ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" މުޒާހަރާގައި ބައިވެރިވި މީހުންގެ ތެރެއިން ބަންދުގައި ތިބި ދެ މީހުން މިއަދު ދޫކޮށްލައިފިއެވެ.

ޕީޕީއެމް/ޕީއެންސީން އިއްޔެ ބޭއްވި "އިންޑިއާ އައުޓް" ކެމްޕޭނުގައި 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ވަން" އަށް ވިދާޅުވީ ދޫނުކޮށް ތިބި ދެ މީހުންގެ ތެރެއިން އެކަކީ ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އަޅައި، ފުލުހަކަށް ހަމަލާދީ، މާރާމާރީ ހިންގައި، ފުލުހުންގެ ވެހިކަލަކަށް ގެއްލުންދިން ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހެއް ކަމަށެވެ. އަދި ދެވަނަ މީހާ ބަންދުގައި ހުރި ސަބަބު ސާފުކުރުމަށްފަހު މައުލޫމާތު ދެއްވާނެ ކަމަށެވެ.

ބަންދުގައި ތިބި އެ ދެ މީހުން މިއަދު ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދުން ދޫކޮށްލަން ކޯޓު އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެ ދެ މީހުން ބަންދުން ދޫކުރީ ޝަރުތުތަކާއެކު ކަމަށް ވެސް ފުލުހުން ބުންޏެވެ.

"އިންޑިއާ އައުޓް" ހަރަކާތުގައި ބައިވެރިވާ މީހުންނަށް ފުލުހުން ހުރަސްއަޅައި މީހުން ހައްޔަރު ކުރަމުންދަނީ ސަރުކާރު އިސްވެރިންގެ އޯޑަރަށް ކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ތުހުމަތުކޮށްފައެވެ.

އިދިކޮޅުން ކޮންމެ ދުވަހަކު ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތުގެ ތެރެއިން ފުލުހުން ދަނީ ގިނަ ބަޔަކު ހައްޔަރު ކުރަމުންނެވެ. ފުލުހުން ބުނެފައިވަނީ އިދިކޮޅު ހަރަކާތުގެ ތެރެއިން މީހުން ހައްޔަރުކުރަނީ "އިންޑިއާ އައުޓް" ޖެހި ޓީޝާޓު ލައިގެން ތިބެ ހަރަކާތުގައި ބައިވެރިވަމުން ދާތީ އާއި ފުލުހުންގެ ދައުރަށް ހުރަސް އަޅަމުންދާތީ ކަމަށެވެ.