ކޮމަންޑޫ ދާއިރާގެ ބައިއެލެކްޝަންގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓް ރާޝިދަށް ތައީދު ހޯއްދެވުމަށް، ކެންޕޭނަށް ނައިބު ރައީސް ފައިސަލް ނަސީމް ކޮމަންޑުއަށް ވަޑައިގެންފިއެވެ.
ނައިބު ރައީސް މިއަދު ފުރަތަމަ ވަޑައިގަތީ ކޮމަންޑޫ ދާއިރާގައި ހިމެނޭ ށ. ފޯކައިދޫއަށެވެ. އެއަށްފަހު އެ އަތޮޅު މަރޮށްޓަށް ވަޑައިގެންނެވުމަށް ފަހު މިހާރު ހުންނެވީ އެއަތޮޅު ކޮމަންޑޫގައެވެ.
ނައިބު ރައީސްގެ ވަނީ މިއަދު މަރޮށި ރައްޔިތުންނާ ބައްދަލުކުރައްވައި އެރަށުގެ ފުޓްސަލް ދަނޑުވެސް ރަސްމީކޮށް ހުޅުވައިދެއްވިއެވެ.
މަރޮށި ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ މި ސަރުކާރުން އަތޮޅުތެރޭގެ ތަރައްގީއަށް ނުހަނު ގިނަ މަސައްކަތް ކުރަމުންގެންދާ ކަމަށާއި ސަރުކާރެއް ދެމިއޮތުމުގެ އެންމެ ބޮޑު ބޭނުމަކީ ރައްޔިތުންނަށާއި ރަށަށް ފައިދާކުރާނެ އަސާސީ ކަންތައްތައް ކޮށްދިނުން ކަމަށެވެ.
"މިއަދުގެ ރައީސުލްޖުމްހޫރިއްޔާގެ ހަމައެކަނި ބޭނުމަކަށް ވަނީ ރައްޔިތުންނަށް ހިދުމަތް ކުރުން. އަސާސީ ކަންތައްތަކަށް އިސްކަން ދެއްވުން،" ނައިބު ރައީސް ވިދާޅުވިއެވެ.
މަރޮށީގެ ތަރައްގީއާ ބެހޭގޮތުން ނައިބު ރައީސް ވިދާޅުވީ މިހާރުވެސް މަރޮށީގެ ތަރައްގީއާ ގުޅުންހުރި މަޝްރޫއުތައް ފެށިގެން ކުރިއަށް ގެންދާ ކަމަށާއި އެއީ އެރަށުގެ ރައްޔިތުންނަށް ވަރަށް މުހިއްމު މަޝްރޫއުތަކެއް ކަމަށެވެ.
ނައިބު ރައީސްގެ މިދަތުރުފުޅުގައި ކޮމަންޑޫ ބަނދަރު ހެދުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި ކޮމަންޑޫގައި މިރޭ ބާއްވާ ޖަލްސާގައި ނައިބު ރައީސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
ނައިބު ރައީސްގެ މި ދަތުރުފުޅުގައި ޖުމްހޫރީ ޕާޓީގެ ބައެއް މިނިސްޓަރުންނާއި އެމްޑީޕީގެ އިސްވެރިންގެ އިތުރުން ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންފައިވެއެވެ.