ށ. ކޮމަންޑޫއާއި އެރަށާ އެއްފަޅެއްގައި އޮންނަ މަތިކޮމަންޑޫ ގުޅުވައިލުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ އެ މަސައްކަތް ހަވާލުކުރީ 249،905،530.56 (249.9 މިލިއަން ރުފިޔާ)އަށް 730 ދުވަސް (ދެ އަހަރު) އިން ނިންމާ ގޮތަށެވެ. މަޝްރޫއު ހަވާލުކުރުމުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން މިއަދު ސޮއިކުރެއްވީ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އަންވަރު އަލީއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.

އެ މަޝްރޫއުގެ ދަށުން އެމްޓީސީސީން ކޮމަންޑޫގައި 1،690 ކިލޯމީޓަރުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ވެސް ކުރާނެއެވެ. އޭގެ އިތުރުން 16.7 ހެކްޓަރުގެ ބިން މަތިކޮމަންޑޫން ހިއްކައި 1،520 މީޓަރުގެ ބޮޑުހިލައިގެ ފައިކަނި އަދި 112 މީޓަރުގެ ޖިއޯބޭގް ތޮށި މަތިކޮމަންޑޫގައި ގާއިމުކުރަން ވެސް ވަނީ ހަމަޖެހިފައެވެ.

އެ މަސައްކަތަށް ބޭނުންވާ އެންވަޔުރުމެންޓް އިމްޕެކްޓް އެސެސްމެންޓު (އީއައިއޭ) އާއި މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ލިބިދާނެ އެހެން ގެއްލުންތައް ދެނެގަތުމުގެ ކަންކަން ވެސް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ.

ދެ ކޮމަންޑޫ ގުޅުވުމުގެ މަޝްރޫއަކީ ބޯހިޔާވަހިކަމުގެ މައްސަލަ ތަހައްމަލުކުރަމުން އަންނަ ކޮމަންޑޫގެ ރައްޔިތުންނަށް އެކަމުގެ ހައްލެއް ހޯދައިދެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ވައުދުފުޅެކެވެ.

މިމަހުގެ ހަތްވަނަ ދުވަހު ކޮމަންޑޫގައި ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، ބޯހިޔާވަހިކަމުގެ ދާއިމީ ހައްލަކަށް ކޮމަންޑޫ އާއި މަތިކޮމަންޑޫ ގުޅައިލާނެ ކަމަށާއި އެކަމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ވިދާޅުވެފައެވެ.

އެ މަޝްރޫއާ ގުޅޭގޮތުން "ވަން"އަށް މައުލޫމާތުދެއްވަމުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އިއްޔެ ވިދާޅުވެފައިވަނީ، ދެ ކޮމަންޑޫ ގުޅުވައިލުމަށް ހަމަޖެހިފައިވަނީ ލިންކަކުން ކަމަށެވެ. އަދި މަޝްރޫއުގެ އަމަލީ މަސައްކަތް އަންނަ ހުކުރު ދުވަހު ފެށުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.