ހއ. ހޯރަފުށީ މަގުހެދުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން މިއަދު ފަށައިފިއެވެ.

ހޯރަފުށީ މަގު ހެދުމުގެ މަޝްރޫއު އަމަލީ ގޮތުން ފައްޓަވައިދެއްވީ އެ ދާއިރާގެ މެންބަރު އަހުމަދު ސަލީމެވެ. މިމަޝްރޫއު މިދިޔަ ނޮވެމްބަރު 19 ވަނަ ދުވަހު އިފްތިތާހު ކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

ހޯރަފުށީ މަގުހެދުމުގެ މަޝްރޫއުގެ ދަށުން 11 މަގެއް ހެދުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން ޖުމްލަ 5.3 ކިލޯމީޓަރުގެ މަގު ހެދުމުގެ މަސައްކަތް ކުރާނެއެވެ. އަދި 25،909 އަކަ މީޓަރުގެ ދުއްވާ ސަރަހައްދު ލެވަލްކޮށް ތާރުއަޅައި ތަރައްގީރުމާއި 11،114 އަކަމީޓަރު ސަރަހައްދެއްގައި ދުވާރު ހެދުމާއި ފެންހިންދާ ނިޒާމެއް ގާއިމު ކުރާނެއެވެ.

މީގެ އިތުރުން މަގުބައްތި އަދި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތްވެސް އެ މަޝްރޫއުގެ ދަށުން ކުރާނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މި މަޝްރޫއަކީ 71.90 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އަދި މަސައްކަތް ނިންމާ ހަވާލުކުރުމަށް ދީފައިވަނީ 470 ދުވަހެވެ.