ޚަބަރު

ކޮމަންޑޫގައި ފުޓްބޯޅަ ދަނޑެއް ތަރައްގީކުރަން ނިންމީ ބައި-އިލެކްޝަނާ ދިމާކޮށެއް ނޫން: މަހުލޫފު

މުހައްމަދު އިޝާން

ށ. ކޮމަންޑޫގައި ފުޓްބޯޅަ ދަނޑެއް ތަރައްގީކުރަން ސަރުކާރުން ނިންމީ އެ ދާއިރާގެ ބައި-އިލެކްޝަނާ ދިމާކޮށް ނޫން ކަމަށް ޔޫތު އެންޑް ސްޕޯޓްސް މިިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

ކޮމަންޑޫ ފުޓްބޯޅަ ދަނޑު ތަރައްގީކުރުން ފެށުމުގެ ރަސްމިއްޔާތުގައި މަހުލޫފު ވިދާޅުވީ، ކޮމަންޑޫ ފުޓްބޯޅަ ދަނޑު ތަރައްގީކުރުމުގެ މަޝްރޫއު މިދިޔަ އަހަރުގެ މެއި މަހުގެ ފަސް ވަނަ ދުވަހު އިއުލާނު ކޮށްފައިވާނެ ކަމަށެވެ. އަދި އެ މަޝްރޫއުއާ ގުޅޭ ގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ކޮމަންޑޫ ކައުންސިލުގެ ބޭފުޅުންނާއެކު މަޝްވަރާކޮށް، ދަނޑުގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމުމަށް މަޝްވަރާކޮށްފައިވާނެ ކަމަށް ވިދާޅުވިއެވެ.

ވޭތުވެދިޔަ އެއްވެސް ސަރުކާރަކުން ކޮމަންޑޫގައި ފުޓްބޯޅަ ދަނޑެއް ތަރައްގީކުރުމަށް ވިސްނާފައިނުވާކަން ފާހަގަކުރައްވައި މަހުލޫފު ވިދާޅުވީ ކައުންސިލާ އެކު އެ މަޝްރޫއު އަވަސް ކުރުމުގެ ގޮތުން މަޝްވަރާ ކުރީ ކޮމަންޑޫގެ ރައްޔިތުންވެސް އަވަހަށް ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިމެން ބޭނުންވާތީ ކަމަށެވެ.

ކޮމަންޑޫގެ ދަނޑު ތަރައްގީ ކުރުމުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ ހަތަރު މަހުން ނިންމައި ގޮތަށް މޯލްޑިވްސް ކޮންސްޓްރަކްޝަން އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.

މަހުލޫފު ވިދާޅުވީ، އޭނާގެ އުއްމީދަކީ ކޮމަންޑޫން ފުޓްބޯޅަ ދަނޑުން ޒުވާނުންތަކެއް ނުކުމެ ގައުމީ ފުޓްބޯޅަ ޓީމަށާއި ލީގުތަކަށް ކުޅޭތަން ފެނުން ކަމަށެވެ.