ފ. ނިލަންދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތް ކުރުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ނިލަންދޫގައި މިސްކިތެއް އަޅަން ހައިރައިސިން ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލު ކޮށްފައިވާ ކަމަށެވެ.

މި އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ އިސްމާއިލެވެ. އަދި އިސްލާމިކް މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އެވެ.

ޖުމުލަ 365 ދުވަސްތެރޭގައި އިމާރާތްކުރާގޮތަށް ހަމަޖެހިފައިވާ މި މިސްކިތުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 14 ވަނަ ދުވަހު އެވެ. ދިވެހި ދައުލަތުން 11.8 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާ މި މިސްކިތަކީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އަދި މި މިސްކިތުގައި އަންހެނުންނަށް ނަމާދުކުރެވޭނެ އިންތިޒާމުވެސް ހަމަޖެހިފާ ހުންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި މިސްކިތް އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ މިދިޔަ އަހަރު ތައްޔާރުކޮށްފައިވާ ޑިޒައިނަކަށް ކަމަށެވެ. އަދި މި މިސްކިތުގެ މަސައްކަތްތައް ނިމޭއިރު އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން މިސްކިތް އޭސީކުރުމަށް ނިންމާފައިވާ ކަމަށްވެސް އެ މިނސިްޓްރީން ބުންޏެވެ. މީގެ އިތުރުން މިސްކިތުގައި ފާހާނާ، ވުޟޫކުރާބައި ގުދަން އަދި މުންނާރެއް ހުންނާނެ ކަމަށްވެސް ބުންޏެވެ.