އޯގަނައިޒޭޝަން އޮފް އެފްރިކަން ކެރީބިއަން އެންޑް ޕެސިފިކް (އޯއޭސީޕީ)ގައި ރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލަފާދެއްވާފައިވާތީ، އެކަމާ މެދު ރައްޔިތުންގެ މަޖިލީހުގެ ހިޔާލު ހޯދުމަށް ހުށަހެޅުމަށް ރައީސް ސޯލިހު ނިންމަވައިފިއެވެ.

ރައީސް އޮފީހުން ބުނީ، ރައީސް ސޯލިހު އެގޮތަށް ނިންމަވާފައިވަނީ، މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، އެކަމާ ގުޅޭގޮތުން ފޮރިން މިނިސްޓްރީން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހު ކަމަށެވެ.

އޯއޭސީޕީ ޖަމިއްޔާގެ މެމްބަރު ގައުމަކަށްވުމުން ރާއްޖެއާއި އެފްރިކާ ކެރީބިއަން އަދި ޕެސިފިކް ސަރަހައްދުގެ ގައުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިވާނެކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ރާއްޖެއިން ވަކާލާތުކުރަމުން އަންނަ މުހިންމު މައްސަލަތައް ކަމުގައިވާ މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެއްޓަށް ކުރާ އަސަރުތައް ފަދަ ގިނަ ދާއިރާތަކުގައި އަޑުއުފުލުމުގެ ފުރުސަތު އޭރުން ފުޅާވުމާއި، ތަރައްގީގެ އެކިއެކި މަޝްރޫއުތަކަށް ފައިނޭންސް ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

މީގެ އިތުރުން އޯއޭސީޕީ އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ އިންސްޓިޓިއުޝަންތަކުގެ އެހީތެރިކަން ލިބުމަށް ވެސް މަގުފަހިވެގެންދާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެގޮތުން ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރާ ކަނޑުމަހުގެ އެކި ބާވަތްތަކަށް ރަނގަޅު އަގެއް ހޯދުމަށާއި ރާއްޖެއަށް ޔޫރަޕުގެ ޝެންގަން ވިސާ ހޯދުމަށް ލުއި ފަސޭހަވެގެންދާނެ ކަމަށް ބެލެވޭކަމަށް ރައީސް އޮފިހުން ވަނީ ބުނެފައެވެ.

އޯއޭސީޕީ މެމްބަރުންގެ ގޮތުގައި 79 ގައުމެއް ވަނީ ބައިވެރިވެފައެވެ. އޯއޭސީޕީ ރާއްޖެއިން ބައިވެރިވެއްޖެނަމަ ރާއްޖެ ވެގެންދާނީ 80 ވަނަ މެންބަރު ގައުމަށެވެ. ތަރައްގީވަމުން އަންނަ ގައުމުތަކުގެ ތެރެއިން ރާއްޖެ ފިޔަވައި ކުދި ޖަޒީރާ ހުރިހާ ގައުމުތަކަކީ އޯއޭސީޕީ މެންބަރު ގައުމުތަކެވެ.