އިނގިރޭސި ޕްރިމިއާ ލީގު

ބްރެންޓްފޯޑު ބަލިކޮށް، ލިވަޕޫލް ދެވަނައަށް

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ބްރެންޓްފޯޑު ބަލިކޮށް، ލިވަޕޫލުން ލީގު ތާވަލުގެ ދެވަނަ މަގާމަށް ޖެހިލައިފިއެވެ.

ލިވަޕޫލުގެ އަމިއްލަ ދަނޑުގައި މިރޭ ކުޅުނު މެޗު 3-0 އިން އެޓީމު ކާމިޔާބުކޮށްފައިވާ އިރު، ލީގު ތާވަލުގެ ދެވަނައަށް ޖެހިލީ 21 މެޗުން 45 ޕޮއިންޓް ހޯދައިގެންނެވެ. އެއްވަނައިގައި މިވަގުތު އޮތް މެންޗެސްޓާ ސިޓީއަށް 22 މެޗުން 56 ޕޮއިންޓް ލިބިފައިވާ އިރު، ރޭ ސިޓީން ޗެލްސީ ބަލިކުރުމާއެކު ޗެލްސީ ވަނީ ތިންވަނައަށް ސޮއްސާލައިފައެވެ. ޗެލްސީއަށް 22 މެޗުން ލިބިފައިވަނީ 43 ޕޮއިންޓެވެ. ހަތަރުވަނައިގައި މިވަގުތު ވެސްޓްހަމް އޮތީ 22 މެޗުން 37 ޕޮއިންޓާ އެކުގައެވެ.

ލިވަޕޫލުން މިރޭގެ މެޗަށް ނުކުތީވެސް އެޓީމުގެ އެޓޭކް ލައިނުގެ އެންމެ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ ސަޑިއޯ މާނޭއާއި މުހައްމަދު ސަލާހު ނުލައެވެ. އެ ދެ ކުޅުންތެރިންވެސް ގައުމު ތަމްސީލުކުރުމަށް އެފްކޮންގައި ކުޅެމުންދާ އިރު، އެ ދެ ކުޅުންތެރިންނާ ނުލައި ލިވަޕޫލުން ފުރަތަމަ ކުޅުނު މެޗަކީ މިދިޔަ ހަފުތާގައި އާސެނަލްއާ ދެކޮޅަށް ކުޅުނު އެފްއޭ ކަޕް ސެމީ ފައިނަލް ފުރަތަމަ ލެގެވެ. އެ މެޗުގެ ބޮޑު ބައެއްގައި އާސެނަލްއިން ކުޅުންތެރިޔަކު މަދުކޮށް ކުޅުނު އިރު، ލިވަޕޫލަށް ގޯލެއް ނުޖެހި ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ.

މިރޭގެ މެޗުގެ ފުރަތަމަ 43 މިނެޓުގައި ލިވަޕޫލަށް ގޯލެއް ނުޖެހި ކޮންމެވެސް ވަރަކަށް ޕްރެޝަރު ވެފައި އޮއްވައި، މުހިއްމު ގޯލެއް ޖަހައިދިނީ ފަބީނިއޯއެވެ. އެ ގޯލާއެކު ހާފު ނިންމާލައި، ދެވަނަ ހާފަށް ނުކުމެ 20 ވަރަކަށް މިނެޓު ކުޅުނު ފަހުން އެލެކްސް އޮކްސްލޭޑް ޗެމްބަލޭން ވަނީ ލިވަޕޫލަށް ލީޑު ފުޅާކޮށް ދީފައެވެ. އެ ގޯލަށް ފުރުސަތު ފަހިކޮށްދިނީ އެންޑީ ރޮބަޓްސަންއެވެ.

މެޗުގައި ލިވަޕޫލުން ޖެހި ތިންވަނަ ގޯލު، މެޗުގެ 77 ވަނަ މިނެޓުގައި ޖަހައިދިނީ ބެންޗުން އެރި ޓަކޫ މިނަމީނޯއެވެ.