ސަރުކާރަށް ކަމެއް ނުވާކަން ދެއްކުމަށް ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއު ހުއްޓުވަން ބަޔަކު މަސައްކަތް ކުރާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއު އިފުތިތާހުކުރުމަށް ކޮމަންޑޫގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ، ދެކޮމަންޑޫ ގުޅާލުމުގެ މަޝްރޫއު ހުއްޓުވަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅައިގެން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށެވެ.
"މަތިކޮމަންޑޫ މަޝްރޫއު ހުއްޓުވަން އޭސީސީއާ އެހެން ތަންތަނަށް ހުށަހަޅައިގެން ބަޔަކު އެބަ މަސައްކަތް ކުރޭ. ބޭނުމަކީ ސަރުކާރަށް ކަމެއް ނުވާކަން ދެއްކުން،" ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު އިތުރަށް ވިދާޅުވީ، ދެކޮމަންޑޫ ގުޅާލުމުގެ މަސައްކަތް ނިމުމުން ކޮމަންޑޫގެ ބިމަށް އިތުރު 25 ހެކްޓަރު އިތުރުވާނެ ކަމަށާއި އެކަމުގެ ސަބަބުން އިގުތިސޯދީ ގޮތުން އެތަކެއް ފައިދާއެއް އެރަށަށާއި މުޅި ށ. އަތޮޅަށްވެސް ކުރާނެ ކަމަށެވެ.
ދެކޮމަންޑޫ ގުޅާލުމުގެ މަސައްކަތް އެމްޓީސީސީން މިއަދު ފަށާފައިވާ އިރު، އެ މަޝްރޫއު ދެ އަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. އެ މަޝްރޫއަކީ 249.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއު ހުއްޓުވަން ބަޔަކު މަސައްކަތް ކުރާ ކަމަށް ފައްޔާޒް ވިދާޅުވި އިރު، އެ މަޝްރޫއަކީ ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ބޭނުންކުރުމާއި ކޮރަޕްޝަން އޭގައި އެކުލެވޭ މަޝްރޫއެއް ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު