މުޅި ރާއްޖެއަށް ހުޅުވާލައިގެން އެފްއޭއެމުން ބާއްވަން ފަށާފައިވާ ވުމަންސް އިންވިޓޭޝަނަލް ކަޕުގެ ފުރަތަމަ މުބާރާތުގެ ޗެމްޕިއަންކަން ޑޮޓްކޮމް ސްޕޯޓްސް ކްލަބުން ހޯދައިފިއެވެ.
ޅ. އަތޮޅު ނައިފަރުގައި ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން ހޯދައި، ޑޮޓްކޮމް ސްޕޯޓްސް ކްލަބުން ވަނީ މާލޭގައި ބާއްވާ ފައިނަލް ބުރަށް ކޮލިފައިވެފައެވެ. ނައިފަރު ޓާފް ދަނޑުގައި މިއަދު ކުޅުނު މެޗުގައި ޑޮޓްކޮމް ސްޕޯޓްސް ކްލަބުން ޗެމްޕިއަންކަން ނެގީ އެޕެކްސް އެސްސީ ބަލިކޮށްގެންނެވެ. މިއަދުގެ މެޗު ޑޮޓްކޮމް ސްޕޯޓްސް ކްލަބުން އިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.
މިއަދުގެ މެޗު އެއްވަރުވާން ޑޮޓްކޮމް ސްޕޯޓްސް ކްލަބުން މެޗު ކާމިޔާބުކުރީ އިތުރު ވަގުތުގައި ޖެހި ގޯލަކުންނެވެ. އެޓީމުން ޖެހި ހަމައެކަނި ގޯލަކީ އެޕެކްސް އެސްސީގެ ފާތިމަތު މިއުޝާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
މުބާރާތް ނިމުމުން އެކިއެކި ގޮތްގޮތުން އެހީތެރިކަން ފޯރިކޮށްދިން ފަރާތްތަކަށް އެފްއޭއެމްއިން ވަނީ ހަނދާނީ ލިޔުން ދީފައެވެ. އޭގެ އިތުރުން މުބާރާތުގެ އެކިއެކި މަގާމުތައްވެސް ހޮވާފައިވެއެވެ. މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ކުރެންދޫ އެފްސީ ހޮވުނު އިރު، އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކީ އެޕެކްސް އެސްސީގެ މިއުޝާއެވެ.
މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ގައުމީ އަންހެން ފުޓުބޯޅަ ޓީމުގެ ޝަހުލާ ތައުފީގެވެ. ޝަހުލާއަކީ މިއަދު ކުޅުނު ފައިނަލް މެޗުގެވެސް މޮޅު ކުޅުންތެރިޔާއެވެ.
މި ސީޒަންގެ އަންހެން ފުޓުބޯޅަ މުބާރާތް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބަހާލައިގެން ކުރިއަށް ގެންދަން އެފްއޭއެމުން ނިންމާފައިވާ އިރު، އިންވިޓޭޝަނަލް މުބާރާތްތައް ބާއްވާނީ ނައިފަރާއި ލ. އަތޮޅުގެ އިތުރުން ހދ. ކުޅުދުއްފުށި އަދި ފުވައްމުލަކާއި މާލޭގައެވެ. މާލޭގައި ކުޅޭ ބައިގައި ވާދަކުރާނީ ފުރަތަމަ ޑިވިޝަންގެ ޓީމުތަކުގެ އަންހެން ޓީމުތަކުންނެވެ. އެ ބުރުތަކުގެ ޗެމްޕިއަނުންގެ މެދުގައި ފައިނަލް ބުރެއް ކުޅެ، މުޅި ރާއްޖޭގެ ޗެމްޕިއަން ޓީމެއްވެސް ހޮވާނެއެވެ.
ނައިފަރުގައި ނިމިގެން ދިޔަ މުބާރާތުގައި ޖުމްލަ ހަ ޓީމަކުން ވާދަކޮށްފައިވެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު