ޚަބަރު

އޭޖީ ލަފާދީގެން ބުލޮކްވެރިން ހޮވުން ވަނީ ހުއްޓުވާފައި: މުއިއްޒު

އިބްރާހިމް ޒަކީ

މާލެ ސިޓީ ކައުންސިލާއެކު މަސައްކަތް ކުރުމަށް މާލޭގެ ކޮންމެ ބްލޮކަކަށް ވެރިއެއް ހޮވުމަށް ބާއްވަން ނިންމި އިންތިހާބު، އެޓާނީ ޖެނެރަލް (އޭޖީ) އިބްރާހިމް ރިއްފަތު ލަފާދެއްވައިގެން ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ހުއްޓުވާފައިވާ ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ. މުއިއްޒު ވިދާޅުވީ، މާލޭގެ ކޮންމެ ބްލޮކަކަށް ބްލޮކްވެރިއެއް ހޮވުމަށް ނިންމީ މާލޭ ސީޓީ ކައުންސިލުގެ އެކްޝަން ޕްލޭނުގައި ހިމަނައިގެން އެ ކައުންސިލުން ފާސްކޮށްގެން ކަމަށެވެ. އަދި އެކަމަށް ކުރިމަތިލުމަށް އިއުލާން ކުރުމުން ބޮޑު ތަރުހީބެއް ލިބުނު ކަމަށްވެސް ވިދާޅުވިއެވެ.

އެކަމަށްޓަކައި ބްލޮކްތަކުގައި ހިމެނޭ ރައްޔިތުންގެ މެދުގައި މިދިޔަ އޮކްޓޯބަރު މަހުގެ 30ގައި އިންތިހާބު ބާއްވަން ނިންމި ނަމަވެސް އެ އިންތިހާބު ބާއްވާފައެއް ނުވެއެވެ.

މޭޔަރު މުއިއްޒު ވިދާޅުވީ، އެކަމުގެ ހުއްދައަށް އެދި އެލްޖީއޭއަށް ހުށަހެޅުމުން ތިން މަހަށް ވުރެ ގިނަ ދުވަހަށްފަހު، ބްލޮކްވެރިން ނުހޮވޭނެ ކަމަށް އޭޖީ އޮފީހުން ލަފާދީފައިވާ ކަމަށް ބުނެ އެލްޖީއޭއިން ސިޓީ ކައުންސިލަށް ޖަވާބުދީފައިވާ ކަމަށެވެ.

"އޭޖީ އޮފީހުން ލަފާ ދީފައި ވަނީ ބްލޮކްވެރިން ނުހޮވޭނެ ކަމަށް. ކައުންސިލަރުން ހޮވާފައޭ ވަނީ ރައްޔިތުން، އެހެންކަމުން އިތުރު ބަޔަކު ނުހޮވޭނެއޭ،" އެއީ ތާކުން ތާކު ނުޖެހޭ ޖަވާބެއްކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވިއެވެ.

"މިއުޅެނީ ކައުންސިލަރުންގެ ޒިންމާތައް އެހެން ބަޔަކަށް ދޭކަށެއް ނޫން، ކައުންސިލަރުންގެ ބެލުމުގެ ދަށުން ރައްޔިތުންގެ ތެރެއިން އިތުރު ބަޔަކު މި ނަގަނީ ކައުންސިލަރުންނާ އެކީ ވަރަށް ގާތުން މަސައްކަތް ކުރާނެ ޓީމެއްމީ، އެހެންވީމަ ގާނޫނުން ކަނޑައަޅާފައިވާ ކައުންސިލަރުންގެ ޒިންމާތަކެއް އެހެން ބަޔަކަށް ޕާސްއެއް ނުކުރެވޭނެ،" މުއިއްޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެލްޖީއޭއިން ޖަވާބުދިން ނަމަވެސް ބްލޮކްވެރިން ހޮވުމަކީ ގާނޫނާ ހިލާފު ކަމެއް ނޫން ކަމަށެވެ. އެހެންކަމުން އެކަމާބެހޭ ގޮތުން އިތުރަށް ގާނޫނީ ލަފާ ހޯދުމުގެ މަސައްކަތް ކައުންސިލުން ކުރަމުންގެންދާ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭ ކުރަން މިއުޅެނީ ގާނޫނާ ހިލާފު ކަމެއް ކަމަކަށް، ލާމަރުކަޒީ ގާނޫނުގެ މަފްހޫމާ ވަރަށް ދިމާވާ ކަމެއް ކުރަމުން މިދަނީ، އެގޮތަށް ބްލޮކްވެރިން ކަނޑައެޅިއްޖެއްޔާ އެ ރައްޔިތުން ބޭނުންވާ ކަންތައް ފަސޭހައިން ދުވަހުން ދުވަހަށް އެނގިގެންދާނެ،" މުއިއްޒު ވިދާޅުވިއެވެ.