ށ. ފުނަދޫ ސްކޫލުގެ ފާރުގައި "އިންޑިއާ އައުޓް" ޖެހުމަކީ ފިނޑި އަމަލެއް ކަމަށާއި އެކަން ކުރީ ސަރުކާރުން އަޑީގައި ތިބެގެން ސިޔާސީ މަންފާއެއް ހޯދުމަށް ކަމަށް ފުނަދޫ ކައުންސިލުން ތުހުމަތުކޮށްފިއެވެ.
ފުނަދޫ ސްކޫލުގެ އުތުރު ފަރާތު ފާރުގައި ކަޅު ކުލައިން އިންޑިއާއަށް ނޫނެކޭ ބުނުމަށާއި އިނގިރޭސި ބަހުން އިންޑިއާ އައުޓް ޖަހާފައިވާ ފޮޓޯއެއް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ސޯޝަލް މީޑިއާގައި ހިއްސާކުރުމުން، އެ ފޮޓޯއަށް ވަނީ ގިނަ ބައެއްގެ ސަމާލުކަން ލިބިފައެވެ.
ފުނަދޫ ކައުންސިލުގެ ރައީސް އަހުމަދު އިބްރާހިމްފުޅު "ވަން" އަށް މިރޭ ވިދާޅުވީ، އެރަށު ސްކޫލުގައި އިންޑިއާ އައުޓް ޖަހާފައިވަނީ ރޭގެ ފަތިހުގެ ވަގުތެއްގައި ކަމަށް ބެލެވޭ ކަމަށާއި ކައުންސިލުގެ ސަމާލުކަމަށް އެކަން އައީ މިނިސްޓަރު މަހުލޫފު ހިއްސާކުރެއްވި ފޮޓޯ ފެނުމުން ކަމަށެވެ. އޭގެ ކުރިން އެފަދަ ކަމެއް ހިނގައިގެން އުޅޭކަން އެނގިފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ފޮޓޯތަކުން އެބަ ފެނޭ ކޮންމެވެސް ވަރަކަށް އަލިކަމެއްވެސް. އެހެންވެ، އަޅުގަނޑުމެން މި ބަލަނީ ފަތިހުގެ ވަގުތެއްގައި ބަޔަކު ކޮށްގެން އުޅޭ ކަމެއް ކަމަށް މިއީ،" އަހުމަދު ވިދާޅުވިއެވެ.
އަހުމަދު ވިދާޅުވީ، ސްކޫލުގެ ފާރުގައި އިންޑިއާ އައުޓް ޖެހީ އެރަށުގެ ބައެއް ކަމަށް ގަބޫލު ނުކުރާ ކަމަށާއި އެއީ ސަރުކާރު އަޑީގައި އޮވެގެން ކޮށްފައިވާ ކަމެއް ކަމަށް ބެލެވޭ ކަމަށެވެ.
"މިރަށުގެ ބަޔަކު ހިޔެއް ނުވޭ މިކަހަލަ ކަމެއް ކޮށްފާނެ ހެނެއް. މިކަމެއް ދިމާވެގެން މިއުޅެނީ މިކޮޅަށް ރައީސް ޔާމީން ވަޑައިގެން އިންޑިއާ އައުޓްގެ ބޮޑު ހަރަކާތެއް ބޭއްވި ފަހުން. އަޅުގަނޑަށް ގަބޫލުކުރެވެނީ މިއީ ސަރުކާރުން އަޑީގައި އޮވެގެން ސިޔާސީ މަންފާއެއް ހޯދުމަށް ކޮށްގެން އުޅޭ ކަމެއްގެ ގޮތުގައި،" އަހުމަދު ވިދާޅުވިއެވެ.
އަހުމަދު ވިދާޅުވީ، ފުނަދޫގެ 80 ޕަސަންޓު މީހުންނަކީ އިދިކޮޅު ޕީޕީއެމަށް ތާއީދުކުރާ ބައެއް ނަމަވެސް ސިޔާސީ ގޮތުން ހައްދުފަހަނަ އަޅައި ދިއުމަކީ އެރަށުގެ ރައްޔިތުން ކުރާ ކަމެއް ނޫން ކަމަށެވެ. އެގޮތުން ސްކޫލުގައި އެފަދަ އެއްޗެއް ލިޔުމަކީ ވަރަށް ފިނޑި ބަޔަކު ކޮށްގެން އުޅޭ ފިނޑި ކަމެއް ކަމުގައި އަހުމަދު ވިދާޅުވިއެވެ.
ފުނަދޫ ސްކޫލުގައި އިންޑިއާ އައުޓް ޖެހި މައްސަލަ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ފުލުހަށް ހުށަހެޅުމުން އެ މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގުކުރަމުންނެވެ.
އަހުމަދު އިތުރަށް ވިދާޅުވީ، ފުނަދޫގައި އިންޑިއާ އައުޓް ކެމްޕެއިން ކުރިއަށްގެންދިޔަ ނަމަވެސް އެކަމުގެ ސަބަބުން އެރަށު ސްކޫލުގައި ކިޔަވައިދޭ އިންޑިއާގެ ޓީޗަރުންނަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށާއި، އެކަން ކުރަމުން އަންނަނީ ތަފާތު މަގުސަދެއްގައިކަން އެ ޓީޗަރުންވެސް ގަބޫލު ކުރާ ކަމަށެވެ. އަހުމަދު މިހެން ވިދާޅުވެފައި މިވަނީ، ބައެއް ރަށްރަށުގައި، އިންޑިއާ ޓީޗަރުންނަށް މަގުމަތިން ފުރައްސާރަކޮށް އުނދަގޫކުރާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވުމާ ގުޅިގެންނެވެ.
"އިންޑިއާ އައުޓް ކެމްޕެއިން މިރަށުގައި ކުރާތީ، ސަރުކާރުން ވަރަށް ބޮޑެތި ފިއްތުންތައް ކުރިމަތިކުރުވައި، ސްކޫލު ކައިރީގައި ދަމާފައިވާ ބެނާއެއްވެސް ނަގަން ކައުންސިލަށް އެންގި. އަދި އަޅުގަނޑުވެސް ދޭތެރެ ދޭތެރެއިން ފުލުހަށް އެބަ ހާޒިރުކުރޭ މިކަމަކާ ހުރެ،" އަހުމަދު ވިދާޅުވިއެވެ.
ފުނަދޫ ސްކޫލަކީ މަތީ ސާނަވީއަށް (11،12) އަށް ކިޔަވައިދޭ ސްކޫލެކެވެ. އެރަށު ސްކޫލުގައި 634 ކުދިން ތައުލީމު ހާސިލުކުރަމުން އަންނަ އިރު، އިންޑިއާގެ 22 ޓީޗަރަކު އެ ސްކޫލުގައި ކިޔަވައިދެއެވެ. ނަމަވެސް ބައެއް ޓީޗަރުން ޗުއްޓީއަށްފަހު އެނބުރި އަދި ނާންނާތީ މިވަގުތު އެ ސްކޫލުގައި ކިޔަވައިދެމުން އަންނަނީ އިންޑިއާގެ 17 ޓީޗަރެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު