ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާ ދިމާކޮށް ސަރުކާރުން އެ ދާއިރާގެ ރައްޔިތުންނަށް ދައްކަމުންދާ ހުވަފެންތަކަށް ރައްޔިތުން ނުހެއްލޭނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ކޮމަންޑޫ ދާއިރާއަށް އެމްއެންޕީގެ ފަރާތުން ވާދަކުރާ އަބްދުލް ހަންނާނު އިދުރީސްގެ ވައުދުތައް އިއުލާނުކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ މި ދުވަސްވަރު އަނެއްކާވެސް ސަރުކާރުގެ ފަރާތުން ތަރައްގީގެ ވާހަކަތައް ދެކެވެން ފަށާފައިވާ ކަމަށެވެ.
"ހަންނާނުގެ ކެމްޕޭނަށް ކޮމަންޑުއަށް ގޮސް ސަރުކާރުން ވަމުންދާ ވައުދުތަކާ ގުޅިގެން އުމުރުން ދޮށީ މީހަކާ ވާހަކަ ދައްކާލަމުން އެނގުނީ އެއީ މީގެ 15 އަހަރު ކުރިން ވެސް ދައްކަވަމުން އަންނަ ވާހަކަތަކެއް ކަން،" ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ފާއިތުވި އަހަރުތަކުގައި ނުވި ކަމެއް ބައި އިލެކްޝަނާ ދިމާކޮށް ކުރާނެ ކަމަށް ސަރުކާރުން ބުންޏަސް އެކަން ގަބޫލުކުރާނެ މީހަކު ނުވާނެ ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރުން ވައުދުވެފައިވާ އެއާޕޯޓުގެ މަޝްރޫއު އާއި ރިސޯޓުގެ މަޝްރޫއަކީ އެ ދާއިރާގެ ރައްޔިތުން އަބަދުވެސް އަހަމުން އަންނަ ވައުދުތަކެއް ކަމަށާއި ސަރުކާރުން ވަމުންދާ ވައުދުތައް ރައްޔިތުން މިހާރު ގަބޫލުކުރަމުން ނުދާ ކަމަށެވެ.
"އަޅުގަނޑު އެއް ކަމެއް ތިބޭފުޅުންނާ ހިއްސާކޮށްލަން ބޭނުން. އާދެ އެއާޕޯޓުގެ ވާހަކައާ ބެހޭގޮތުން އަޅުގަނޑު އިއްޔެގައި ކޮމަންޑޫގެ ބޭފުޅަކާ މަޝްވަރާކޮށްލިން، މިއީ ކިހިނެތްވާ ކަމެއްތޯ މީ ކިހާދުވަހަކުން ފެށިގެން އުޅޭ ކަމެއްތޯ ވާހަކަދައްކާލިން އާދެ ހަމަމިއާއެކު ރިސޯޓުގެ ވާހަކަވެސް ދައްކާލިން. ސަރުކާރުން ދެން މިހާރު ރައްޔިތުން ގުނބޯ ހައްދަން ނޫޅުއްވައި ސަރުކާރުން ދެން ތިދައްކާ ނަނާ ހުވަފެން ދެނެއް މި ދާއިރާއަކުން ގަބޫލުކުރާނެ މީހަކު ނެތޭ. އެހެންވެ އެކަން ހަދާން ނައްތާލާށޭ،" ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ރައްޔިތުން މިހާރު ބޭނުންވަނީ ޖީބަށް ބަރުކުރަން ކަމަށާއި ރައްޔިތުން ބޭނުންވަނީ ރަށުގައި އަތުރާލާ ގާކޮޅަށް ވުރެ ބޮޑަށް ފުދުންތެރިކަން ކަމަށެވެ. އަދި ރައްޔިތުން ބޭނުންވާ ފުދުންތެރިކަން ގެނެސްދެވޭނީ އެމްއެންޕީއަށް ކަމަށާއި ހަންނާނުގެ މެނިފެސްޓޯގައި އެކަން ކުރާނެ ގޮތުގެ ތަފުސީލު ހިމެނިފައިވާނެ ކަމަށް ވިދާޅުވިއެވެ.
ކޮމަންޑޫއަކީ މީގެ ކުރިން އެހެން ރަށްރަށުން ދަރިވަރުން ކިޔަވަން އަންނަ ރަށެއްކަން ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ މިހާރު ކޮމަންޑޫގެ ސްކޫލުގައި ގްރޭޑު 10 ގައި ކިޔަވަމުން އަންނަނީ މަދު ދަރިވަރުންތަކެއް ކަމަށާއި އެރަށުގެ ތައުލީމަށް އިސްކަންނުދީ އެހެން ކަންކަމުގެ ވާހަކަ ދެއްކުމަކީ ބޭކަރު ކަމެއް ކަމަށެވެ.
ނާޒިމް އިތުރަށް ވިދާޅުވީ ކޮމަންޑޫގައި ހާއްސަ އެހީއަށް ބޭނުންވާ 40 މީހުން އެބަތިބި ކަމަށާއި އެ މީހުންނަށް ބޭނުންވާ ބޭސް ފަރުވާގެ ހިދުމަތް ނުލިބޭ ކަމަށެވެ. އަދި ވިދާޅުވީ ކޮމަންޑޫގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ދޭން ޖެހޭ ފަރުވާގެ ކަންކަމަށް އެރަށުގައި ހުރި ކްލިނިކެއް ތަރައްގީ ކޮށްދޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު