ދެވަނަ ލެގުގައިވެސް ޓޮޓެންހަމް ބަލިކޮށް، ޗެލްސީން އިނގިރޭސި ލީގު ކަޕް ފައިނަލުގެ ފުރަތަމަ ޖާގަ ޔަގީން ކޮށްފިއެވެ.
ޗެލްސީން ހޯމްގައި ކުޅުނު ފުރަތަމަ ލެގު 2-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައި އޮވެ، ރޭ ޓޮޓެންހަމްގެ ދަނޑަށް ނުކުތް އިރު، ރޭގެ މެޗު ކާމިޔާބާކުރީ 1-0 ގެ ނަތީޖާއަކުންނެވެ. ދެ ލެގުގައިވެސް ޗެލްސީގެ ފަރާތުން ބަލައިލަން ފަސޭހަ، ހިތްގައިމު ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، ފަސޭހަކަމާއެކު ސެމީ ފައިނަލް ކާމިޔާބުކުރީ 3-0 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ. ޗެލްސީއާ ދެކޮޅަށް ފައިނަލްގައި ނުކުންނާނެ ޓީމެއް އެނގޭނީ އާސެނަލްއާއި ލިވަޕޫލް ކުޅޭ ސެމީ ދެމެޗު ނިމުމުންނެވެ.
މެޗުގެ ކުރީކޮޅުގައި މޭސަން މައުންޓުގެ ކޯނަރަކުން ޗެލްސީއަށް ލީޑު ނަގައިދިނީ އެންޓޯނިއޯ ރުޑިގާއެވެ. އެ ގޯލުގައި ސްޕާސްގެ ގޯލު ބެލެހެއްޓި ޕިއޭލުއީޖީ ގޮލިނީގެ ގޯސް ފާހަގަކޮށްލެވުނެވެ. ސްޕާސްގެ އިޓަލީ ކޯޗު އެންޓޯނިއޯ ކޮންޓޭ މެޗު ފެށީ، ޓީމުގެ ކެޕްޓަން އަދި ތަޖުރިބާކާރު ގޯލްކީޕަރު ހޫގޯ ލޮރިސް ފުރަތަމަ 11 ގައި ނުހިމަނައެވެ.
މެޗުގައި ވީއޭއާރްގެ ޑްރާމާ ބޮޑުކޮށް ފެނިގެން ދިޔަ އިރު، ސްޕާސްއަށް ރެފްރީ ދިން ދެ ޕެނަލްޓީއެއް، ވީއޭއާރް ރިވިއުކޮށް ކެންސަލް ކޮށްފައިވެއެވެ. އޭގެ އިތުރުން ހެރީ ކޭން، ދެވަނަ ހާފުގައި ޗެލްސީ ގޯލަށް ބޯޅަ ވައްދާލި ނަމަވެސް ވީއޭއާރް ރިވިއުކޮށް، ރެފްރީ ނިންމީ އެ ބޯޅަ ގޯލަށް ވައްދާލަން މަސައްކަތް ކުރިއިރު، ކޭން އޮފްސައިޑު މަގާމެއްގައި ހުރި ކަމަށެވެ.
މިއީ ތޯމަސް ޓުޗެލްގެ ކޯޗުކަމުގައި ޗެލްސީ ނުކުންނާނެ ތިންވަނަ ފައިނަލެވެ. މީގެ އަހަރެއް ކުރިން ޓުޗެލް ޗެލްސީއާ ހަވާލުވެފައިވާ އިރު، އޭނާ ވަނީ އެންމެފަހުން ސީޒަންގެ އެފްއޭ ކަޕް ފައިނަލާއި ޗެމްޕިއަންސް ލީގު ފައިނަލަށްވެސް ޗެލްސީ ގެންގޮސްދީފައެވެ. އެފްއޭ ކަޕް ފައިނަލުގައި ލެސްޓާ ސިޓީ އަތުން ބަލިވި ނަމަވެސް ޗެމްޕިއަންސް ލީގު ފައިނަލްގައި ސިޓީ ބަލިކޮށް، ޓުޗެލްވަނީ ޗެލްސީއާއެކު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު