުގެ ތެރޭގައި ފެސިލިޓީތަކުގެ ރައްކާތެރިކަމުގެ މިންގަނޑާއި އެމަޖެންސީގެ ހާލަތުތަކުގައި ކަންތައް ކުރާނެ ގޮތުގެ އުސޫލެއް ޖެންޑާ މިނިސްޓްރީން އެކުލަވައިލަން ޖެހޭނެ ކަމަށް ގަވާއިދުގައި ބުންޏަސް އެކަން ވެސް ކޮށްފައިނުވާ ކަމަށެވެ.

ގާނޫނާ ގަވާއިދާ ހިލާފަށް ހިޔާ ހިންގާތީ އާއި މިދިޔަ އަހަރުގެ މެއި ހަތަރު ވަނަ ދުވަހާއި ޖޫން ހަ ވަނަ ދުވަހުގައި އެތަނުގައި ހިނގާފައިވާ އަލިފާނުގެ ހާދިސާތަކާ ގުޅިގެން އެ މަރުކަޒުގެ މަސްއޫލު މަގާމުތަކުގައި ތިބި މުވައްޒަފުން ޖަވާބުދާރީ ކުރުވަން ޖިނާއީ ތަހުގީގެއް ހިންގަން ފުލުހުންގެ މުއައްސަސާގައި އެދިފައިވާނެ ކަމަށް ވެސް ކުޑަކުދިންގެ އޮމްބަޑްސްޕާސަން އޮފީހުން ވަނީ ބުނެފައެވެ.

ކުޑަކުދިންގެ މައްސަލަތަކުގައި އިހުމާލުވާ އިދާރާތަކަށް ފިޔަވަޅު އެޅުމުގެ ބާރު ގާނޫނުން އޮމްބަޑްސްޕާސަންސް އަށް ދީފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި 13 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިން ބެލެހެއްޓުމަށް އެންމެ ފުރަތަމަ ހާއްސަކުރި ތަނުގައި ވަނީ މިދިޔަ އަހަރު އަލިފާނުގެ ހަތަރު ހާދިސާއެއް ހިނގައިފައެވެ. އެ ތަނުގައި އެންމެ ފުރަތަމަ އަލިފާން ރޯވީ ކުދިންތަކެއް ނިދާ ކޮޓަރިއެއްގައެވެ.