ކުޅިވަރު

ޔޫރަޕްގެ ޗެމްޕިއަނުން ތެރެއިން މާލީ ގޮތުން ފައިދާގައި ސީޒަން ނިންމާލީ ބަޔާން އެކަނި

ޔޫރަޕްގެ އަށް ލީގުގެ ޗެމްޕިއަނުންގެ މާލީ ތަފާސް ހިސާބަށް ބަލާއިރު، ފައިދާގައި ސީޒަން ނިންމާލީ ހަމައެކަނި ބަޔާން މިއުނިކުން ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ކޮވިޑް 19ގެ ޕެންޑަމިކާއެކު ޔޫރަޕް ފުޓުބޯޅައިގެ ކްލަބުތަކަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އިރު، މިދިޔަ ސީޒަންގައިވެސް ކްލަބުތަކަށް ވަނީ ކޮވިޑް 19 ގެ އަސަރު ކޮށްފައެވެ. ކޭޕީއެމްޖީން ނެރޭ ހާއްސަ ތަފާސްހިސާބުތަކެއްގައި ޔޫރަޕުގެ ލީގުތަކުގެ ޗެމްޕިއަނުންގެ މާލީ ހާލަތަށް ދިރާސާތަކެއް ކޮށްފައިވާ އިރު، އެ ލިސްޓްގައި ހިމެނެނީ އިންގްލެންޑާއި، ސްޕެއިން، ޖަރުމަނު، އިޓަލީ، ފްރާންސްގެ އިތުރުން ނެދަލޭންޑްސް، ތުރުކީ އަދި ޕޯޗުގަލް ލީގުގެ ޗެމްޕިއަން ޓީމުތަކުގެ ތަފްސީލެވެ.

މިދިޔަ ސީޒަންގެ ތަފްސީލުތަކަށް ބަލާ އިރު، އޭގެ ކުރީ އަހަރަށްވުރެ ގިނައިން ކްލަބަށް ފައިސާ ވަން ހަމައެކަނި ކްލަބަކީ އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީއެވެ. ސިޓީއަށް ފައިދާގެ ގޮތުގައި 537.3 މިލިއަން ޕައުންޑް ލިބިފައިވާ އިރު، އޭގެ ދަށުން ދެން އެންމެ ގިނަ ފައިސާ ވަން ކްލަބަކީ ބަޔާން މިއުނިކެވެ. ލިސްޓްގެ ތިންވަނައިގައި ސްޕެއިން ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑު އޮތް އިރު، ފައިސާ ވަން ތަރުތީބުން ދެން ލިސްޓްގައި އޮތީ އަޔެކްސް، ސްޕޯޓިން ލިސްބަން، އިންޓަ މިލާން އަދި ބެސިކްޓަސް އެވެ.

ސިޓީން މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ކުޅެފައިވާ އިރު، އެޓީމަށް ވަނީ ބްރޯޑްކާސްޓިން ފައިސާގެ ގޮތުގައިވެސް ކުރީ އަހަރަށްވުރެ އިތުރަށް 96 މިލިއަން ޔޫރޯ ލިބިފައެވެ. އެހެން ކަމުން ކޮވިޑްގެ ކުރިން އޮތް 2018-19 ވަނަ އަހަރުގެ ސީޒަނަށްވުރެވެސް މިދިޔަ އަހަރު ސިޓީއަށް ވަން އާމްދަނީ ބޮޑެވެ.

ބަޔާންއިން މިދިޔަ ސީޒަން ނިންމާލީ ސާފު ފައިދާގެ ގޮތުގައި 1.8 މިލިއަން ޔޫރޯއާ އެކުގައެވެ. އެއީ ކްލަބުގެ ޓެކްސްއަށްވެސް ކެނޑުމަށް ފަހު ފައިދާވީ އަދަދެވެ. ސެރެއާ އޭގެ ޗެމްޕިއަންކަން ހޯދި އިންޓަ މިލާނަށް 245.6 މިލިއަން ޔޫރޯގެ ގެއްލުން ވެފައިވާ އިރު، އެއީ އިޓަލީ ކްލަބަކަށް އަހަރެއް ތެރޭ އެންމެ ބޮޑަށް ގެއްލުންވި އަދަދުވެސް މެއެވެ.

އެތުލެޓިކޯ މެޑްރިޑަށްވެސް 111.7 މިލިއަން ޔޫރޯ ގެއްލުން ވެފައިވާ އިރު، އެއީ އޭގެ ކުރީ ސީޒަންގައި އޮތް 1.8 މިލިއަން ޔޫރޯއާ އަޅައިބަލާ އިރު ބޮޑު ގެއްލުމެކެވެ. ސިޓީއަށް ބޮޑު ފައިދާއެއް ވި ނަމަވެސް އެ ކްލަބުގެ ހަރަދު ވަރަށް ބޮޑުކަން ފާހަގަވެފައިވެއެވެ. ޓްރާންސްފާތަކަށް 294 މިލިއަން ޔޫރޯ ހަރަދު ކޮށްފައިވާ އިރު، މުސާރަތައް ދިނުމަށްވެސް ސިޓީން ބޮޑު ހޭދައެއް ކުރެއެވެ. މިހާރުގެ މުސާރަތަކުގެ ތަފުސީލު ނޭނގުނު ނަމަވެސް 2018-19 ވަނަ އަހަރުގެ ސީޒަންގައިވެސް އެ ކްލަބުން ވަނީ 351.4 މިލިއަން ޕައުންޑް މުސާރައަށް ހޭދަކޮށްފައެވެ.

ސިޓީގެ ސްކޮޑުގެ މާކެޓް ވެލިއު 1.237 ބިލިއަން ޔޫރޯގައި ހުރި އިރު، ބިލިއަނަށްވުރެ މަތީގައި ސްކޮޑުގެ އަގުކުރެވޭ އަނެއް ދެ ކްލަބަކީ މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ އެކަންޏެވެ.