ކުޅިވަރު

އާސެނަލް އެދުމުގެ މަތީން މެޗު ފަސް ކުރުމުން ސްޕާސްގެ ނުރުހުން

ޕްރިމިއާ ލީގުގައި މިރޭ އާސެނަލްއާ ދެކޮޅަށް ކުޅެން އޮތް މެޗު ފަސްކުރުމުން ޓޮޓެންހަމް އިން އެކަމާ ނުރުހުން ފާޅުކޮށްފިއެވެ.

ޕްރިމިއާ ލީގުގައި މިރޭ ކުޅެން އޮތް ނޯތު ލަންޑަން ޑާބީ، ފަސްކުރީ އާސެނަލްއިން އެދިގެންނެވެ. އާސެނަލްއިން ޕްރިމިއާ ލީގަށް މެޗު ފަސްކުރަން އެދުނީ ސްކޮޑުގައި މެޗަށް ނުކުންނަ ވަރަށް ކުޅުންތެރީން ލިބެން ނެތް ކަމަށް ބުނެއެވެ. ޕްރިމިއާ ލީގު އުސޫލު ބުނާ ގޮތުން ޓީމު ތެރޭގައި ކޮވިޑްގެ ކޭސްތަކެއް އުޅޭނަމަ، އެޓީމަކަށް ގޯލްކީޕަރަކާއެކު އިތުރު 13 ކުޅުންތެރިން ސްކޮޑުގައި ހިމެނެން ނެތް ނަމަ އެ މެޗެއް ފަސްކުރެވިދާނެ ކަމަށެވެ. ލީގުން އާސެނަލް މެޗު ފަސްކުރިކަން ރޭ އިއުލާން ކުރުމާއެކު ޓޮޓެންހަމްއިން ވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފައެވެ.

"މެޗުތައް ފަސްކުރަން ހެދި އުސޫލުގެ ދަށުން ޓޮޓެންހަމް އަށް ގެއްލުންތަކެއް ދިމާވަމުންދާ ކަމަށް ފާހަގަވޭ. އާސެނަލް އިން ކުޅުންތެރީން ހަމަ ނުވާކަމަށް ހުށަހެޅީ ކޮވިޑުގެ ކޭސްތަކާއި، ކުރިން ހުރި، އަދި ފަހުން ދިމާވި ބައެއް އަނިޔާތަކުގެ އިތުރުން ގައުމު ތަމްސީލުކުރަން ދިޔަ ކުޅުންތެރިންވެސް ހިމެނޭހެން. އެ ގޮތަށް ހުށަހެޅި ހުށަހެޅުން ބަލައިގަނެ މެޗު ފަސްކުރުމުން ހައިރާން ވޭ،" ޓޮޓެންހަމްއިން ނެރުނު ބަޔާނުގައިވެއެވެ.

ޓޮޓެންހަމް އިން ނެރުނު ބަޔާނުގައި ވަނީ މެޗުތައް ފަސްކުރުމަށް ކްލަބުތަކަށް ފުރުސަތު ފަހިވެފައި އޮތީ ކޮވިޑް 19ގެ ސަބަބުތަކުގެ ތެރެއިން ނަަމަވެސް، ކޮވިޑާ ގުޅުން ނެތް ކަންކަމުގެ ތެރެއިން މެޗުތައް ފަސްކުރުމަކީ ޓޮޓެންހަމް އިން ގަބޫލުކުރާ ހަމައެއް ނޫން ކަމަށެވެ. އެ އުސޫލުގެ ދަށުން ކްލަބުތަކުން ނާޖައިޒު ފައިދާއެއް ނަގަމުންދާ ކަމަށްވެސް ޓޮޓެންހަމް އިން ފާހަގަކޮށްފައިވެއެވެ.

ޕްރިމިއާ ލީގުގެ މެޗުތައް ފަސްކުރުމަށް ކްލަބުތަކަށް ލިބިފައިވާ އަނިޔާތަކަށްވެސް ބަލައި، ކްލަބުތަކުން ގައުމުތައް ތަމްސީލުކުރަން ދާ ކުޅުންތެރިންނަށް ބަލާތީ އެކަމާ ބައެއް ޕަންޑިތުންވެސް ވަނީ ނުރުހުން ފާޅު ކޮށްފައެވެ. އެފަދަ ގޮތަކަށް ބަލައި މެޗުތައް ފަސްކުރުން އެއީ އިންސާފުން އެއްކިބާވާ ކަމެއް ކަމަށް ބައެއް އެނަލިސްޓުން ވަނީ ފާހަގަކޮށްފައެވެ.