Close
ޚަބަރު

ގައިދީން ދޫކުރެވޭނެ ހާލަތާއި ގޭބަންދާއި މުޖުތަމައަށް ހިދުމަތްކުރުމުގެ އަދަބު ތަންފީޒު ކުރުމުގެ ގަވާއިދު އާއްމުކޮށްފި

އިބްރާހިމް ޒަކީ

ވަގުތީގޮތުން ގައިދީން ދޫކުރެވޭނެ ހާލަތްތައް ބަޔާންކޮށް، ގޭބަންދާއި މުޖުތަމައަށް ހިދުމަތް ކުރުމުގެ އަދަބު ތަންފީޒު ކުރުމުގެ ގަވާއިދު އާއްމު ކޮށްފިއެވެ.

މޯޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން މިއަދު އާއްމު ކުރި ގަވާއިދުގައިވާގޮތުން ގާނޫނުލްއުބޫބާތުގެ 1005 ވަނަ މާއްދާގެ ދަށުން ކަނޑައަޅާ އަދަބުތައް ތަންފީޒު ކުރުމަށް ގެނެވޭ ކޮންމެ ގައިދީއަކާ، ހުކުމްކުރިކަމުގެ ލިޔުމާއެކު 24 ގަޑިއިރުގެ ތެރޭގައި ކަރެކްޝަނަލް ސަރވިސްއިން ހަވާލުވާންވާނެއެވެ.

ގާނޫނުލްއުބޫބާތު ގެ 1005 ވަނަ މާއްދާގައި ހިމެނޭ އަދަބު ތަކުގެ ތެރޭގައި، ގޭބަންދާއި މުޖުތަމައަށް ހިދުމަތް ކުރުމުގެ އިތުރުން ޖޫރިމަނާ ކުރުމާއި، ގައިދީ އުޅޭ ނޫޅޭގޮތް ބެލުމާއި، ޕްރޮބޭޝަން ހިމެނެއެވެ. އެގޮތަށް އަދަބު ތަންފީޒު ކުރަން ގެންނަ މީހުންނާމެދު އަމަލު ކުރަންވީ ގޮތް ވެސް މި ގަވާއިދުގައި ވަނީ ކަނޑައަޅައިފައެވެ. މި ގަވާއިދުގައި މުޖުތަމައަށް ހިދުމަތް ކުރުމުގެ އަދަބު ތަންފީޒު ކުރެވޭނެ ތިން ގޮތް، ބަޔާންކޮށްފައި ވެއެވެ.

އޭގެ ތެރޭގައި ހަމައެކަނި މުޖުތަމައަށް ހިދުމަތް ކުރުމުގެ އަދަބު ތަންފީޒު ކުރުމާއި، ޖަލު އަދަބާއެކު މުޖުތަމައަށް ހިދުމަތް ކުރުމުގެ އަދަބު ތަންފީޒު ކުރުމާއި، ގޭބަންދުގެ އަދަބާއެކު މުޖުތަމައަށް ހިދުމަތް ކުރުމުގެ އަދަބު ތަންފީޒު ކުރުން ހިމެނެއެވެ. ގަވާއިދު ބުނާގޮތުން މުޖުތަމައަށް ހިދުމަތް ކުރުމުގެ އަދަބު ތަންފީޒު ކުރަންވާނީ، ގައިދީއަށް އުޖޫރައެއް ނުލިބޭ ގޮތަށެވެ.

ގަވާއިދުގައިވާގޮތުން މުޖުތަމައަށް ހިދުމަތް ކުރުމުގެ އަދަބު މީހެއްގެ މައްޗަށް ތަންފީޒު ކުރުމަށް ހުކުމް ކުރާ ދުވަހުން ފެށިގެން 48 ގަޑިއިރުގެ ތެރޭގައި، އެ މީހެއްގެ މައްޗަށް ކޮށްފައިވާ އަދަބުގެ ބާވަތާއި، ތަބީއަތާއި، އެ މީހެއްގެ އިޖުތިމާއީ ހާލަތާއި، އިގްތިސާދީ ހާލަތަށް ރިއާޔަތްކޮށް، އޭނާގެ ކިބައިގައި ހުރި ހުނަރުތަކާއި އިތުރަށް ތަރައްގީކުރަން ބޭނުންވާ ހުނަރުތައް ދެނެގަނެ، އަދަބު ކަނޑައެޅުނު ފަރާތުގެ ވަށައިޖެހޭ އެސެސްމަންޓެއް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ހަދަންވާނެއެވެ. އަދި އެ މީހެއްގެ އަދަބު ތަންފީޒު ކުރުމުގައި ނިންމާ ނިންމުންތައް، މި އެސެސްމަންޓުގެ ހޯދުންތަކުގެ މައްޗަށް ބިނާކުރަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

އެސެސްމަންޓް ނިމޭތާ 72 ގަޑިއިރުގެ ތެރޭގައި ގައިދީއާއެކު ކަރެކްޝަނަލް ސަރވިސްއިން އެއްބަސްވުމެއްގައި ސޮއިކޮށް، 48 ގަޑިއިރުގެ ތެރޭގައި އަދަބު ތަންފީޒު ކުރަން ފަށަންވާނެ ކަމަށްވެސް ބުނެފައިވެއެވެ. އަދި އަދަބު ތަންފީޒު ކުރަމުން އަންނަ ގޮތް މޮނިޓާ ކުރަންވާނެ ކަމަށާއި، އެކަމުގައި އިންސާނީ ވަސީލަތާއި، ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރެވިދާނެ ކަމަށްވެސް ބުނެފައިވެއެވެ.

