ޚަބަރު

ރަސްމީ ދަތުރުފުޅެއްގައި ނަޝީދު ލަންކާއަށް ވަޑައިގަންނަވަނީ

ނަމާލް ރާޖަޕަކްސަގެ ދައުވަތަކަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ލަންކާއަށް ފުރާވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.

އެއިދާރާއިން މިއަދު ބުނީ ލަންކާގެ މިނިސްޓަރު އޮފް ޔޫތު އެންޑް ސްޕޯޓްސް، މިނިސްޓަރު އޮފް ޑިވެލޮޕްމަންޓް ކޯޑިނޭޝަން އެންޑް މޮނިޓަރިން އަދި ސްޓޭޓް މިނިސްޓަރު އޮފް ޑިޖިޓަލް ޓެކްނޮލޮޖީ އެންޑް އެންޓަޕްރައިސް ޑިވެލޮޕްމަންޓް، ނަމާލް ރާޖަޕަކްސަގެ ދައުވަތަކަށް ރައީސް މުހައްމަދު ނަޝީދު ސްރީލަންކާއަށް ވަޑައިގަތުމަށް ނިންމަވައިފައިވާ ކަމަށެވެ.

މިމަހުގެ 16 އިން 18 އަށް ނަޝީދު ކުރައްވާ ދަތުރުފުޅަކީ "ފަސް ވަނަ ސްރީ ލަންކާ ޔޫތު ޕާލަމެންޓުގެ ދެ ވަނަ ސެޝަން"ގައި ޝަރަފުވެރި މެހެމާނެއްގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގަތުމަށް އެ މަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.

މި ސެޝަންއަކީ ސްރީލަންކާގެ ޒުވާނުންގެ ލީޑާޝިޕް ހުނަރުތައް އަށަގެންނެވުމަށާއި އެ ހުނަރުތައް ދަސްކޮށްދިނުމުގެ މަގުސަދުގައި ނޭޝަނަލް ޔޫތު ސާވިސަސް ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ސެޝަންއެކެވެ.

ރައީސް ނަޝީދު ކޮލަމްބޯއަށް ކުރައްވާ މި ދަތުރުފުޅުގައި ސްރީލަންކާގެ އިސްވެރިން އަދި އެ ގައުމުގެ އޮފިޝަލުންނާއި ރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަކާވެސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައްޔިތުން މަޖިލީހުން ބުނެއެވެ.