ޗުއްޓީއަށްފަހު ދެވަނަ ޓާމުގެ ކިޔެވުން މިއަދު ފަށައިފިއެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި މިއަދު ހެނދުނު ސްކޫލް ހުޅުވައި ކިޔަވައިދޭން ފެށީ 21 ދުވަހުގެ ޗުއްޓީއަކަށްފަހުގަ އެވެ.

ބަންދަށްފަހު ސްކޫލްތައް ހުޅުވުނު އިރު، ރާއްޖޭގައި ކޮވިޑުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. އެގޮތުން ދުވާލަކަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު 1000 އާ ކައިރި ކުރެ އެވެ.

ކޮވިޑުގެ ހާލަތު ގޯސްވެފައިވާތީ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ގުރޭޑު އަށަކުން ދަށުގެ ގުރޭޑުތަކުގެ ދަރިވަރުން ސްކޫލަށް ހާޒިރުވާން ޖެހޭނީ ހަފުތާއަކު ދެ ދުވަހު ކަމަށެވެ. އަދި ސްކޫލުގައި ހޭދަ ކުރާ ވަގުތު މަދުވާނެ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ބަންދުގެ ކުރިން އެންމެ ގަދައަށް ދެކެވުނު އެއް ވާހަކައަކީ އަރަބިއްޔާ ސްކޫލުގެ ވާހަކައެވެ. އެ ސްކޫލް ހުރި އިމާރާތުގައި ރެނދުލައި ދަރިވަރުން ތިބެން ރައްކާތެރި މާހައުލެއް ނޫން ކަމަށްބުނެ ބެލެނިވެރިން ކަންބޮޑުވުން ފާޅު ކުރި އެވެ. މި ކަންބޮޑުވުންތަކާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަރަބިއްޔާ ސްކޫލް ދަރިވަރުން ވަގުތީ ގޮތުން އެހެން ތަނަކަށް ބަދަލު ކޮށްފަ އެވެ.

އެގޮތުން މިއަދު އަރަބިއްޔާ ސްކޫލް ދަރިވަރުން ދާނީ ދާދި ފަހުން ފޮރިން މިނިސްޓްރީ ވަގުތީ ގޮތުން ހިންގި އެމްޓީސީސީގެ އިމާރާތަށެވެ. އަދި އެ އިމާރާތުގައި ދަރިވަރުންނަށް އެއްވެސް ދަތިކަމެއްނެތި ކިޔެވޭނެ އިންތިޒާމް ހަމަޖއްސާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ވަނީ ބުނެފަ އެވެ.

ކޮވިޑާ ގުޅިގެން ސްކޫލްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްކޫލްތަކަށް އަންގާފަ އެވެ. އެގޮތުން ގައިދުރުކަން ބެހެއްޓުމާއި މާސްކު އެޅުމާއި ސްކޫލަށް ދަރިވަރު ވެއްދުމުގެ ކުރިން ހުން ހުރިތޯ ބަލަން ވަނީ އަންގާފަ އެވެ.