އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" މުޒާހަރާގައި ޓްރެފިކަށް ދަތިކުރާ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ސިޔާސީ ޕާޓީއަކުން އިސްވެ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް އެއްވުންތަކެއް ބާއްވަމުން އަންނަކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި އެ އެއްވުންތަކުގައި އާންމު ދަތުރުފަތުރުތަކަށް ދަތިކުރަމުންދާ ކަމަށެވެ.

"މާލޭގައި ސިޔާސީ ޕާޓީއަކުން އިސްވެ، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނު (ގާނޫނު ނަންބަރު 01/2013) އާ ހިލާފަށް އެއްވުންތަކެއް ބާއްވަމުން އަންނަކަން މި ހިދުމަތުން ފާހަގަކުރަމެވެ. އެއްވުންތަކުގައި، އާންމު ދަތުރުފަތުރަށް ދަތިކޮށް، މާލެއާއި ހުޅުމާލެއާ ދޭތެރޭގައި ދަތުރުކުރާ ބަސް ހުއްޓުވައި އަދި ގާނޫނާ ހިލާފު އަމަލުތައް ކުރުމަށް ތަކުރާރުކޮށް ހިތްވަރުދީ އެކަމަށް ގޮވާލަމުންދާކަން ފާހަގަކުރެވި އެފަދަ މީހުންގެ މައްސަލަތައް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ" ފުލުހުން ބުންޏެވެ.

އިއްޔެ އިދިކޮޅު ކޯލިޝަނުން ބޭއްވި "އިންޑިއާ އައުޓް" މުޒާހަރާގައި ފިރިހެން ފުލުހުން މުޒާހަރާގައި ބައިވެރިވި އަންހެނަކު ގަދަބާރުން ހައްޔަރުކުރާ ކަމަށް ބުނާ ފޮޓޯ ތަކާއި ވީޑިއޯ ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. އެކަމާ ގުޅިގެން ފުލުހުން ރޭ ބުނީ، މީހުން ހައްޔަރުކުރުމުގައި ފުލުހުން ބަލަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ހާއްސަ ގާނޫނުތަކަށް ކަމަށެވެ. ފުލުހުން ބުނީ، މުޒާހަރާތަކާއި އެނޫންވެސް ހާލަތްތަކުގައި މީހަކު ހައްޔަރުކުރަނީ ކޮންމެހެން ވެސް ހައްޔަރުކުރަން ޖެހިގެން ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ.

އަންހެނުން ހައްޔަރުކުރުމުގައި އަންހެން ފުލުހުން ހަރަކާތްތެރިވުމަކީ އިސްކަންދޭ ކަމެއް ކަމަށް ފުލުހުން ބުންޏެވެ. އަދި ބުނީ ގާނޫނު ތަންފީޒުކޮށް ނެގެހެއްޓުމަށާއި އާންމު ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން އެ ވަގުތަކަށް އަޅަން ޖެހޭ ފިޔަވަޅުތައް ފުލުހުން އަޅާނެ ކަމަށެވެ.

"މުޒާހަރާތަކާ އެނޫން ވެސް ހާލަތްތަކުގައި މީހުން ހައްޔަރުކުރުމުގައި ފުލުހުން އަމަލުކުރަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާއި އެނޫންވެސް ހާއްސަ ގާނޫނަކާ ގުޅޭ ކަމެއް ނަމަ އެ ގާނޫނަކާ އެއްގޮތަށެވެ. މުޒާހަރާތަކާ އެނޫންވެސް ހާލަތެއްގައި މީހުން ހައްޔަރުކުރަން ފުލުހުން ހަރަކާތްތެރިވަނީ މީހަކު ހައްޔަރުކުރަން ކޮންމެހެން ޖެހިއްޖެ ނަމަ، ގާނޫނުތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. އެގޮތުން އަންހެނުން ހައްޔަރުކުރުމުގައި އަންހެން ފުލުހުން ހަރަކާތްތެރިވުމަކީ ހިދުމަތުން އިސްކަންދޭ ކަމެކެވެ. އަދި ގާނޫނު ތަންފީޒުކޮށް ނެގެހެއްޓުމަށާއި އާންމު ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން އެ ވަގުތަކަށް އަޅަންޖެހޭ ފިޔަވަޅުތައް ފުލުހުން އަޅާނެ ވާހަކަ ދަންނަވަމެވެ" ފުލުހުން ބުންޏެވެ.

މީހުން ހައްޔަރުކުރުމުގައި ފުލުހުން ނަހަމަ ގޮތުގައި ބާރުގެ ބޭނުންކުރާކަމަށް ޝައްކުވާ ނަމަ އެކަން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)އަށް ހުށަހެޅުމަށް ފުލުހުން ވަނީ ބުނެފައެވެ.

"އިންޑިއާ އައުޓް" މުޒާހަރާ ރޫޅާލުމުގައި ފުލުހުން ނަހަމަ ގޮތުގައި ބާރުގެ ބޭނުން ކުރަމުންދާ ކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ތުހުމަތުކުރާތީ ފުލުހުން ބުނީ، އެއްވުންތައް ރޫޅާލުމަށް ފުލުހުން ބާރުގެ ބޭނުން ކުރަނީ އެ ހާލަތާ އެއްވަރުގެ ނުވަތަ އެއަށްވުރެ ދަށް މިންގަނޑެއްގެ ބާރެއް ބޭނުންކުރުމަށް ކަމަށެވެ. އަދި ބުނީ، އެއްވުންތަކުގައި ބައިވެރިވާ ބައެއް މީހުން ފުލުހުންނަށް ހަމަލަދީ، ދައުލަތުގެ މުދަލަށް ގެއްލުންދީ ހަދާ ކަމަށެވެ. ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކުގެ ހިންގުމަށް ހުރަސް އެޅުމުގެ މަސައްކަތް ކުރާ ކަމަށްވެސް ފުލުހުން ބުންޏެވެ.

"މިފަދަ އެއްވުންތަކުގައި ބައިވެރިވާ ބައެއް މީހުން ފުލުހުންނަށް ހަމަލަދީ، ދައުލަތުގެ މުދަލަށް ގެއްލުންދީ ހަދާކަން ހިތާމަޔާއެކު ފާހަގަކުރަމެވެ" ފުލުހުން ބުންޏެވެ.