ރާއްޖެ އަށް ފަސްކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ދައުވާކުރި ބަންލަދޭޝްގެ ޖަސިމުއްދީންގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ކުރިިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ރާއްޖެއަށް މަސްތުވާތަކެރި އެތެރެ ކުރިކަމުގެ ދައުވާ އޭނާގެ މައްޗަށް ކޮށްފައި ވަނީ 2017 ވަނަ އަހަރުގެ ޖޫން މަހުގެ ފަސްވަނަ ދުވަހު މޯލްޑިވިއަންގެ ފްލައިޓްގައި އޭނާ ބަންލްދޭޝަގެ ވެރިރަށް ޑާކާއިން ރާއްޖެ އައިއިރު ގެނައި ފޮށިގަނޑެއްގެ ތެރެއިން ފެނުނު ހަ ޕްލާސްޓިކު ތަށީގެ ތެރޭގައި އޮތް ހަ ކޮތަޅުގައި ފަސްކިލޯއަށްވުރެން ގިނަ ކެނަބިސް ރާއްޖެ އެތެރެ ކުރި ކަމުގެ ކުށުގައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި ޖަސިމުއްދީން ބުނެފައި ވަނީ އޭނާގެ ލަގެޖުން ފެނުނު މަސްތުވާތަކެތި ހުރި ފޮށިގަނޑަކީ އޭނާ މަސައްކަތްކުރާ ސަންސިޔާމް ކުންފުނީގެ ސަންސެޓް 20 ނަމްބަރު ލޯންޗުގެ ކުރޫއެއް ކަމަށްވާ ކަބީރު ހޮސައިން ގެ އަންހެނުން އޭނާއަށް ދިނުމަށް ހަވާލު ކުރި ފޮށިގަނޑެއް ކަމާއި، އެ ފޮށިގަނޑު ކަނޑާފައި ނުވާކަމަށާއި، އަމާނާތެއްގެ ގޮތުގައި ހަވާލު ކުރުމަށް ކަބީރު ހޮސައިންގެ އަންހެނުން ދިން ފޮށިގަނޑެއްކަމުން އޭގައި މަސްތުވާތަކެތި ހުރިކަން އެއްވެސް ވަރަކަށް އޭނާއަށް ނޭނގޭ ކަމަށެވެ.

އެހެންކަމުން އެތަކެތި ރާއްޖެ އެތެރެކުރުމުގައި ބައިވެރިވެފައިވަނީ ކޮން ބައެއްތޯ ބެލުމަށް ފުލުހުން ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަންގައި، އެފޮށިގަނޑާ ހަވާލުވާން ދިޔަ ބަންލަދޭޝް ދެމީހުން ކަމަށްވާ ޝަހައެތު ހޮސައިން އާއި ކަބީރު ހޮސައިން ވެސް ފުލުހުން ހައްޔަރު ކުރިއެވެ.

ނަމަވެސް އެ މީހުންގެ މައްޗަށް ދައުވާކޮށްފައެއް ނުވެއެވެ. އެކަމާ ބެހޭގޮތުން ޝަރީއަތުން ސުވާލު އުފެއްދުމުން ދައުލަތުން ބުނެފައި ވަނީ އެ ދެމީހުންގެ މައްޗަށް ދައުވާ ކުރާ ވަރަށް ހެކި ލިބިފައި ނުވާ ކަމަށެވެ.

މި މައްސަލަ ބެލުމަށްފަހު އިއްޔެ ކުރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ، ޖަސިމުއްދީންގެ މައްޗަށް ދައުލަތުން ކުރި ދައުވާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތު ނުވާ ކަމަށެވެ.

މި ދައުވާ އޭނާގެ މައްޗަށް ސާބިތު ނުވާ ސަބަބު ތަކުގެ ތެރޭގައި، އެ މަސްތުވާތަކެތި ހުރި ފޮށިގަނޑުގައި ޖަސިމުއްދީންގެ އެއްވެސް އެއްޗެއް ނެތްކަމަށް އޭނާ ބުނި ބުނުން ދައުލަތުން ނަފީކޮށްފައި ނުވުމާއި، އެ ފޮށިގަނޑުގެ އެތެރޭގެ އެއްވެސް ތަނެއްގައި އޭނާގެ ފިންގާ ޕްރިންޓް ނިޝާނެއް ނުވަތަ އެނޫންވެސް ޑީއެންއޭ ފަދަ އެއްޗެއް ހުރިކަން ދައުލަތުން ބަލާފައިވާކަން އެނގެން ނެތުން ހިމެނެއެވެ.

އޭގެ އިތުރުން މަސްތުވާތަކެތީގެ އަސްލު ވެރިފަރާތްކަމަށް ބުނާ ފަރާތް ހައްޔަރު ކުރެވުނު ނަމަވެސް ފެނުނު މަސްތުވާތަކެއްޗާމެދު އެފަރާތުގެ ބަސް ޝަރީއަތަށް ހުށަހެޅިފައި ނުވުމާއި، އެކަމުގެ ހަގީގަތާ ހަމައަށް ވާސިލުވުމަށް އިތުރު އެއްވެސް މަސައްކަތެއް ކުރެވުނުކަން ފެންނަން ނެތުން ހިމެނެއެވެ.