ބަންގުލަދޭޝް މީހަކު ރާއްޖެ ގެނައި ކަމަށް ބުނާ ދަބަހެއްގައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ ތަކެތި ކަމަށް ޕްރޮސިކިއުޓަރުންނަށް ކޯޓުގައި ސާބިތުކޮށް ނުދެވިގެން، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރިކަމުގެ ދައުވާކުރި ބަންލަދޭޝް ރައްޔިތެއް ކަމަށްވާ އާރިފް ސަލާމަތްވެއްޖެއެވެ.

މި މައްސަލައަކީ 29 ޖޫން 2018 ވަނަ ދުވަހު ވައިގެ މަގުން ރާއްޖެ އައިސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލުގައި ހުއްޓައި އާންމު އުސޫލުން މޯލްޑިވްސް ކަސްޓަމްސްގެ އޮފިސަރުން އޭނާ ރާއްޖެ ގެނައި ދަބަސްތައް ބަލައި ފާސްކުރި އިރު، އެތަނުން ދަބަހެއްގައި އޮތް ދެ ބެޑްޝީޓުގެ ތެރޭގައި ކެނަބިސް ހުރި ކަމަަށް ތަހުލީލު ރިޕޯޓުން ދައްކާތީ މަސްތުވާ އެއްޗެއް ރާއްޖެއަށް އެތެރެ ކުރުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް ކޮށްފައިވާ މައްސަލައެކެވެ.

މި މައްސަލައިގައި އިބުތިދާއީ އަޑުއެހުމުން ފެށިގެން އޭނާ އަންނަނީ ދައުވާއަށް އިންކާރު ކުރަމުންނެވެ. އަދި ދިފާއީ ހެކި ހުށަހެޅުމަށް ދިން ހަތް ދުވަހުގެ މުއްދަތުގައި ދިފާއީ ހެކިވެސް އޭނާ ހުށަހަޅާފައެއް ނުވެއެވެ.

ނަމަވެސް އޭނާގެ މައްޗަށް އެ މައްސަލަ ސާބިތުކުރުމަށް 12 ހެތްކެއް ޕީޖީ އޮފީހުގެ ފަރާތުން ކޯޓަށް ހުށަހެޅިއެވެ.

މި މައްސަލަ ބެލުމަށްފަހު، މިދިޔަ ބުރާސްފަތި ދުވަހު ކުރިމިނަލް ކޯޓުން ހުކުމް އިއްވަމުން ބުނެފައި ވަނީ، ދައުވާ ލިބޭ ފަރާތުން ރާއްޖެ ގެނައި ދަބަހުގައި ހުރި ތަކެތީގެ މައުލޫމާތު އެއްވެސް ވަރަކަށް ނޭނގޭ ކަމަށާއި އެ ދަބަސް ހުޅުވައި ބަލައިފައިވެސް ނުވާނެ ކަމަށް އޭނާ ބުނެފައިވާ ކަމަށެވެ.

އަދި އޭނާގެ އަތުން މަސްތުވާތަކެތި ފެނުނު ނަމަވެސް، ފެނުނު ތަކެތީގެ އިލްމު ދައުވާ ލިބޭ ފަރާތަށް އެނގޭކަން ދޭހަވާ ފަދަ އެއްވެސް ހެތްކެއް ނުވަތަ ގަރީނާއެއް ދައުލަތުން ހުށަހަޅާފައިނުވާ ކަމަށްވެސް ބުނެފައިވެއެވެ.

އޭގެ އިތުރުން އެ ދަބަހަކީ ރާއްޖެއިން މީހަކާ ހަވާލުކުރުމަށް، އެހެން މީހަކު ދިން ދަބަހެއް ކަމަށް ދައުވާ ލިބޭ މީހާ ބުނި ނަމަވެސް އެކަން ފުލުހުންގެ ފަރާތުން ބެލުމަށް މަސައްކަތް ކޮށްފައި ނުވާ ކަމަށްވެސް ކޯޓުން ބުނެފައިވެއެވެ.

"މި މައްސަލައިގައި އޭނާ ގެނައި ދަބަސް ބަލައި ފާސްކުރީ އޭނާއާމެދު ޝައްކު ކުރެވިގެން ނޫން ކަމާއި ރެންޑަމްކޮށް އާންމު އުސޫލުން ހުއްޓުވައި ދަބަސް ބަލައި ފާސްކުރީ ކަމަށް ކަސްޓަމްސް އޮފިސަރުން ބުނެފައިވާތީ އާއި މަސްތުވާތަކެތި އޮތް ގޮތަށް ބަލައި އިރު އެތަކެއްޗަކީ އާންމު މީހަކަށް ބަލާބެލުމަށް ފެންނަ ވަރަށްވުރެ ބޮޑަށް، ނޭނގޭ ގޮތަށް ފޮރުވާފައިވާ ތަކެތި ކަމަށްވުމުން، އެތަކެއްޗާ ގުޅޭ އެއްވެސް މައުލޫމާތެއް ދައުވާ ލިބޭ ފަރާތަށް ނޭނގޭ ކަމަށް ބުނާ އިރު، އެތަކެތި އޭނާގެ ހިޔާޒަތުގައި އޮތްކަން އެނގޭކަން ނުވަތަ އޭގެ އިލްމު ލިބިފައިވާކަން ސާބިތުކޮށްދިނުމަކީ އަދި ކުށުގެ މައުނަވީ ރުކުން ސާބިތުކޮށްދިނުމަކީ ޕްރޮސިކިއުޝަންގެ ޒިންމާއަަކަށްވާ އިރު، މައްސަލައިގައި ހުށަހަޅާފައިވާ ހެކިންގެ ހެކިބަހުން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކުށުގެ މައުނަވީ ކުރުން ސާބިތު ކޮށްދެވިފައެއް ނުވޭ،"

އެހެންކަމުން ބަންގުލަދޭޝްގެ އާރިފްގެ މައްޗަށް ކުރި ދައުވާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތު ނުވާ ކަމަށް ކޯޓުން ހުކުމް ކުރިއެވެ. މި މައްސަލަަ އޭނާގެ މައްޗަށް ސާބިތުވެއްޖެ ނަމަ އަދަބަކީ އުމުރަށް ޖަލަށްލުމާއެކު އެއްލައްކަ ރުފިޔާ އާއި ދިހަ މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިނަމާ ކުރުމެވެ.