ޔޫރަޕްގެ ގައުމެއް ކަމަށްވާ މޮންޓެނީގްރޯގެ ޑިފެންޑަރެއް ކަމަށްވާ ނެމެންޖާ ކާޓަލް މާޒިޔާ ސްޕޯޓްސް ކްލަބު އެންޑް ރެކްރިއޭޝަން ކްލަބަށް ސޮއިކޮށްފިއެވެ.
އުމުރުން 27 އަހަރުގެ ޑިފެންޑަރު ކާޓަލް މާޒިޔާއަށް ސޮއިކުރިކަން މިއަދު އެ ކްލަބުން ވަނީ އިއުލާން ކޮށްފައެވެ. ރާއްޖޭގެ އެންމެ ވަރުގަދަ ކްލަބު މާޒިޔާއަށް ބިދޭސީ ޑިފެންޑަރަކު ގެނެސްފައިވާ އިރު، މި ސީޒަނަށް އެ ކްލަބުން ތައްޔާރުވީވެސް ރާއްޖޭގެ ގައުމީ ޓީމުގެ އިތުރު ދެ ޑިފެންޑަރުން ސްކޮޑަށް އިތުރު ކޮށްގެންވެސް މެއެވެ. މިދިޔަ ސީޒަނުގައި ވެލެންސިއާއަށް ކުޅުނު ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލްޣަނީ (އަކޫ) އާއި ކްލަބު އީގަލްސްއަށް ކުޅެމުން ދިޔަ ހައިޝަމް ހަސަން ވެސް މި ސީޒަނަށް މާޒިޔާއަށް ގެންގޮސްފައިވެއެވެ.
ރާއްޖޭގެ ގައުމީ ޓީމުގެ ސްކޮޑުގައި ހިމެނޭ ގިނަ ކުޅުންތެރިންތަކަކާއެކު މިހާރުވެސް އޮތް މާޒިޔާއަށް އިތުރު ބިދޭސީ ޑިފެންޑަރަކު ގެނައުން ވެގެންދާނީ އެޓީމުގެ ސްކޮޑު އިތުރަށް ވަރުގަދަވާނެ ސަބަބަކަށެވެ. އަލަށް ޓީމަށް ގެނައި ކާޓަލް ވަނީ މީގެ ކުރިން ސާބިއާގެ އިތުރުން ބޮސްނިއާ އަދި ގްރީސްއާއި މޮންޓެނީގްރީގެ ފުރަތަމަ ޑިވިޝަންތަކުގައި ކުޅެފައެވެ. އިސްކޮޅުގައި ހަ ފޫޓު ފަސް އިންޗި ހުންނަ ޑިފެންޑަރު އެންމެފަހުން ކުޅެފައި ވަނީ މޮންޓެނީގްރޯގެ ފުރަތަމަ ޑިވިޝަން ކްލަބެއް ކަމަށްވާ ރޫޑާ ޖެވްޖާއަށެވެ.
އޭގެ ކުރިން ކާޓަލް ވަނީ ގްރީސްގެ ޕައޮކް އެފްސީ އަށާއި ސާބިއާގެ ރެޑެނީކީ ނީސް އަދި ބޮސްނިއާ ލީގުގެ ރޫޕާއަށްވެސް ކުޅެފައެވެ.
މާޒިޔާއިން ސީޒަންގެ ފުރަތަމަ މުބާރާތް ކަމަށްވާ ޕްރެސިޑެންޓްސް ކަޕްގައި މިހާތަނަށް ކުޅުނު ހަ މެޗުން ފަސް މެޗު ކާމިޔާބު ކޮށްފައިވާ އިރު، ބަލިވީ ހަމައެކަނި ގްރީން ސްޓްރީޓްސް އަތުންނެވެ. އެޓީމަށް ޕްރެސިޑެންޓްސް ކަޕްގެ ފައިނަލް ޔަގީން ކުރެވެން އޮތީ ފަހު މެޗުގައި މާދަމާ ރޭ ވެލެންސިއާއާ ދެކޮޅަށް ނަތީޖާ ނެރެގެންނެވެ.
މި ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމުގެ ދެ ޑިފެންޑަރުންނާއި މިއަދު އިއުލާން ކުރި ކާޓަލްގެ އިތުރުންވެސް މާޒިޔާއިން ވަނީ ނޭޕާލް ގައުމީ ޓީމުގެ ގޯލްކީޕަރު ކިރަން ކުމާރުވެސް ޓީމަށް ގެނެސްފައެވެ. ރާއްޖޭގައި ތިބި އެންމެ ވަރުގަދަ ކުޅުންތެރިން ހިމެނޭ މާޒިޔާގެ ޓީމަށް ކިރަން އާއި އަކޫ ފަދަ ތަޖުރިބާކާރު ދެ ކުޅުންތެރިން މި ސީޒަނަށް އިތުރުވެގެން ދިޔުންވެސް ވީ އެ ކްލަބުން އޭއެފްސީ ކަޕުގައި ކުރިއަށް ދާން ކުރަމުން އަންނަ މަސައްކަތަށް ހިތްވަރަކަށެވެ.
މިސީޒަނަށް މާޒިޔާއިން ނުކުންނާނީ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން)ގެ ކޯޗުކަމުގެ ދަށުންނެވެ. މާޒިޔާއިން މިދިޔަ ސީޒަންގައި ޖެހިޖެހިގެން ދެވަނަ ފަހަރަށް ލީގު އުފުލާލި ނަމަވެސް އޭއެފްސީ ކަޕް ދިޔައީ އުނދަގޫކޮށެވެ. އޭއެފްސީ ކަޕްގެ ގްރޫޕް ޑީގެ ފުލުގައި މާޒިޔާ ނިންމާލި އިރު، ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުންވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ. އެހެން ކަމުން މި ސީޒަންގައި އެޓީމުން އޭއެފްސީ ކަޕަށް ވަރަށް ބޮޑަށް ފޯކަސް ކުރާނެ ކަމަށް ބެލެވެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު