އަލަށް ސޮއިކުރަން ގަސްދުކުރާ ކޮންޓްރެކްޓުގައި "ކްރޭޒީ" ކަންތައްތަކަކަށް ޑިމާންޑް ކޮށްފައިނުވާނެ ކަމަށާއި، ލިވަޕޫލުގައި ބެހެއްޓުން އޮތީ ކްލަބުގެ އަތްމަތީގައި ކަމަށް މިސްރުގެ ކެޕްޓަން މުހައްމަދު ސަލާހް ބުނެފިއެވެ.
އުމުރުން 30 އަހަރުގެ މިސްރު ތަރި، ސަލާހު ލިވަޕޫލާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާން މިހާރު އޮތީ 18 މަހަށް ވުރެވެސް ކުޑަ ދުވަސްކޮޅެވެ. ލިވަޕޫލުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ސަލާހްގެ ކޮންޓްރެކްޓުގެ ވާހަކަތައް ގިނަވެފައިވަނިކޮށް، އެފްކޮންގައި ރޭ މިސްރުން ނައިޖީރިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ސަލާހު ވަނީ އެ ވާހަކަކަށް ޖަވާބުވެސް ދީފައެވެ.
"އަހަރެން ބޭނުންވަނީ ލިވަޕޫލުގައި މަޑުކުރަން. އެކަމަކު އެއީ އަހަރެންގެ އަތްމަތީގައި އޮތް ކަމެއް ނޫން. ކޮންޓްރެކްޓުގައި ހިމަނަން ކްރޭޒީ ޑިމާންޑުތަކެއް ކޮށްފައެއް ނޯންނާނެ،" ލިވަޕޫލާއެކު ޗެމްޕިއަންސް ލީގާއި ޕްރިމިއާ ލީގުވެސް ކާމިޔާބުކުރި ސަލާހް ބުންޏެވެ.
ލިވަޕޫލާއެކު އެތައް ކާމިޔާބީއެއް ހޯދައި، 2018-19 ވަނަ އަހަރު ސީޒަންގައި ޕްރިމިއާ ލީގު ރަން ބޫޓުވެސް ހޯދި ސަލާހު ބުނީ ކްލަބަށް ކުޅެ، އެތައް ސަޕޯޓަރުންނެއްގެ ލޯބި ހޯދާފައި ކުޅުންތެރިޔަކު ކަންކަމަށް ކޮންމެވެސް ވަރަކަށް އެދޭނެ ކަމަށާއި، ލިވަޕޫލުގެ ކިބައިން އޭނާ އެދުނު ކަންކަން ކްލަބުން ކޮށްދޭން ތައްޔާރުވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
"މިއީ އަހަރެން ލިވަޕޫލުގައި ހޭދަކުރާ ފަސްވަނަ ސީޒަން. އަހަންނަށް ވަރަށް ރަނގަޅަށް މިހާރު ކްލަބު އެނގޭ. ސަޕޯޓަރުން ދެކެ އިންތިހާއަށް ލޯބިވޭ. އެ ސަޕޯޓަރުންވެސް އަހަރެން ދެކެ ލޯބިވޭ. ކްލަބުގެ އެޑްމިނިސްޓްރޭޝަނަށް އަހަރެން ވާނީ އަންގަން ޖެހޭ ކަންކަން އަންގާފައި. އެހެންވީމަ ދެން ބާރު އޮންނާނީ ކްލަބުގެ އަތްމަތީގައި،" ސަލާހް އިތުރަށް ބުންޏެވެ.
މިހާތަނަށް ލިވަޕޫލަށް 148 ގޯލު ޖަހައިދީފައިވާ ސަލާހަކީ މިވަގުތު ފުޓުބޯޅައިގައި އެންމެ ގިނަ ކްލަބުތަކަކުން ހޯދަން މަސައްކަތް ކުރާނެ އެއް ކުޅުންތެރިޔާވެސް މެއެވެ. އޭނާއަކީ މިވަގުތު ފޯމަށް ބަލައި ދުނިޔޭގެ އެއްވަނަ ކުޅުންތެރިޔާ ކަމަށްވެސް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
ލިވަޕޫލް
ލިވަޕޫލް
ލިވަޕޫލް
ލިވަޕޫލް