ޚަބަރު

އެމްއެންޕީގެ ވެރިކަމެއްގައި މަރޮށީގައި އިސްލާމިކް ޓޫރިޒަމް ތައާރަފްކުރާނަން: ނާޒިމް

އަލީ ޔާމިން

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ވެރިކަމެއްގައި ށ. މަރޮށީގައި އިސްލާމިކް ޓޫރިޒަމް ތައާރަފުކުރާނެ ކަމަށް އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުގައި އެމްއެންޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު އަބްދުލް ހަންނާނު އިދުރީސްގެ މާލޭ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ނާޒިމް ވިދާޅުވީ، ކޮމަންޑޫ ދާއިރާއަށް ފަތުރުވެރިކަމުގެ މަންފާ ލިބެން ޖެހޭ ކަމަށާއި ހާއްސަކޮށް، އެ ދާއިރާގައި ހިމެނޭ މަރޮށީގައި ފަތުރުވެރިކަން ކުރިއަރުވަންޖެހޭ ކަމަށެވެ.

"ދިވެހިރާއްޖޭގެ ގިނަ ރަށްތަކަކަށް ފަތުރުވެރިކަމުގެ ނަފާ ލިބެމުން އެބަދޭ. ނަމަވެސް މަރޮށްޓަކަށް އެކަހަލަ ކަމެއް ދިއުމުގެ އެއްވެސް އަލިކަމެއް ނުފެނުނު. ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ވެރިކަމެއްގައި އެރަށަށް އިރާދަކުރެއްވިއްޔާ އިސްލާމިކް ޓޫރިޒަމް ތައާރަފު ކުރާނަން. އަޅުގަނޑު މިހެން މިދަންނަވާލީ އެރަށަކީ ވަރަށް ބޮޑަށް ދީނީ ކަންކަމުގައި ސަމާލުވެގެން އުޅޭ ރަށަކަށްވާތީ،" ނާޒިމް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، މަރޮށީގެ އިތުރުން ރާއްޖޭގެ އެހެން ރަށްރަށުގައިވެސް އިސްލާމިކް ޓޫރިޒަމް ތައާރަފްކުރަންޖެހޭ ކަމަށެވެ. އަދި އެމްއެންޕީގެ މަގުސަދަކީ ދިވެހިންނަކީ ފުދުންތެރި ބަޔަކަށް ހެދުން ކަމަށާއި ރައްޔިތުން ފުދުންތެރި ބަޔަކަށް ހެދުމުގެ ވިސްނުން ހުރި ހަމައެކަނި ޕާޓީއަކީވެސް އެމްއެންޕީ ކަމަށް ވިދާޅުވިއެވެ.