މުޖުތަމައަށް ހިދުމަތްކުރުމުގެ އަދަބު ތަންފީޒު ކުރާނޭ ރަށެއް، ކަރެކްޝަނަލް ސަރވިސްއިން ކަނޑައަޅަން ވާނެ ކަމަށްވެސް ގަވާއިދުގައި ބުނެފައިވެއެވެ. އެގޮތަށް ރަށް ކަނޑައެޅުމުގެ ބަލަން ޖެހޭ ކަންތައްތައްވެސް ގަވާއިދުގައި ހިމަނާފައިވެއެވެ.

މީހެއްގެ މައްޗަށް އުޅޭނޫޅޭގޮތް ގާތުން ބެލުމުގެ އަދަބު ނުވަތަ އިންޓެންސިވް ސުޕަވިޝަންގެ އަދަބު ކަނޑައަޅައިފިނަމަ، ކަރެކްޝަނަލް ސަރވިސްއިން ކަންތައް ކުރާނެ ގޮތްވެސް ގަވައިދުގައި ހިމަނާފައިވެއެވެ. އެކަމަށްޓަކައި މޮނިޓަރިން އޮފިސަރުން އައްޔަން ކުރާނެ ގޮތްތަކާއި އެކަމާބެހޭ މައުލޫމާތުވެސް ގަވާއިދުގައި ހިމަނާފައިވެއެވެ.

މީހެއްގެ މައްޗަށް އަދަބު ކަނޑައަޅައިފިނަމަ، ހަމަޖައްސަން ޖެހޭ ކަންތަކުގެ ތަފުސީލުވެސް ގަވައިދުގައި ވެއެވެ. ގަވާއިދު ބުނާގޮތުން އެކަމަށްޓަކައި ޕްރޮބޭޝަން އޮފިސަރުން ކަނޑައަޅަންޖެހެއެވެ. ހަމަ އެގޮތަށް ގޭބަންދުކުރުމަށް ހުކުމެއް ކޮށްފިނަމަ، ގައިދީ ގޭބަންދުކުރުމުގެ ކުރިން، ފުރިހަމަ ކުރަންޖެހޭ ކަންތައްތައްވެސް ގަވައިދުގައި ހިމަނާފައިވެއެވެ.

ގަވާއިދުގައިވާގޮތުން ޖަލަށް ލުމުގެ އަދަބު ފިޔަވައި އެހެން އަދަބެއް ތަންފީޒު ކުރަމުން އަންނަ ގައިދީގެ ބޭސްފަރުވާގެ ކަންކަން ކުރިޔަށް ގެންދަންވާނީ، އެ ގައިދީގެ އަމިއްލަ ހަރަދުގައެވެ.

އެގޮތަށް އަދަބު ތަންފީޒު ކުރަމުން އަންނަ ގައިދީން ބޭނުންވާ ބޭސްފަރުވާއެއް ރާއްޖެއިން ލިބެން ނެތް ހާލަތުގައި، އަދި އެއީ ރާއްޖެއިން ފަރުވާ ދެވެން ނެތް ބައްޔެއްކަމަށް ސިއްހީ ހިދުމަތްދޭ މަރުކަޒެއްގައި ނުވަތަ ހޮސްޕިޓަލެއްގައި މަސައްކަތްކުރާ ހާއްސަ ޑޮކްޓަރެއް ލަފާދީފައިވާނަމަ، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ، ދޭންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ވަގުތީގޮތުން ގައިދީން ދޫކުރެވޭނެ ހާލަތްތައް ވެސް މި ގަވާއިދުގައި ވަނީ ބަޔާން ކޮށްފައެވެ.

އޭގެ ތެރޭގައި:

  • ރާއްޖެއިން ލިބެން ނެތް ޞިއްޙީ ފަރުވާއެއް ލިބިގަތުމަށް ރާއްޖެއިން ބޭރަށް
  • ގައިދީ ދިއުމަށް؛
  • (2 (ފަރުޟު ހައްޖުގެ އަޅުކަން އަދާކުރުމަށް؛
  • (3 (ގައިދީގެ އާއިލާގެ މީހަކު ބަލިވެގެން ރާއްޖެއިން ބޭރަށް ދިއުމަށް

ވަގުތީގޮތުން ދޫކުރާ ހާލަތުގައި ރާއްޖެއިން ބޭރުގައި ގައިދީ ހޭދަކުރާ މުއްދަތު، ހުކުމް ތަންފީޒުވަމުން އަންނަ މުއްދަތު ކަމުގައި ބަލައިގެން ނުވާނެ ކަމަށް ގަވައިދުގައިވެއެވެ.

އަދަބު ތަންފީޒުކުރާ މީހަކު މަރުވެއްޖެނަމަ އަދި ގައިދީއަކު ފިލައި، ނުވަތަ އަމުރަށް ނުކިޔަމަންތެރިވެއްޖެނަމަ އަމަލުކުރާނޭ ގޮތް ވެސް މި ގަވާއިދުގައި ވަނީ ހިމަނައިފައެވެ.

ޖަލަށް ލުމުގެ ބަދަލުގައި ކޯޓުން ކަނޑައަޅާ އަދަބު ތަންފީޒު ނުކުރެވުނުކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ސްޕްރިންޓެންޑެންޑް އޮފް ޕްރިޒަންސް ނިންމަންވާނެ ހާލަތްތައްވެސް ބަޔާން ކޮށްފައިވެއެވެ.

މި ގަވައިދުގެ ދަށުން ހުކުމް ތަންފީޒުކުރާ ފަރާތްތަކަށް، ޖަލުތަކާއި ޕެރޯލްގެ ގާނޫނު ގައިވާ ގޮތުގެ މަތީން ޕެރޯލުގެ ފުރުސަތު ލިބިދޭންވާނެ ކަމަަށްވެސް ބުނެފައިވެއެވެ.