ޚަބަރު

ހައްގުތައް ކަށަވަރުނުކުރެވޭ ކަމަށް ބުނެ ހިއުމުން ރައިޓްސް ވޮޗްގެ ފާޑުކިޔުން ރާއްޖެއަށް

މުހައްމަދު އިޝާން

ދިވެހި ސަރުކާރުން އިންސާނީ ހައްގުތައް ރައްކާތެރިކުރުމުގެ ދާއިރާތަކުން ފެއިލްވެފައިވާ ކަމަށް ބުނެ ބައިނަލްއަގުވާމީ ޖަމިއްޔާ ހިޔުމަން ރައިޓްސް ވޮޗުން ރާއްޖެއަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.

ހިއުމަން ރައިޓްސް ވޮޗުން މިއަދު ނެރުނު "އިންސާނީ ހައްގުތަކުގެ އަހަރީ ރިޕޯޓު" ގައި ވަނީ އެކައުންޓަބިލިޓީ އާއި ބިދޭސީ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ދާއިރާ އާއި ތިމާވެށީގެ ދާއިރާ އާއި ހިޔާލުފާޅުކުރުމާއި އެެއްވެ އުޅުމުގެ މިނިވަންކަމުގެ ދާއިރާ އާއި ކޮވިޑް-19 ގެ ބަލިމަޑުކަމާއި ލާއިންސާނީ އަނިޔާ ހުއްޓުވުމާއި އަންހެނުންނާއި އަންހެން ކުދިންގެ ހައްގު އަދި ޖެންޑާ އޮރިއެންޓޭޝަންގެ ދާއިރާއިން ފެއިލްވެފައިވާ ކަމަށް ބުނެފައެވެ.

އެ ރިޕޯޓުގައި ސަރުކާރަށް ފާޑުކިޔަމުން ބުނީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވީނުވީ ނޭނގި ގެއްލިފައިވާ މީހުންނާއި މަރުގެ މައްސަލަތައް ބެލުމަށް އުފެއްދި ރިޔާސީ ކޮމިޝަނަށް މާބޮޑު ކަމެއް ކުރެވިފައިނުވާ ކަަމަށެވެ. ރިޕޯޓުގައި ވަނީ މިނިވަން ނޫހުގެ ނޫސްވެެރިޔާ އަހުމަދު ރިލުވާން އަބްދުﷲ ގެއްލުވައިލި މައްސަލައާއި ބްލޮގަރު ޔާމީން ރަަޝީދުގެ މަރުގެ މައްސަލައިގައި ކުރިއެރުމެއް ހޯދިފައި ނުވާތީ، އެކަމަށް ވެސް ފާޑުކިޔައިފައެވެ. އަދި ހައްދުފަހަނަ އަޅާފައިވާ ޓެރަރިސްޓު ޖަމިއްޔާތަކުން ކުރިމަތިވާ ނުރައްކާތެރިކަމަށް ސަރުކާރުން އެންމެ އެކަށީގެންވާ ގޮތަށް ފިޔަވަޅު ނާޅާ ކަމަށް ވެސް ބުނެފައިވެއެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށާއި، ރިލްވާން އާއި ޔާމީންގެ މައްސަލައިގައި ތުހުމަތުކުރެވޭ މީހުންނަށް ހިމާޔަތް ދިން ކަމަށް ރިޔާސީ ކޮމިޝަނުން ތުހުމަތުކޮށް އެކަމަށް ފިޔަވަޅު އަޅަން އެދުމުން ސަރުކާރުން އަދީބާ ދެކޮޅަށް ކަމެއް ނުކުރާކަން ހިއުމަން ރައިޓްސް ވޮޗުން ވަނީ ފާހަގަކޮށްފައެވެ.

ބިދޭސީ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުނުވާކަމުގެ މިސާލަކަށް ދެއްވީ ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ރިޒާއަށް ކޮށްފައިވާ ހިއުމަން ޓްރެފިކިންގެ ތުހުމަތެވެެ. ރިޕޯޓުގައި ހިއުމަން ރައިޓްސް ވޮޗުން ވަނީީ ރިޒާގެ ޝަރީއަތް ނުފެށި ލަސްވާތީ ވެސް ފާޑު ކިޔައިފައެވެ. ރިޒާއަށް ހިއުމަން ޓްރެފިކިންގެ ތުހުމަތުކުރީ ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ބޮޑުފިނޮޅުގައި އޭނާގެ ކުންފުނިން ހަވާލުވެފައިވާ މަސައްކަތަކަށް ގެންދިޔަ ބިދޭސީންތަކަށް މުސާރަ ނުދިން މައްސަލައެއްގައެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ އޮތްކަން ރައީސް ސޯލިހު ބަލައިގެންނެވި ނަމަވެސް، ތިމާވެށި ހިމާޔަތްކުރުމުގެ ގާނޫނުތައް ތަންފީޒުކުރުމުގައި އެމަނިކުފާނު ފެއިލްވެފައިވާ ކަމަށް ހިއުމަން ރައިޓްސް ވޮޗުން ވަނީ ބުނެފައެވެ. ހިއުމަން ރައިޓްސް ވޮޗުން ބުނީ، އެމްޑީޕީން އިދިކޮޅުގައި އޮތްއިރު ބިން ހިއްކައިގެން ކުރިއަށްގެންދާ މަޝްރޫއުތަކަށް ދެކޮޅު ނަމަވެސް މިހާރު އެމްޑީޕީން ވެސް ބިން ހިއްކައިގެން މަޝްރޫއުތައް ހިންގަމުންދާ ކަމަށެވެ.

އެކަމުގެ މިސާލަކަށް ކ. ގުޅީފަޅު މަޝްރޫއުއަށް އަލިއަޅުވާލައި، ހިއުމަން ރައިޓްސް ވޮޗުން ބުނީ، ގުޅިފަޅުގައި ސަރުކާރުން ހިންގަން އުޅޭ މަޝްރޫއަކީ ތިމާވެއްޓަށް ގެއްލުންވާނެ މަޝްރޫއެއް ކަަމަށް ބުނެ އެކަން ހުއްޓުވަން މަދަނީ ޖަމިއްޔާއަކުން މަސައްކަތް ކުރި ކަމަށެވެ. އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެެޖެންސީ (އީޕީއޭ) އަކީ މިނިވަން މުއައްސަސާއަކަށް ހަދަން ސަރުކާރުން ވެފައިވާ ވައުދު ފުއްދާފައި ނުވާކަން ވެސް ހިއުމަން ރައިޓްސް ވޮޗުން ބުންޏެވެ.

މީގެ އިތުރުން ސަރުކާރުގައި އެކައުންޓަބިލިޓީ ނެތް ކަމަށް ހިއުމަން ރައިޓްސް ވޮޗުން ތުހުމަތުކުރާ ސަބަބަކީ އިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހަޅާފައިވާ މައްސަލަތަކުގެ މަސައްކަތް ގޮސްފައިވާ ހިސާބެއް ހާމަކޮށްފައި ނުވުމުންނެވެ.