ރ. ދުވާފަރު މަގުހެދުމުގެ ދެވަނަ ފޭސްގެ މަޝްރޫއުގެ 50 މަސައްކަތް ނިމިފައިވާ ކަމަށް އެ މަސައްކަތް ކުރަމުންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން މިއަދު ބުނީ ދުވާފަރު މަގު ހެދުމުގެ ސަބްބޭސް މަސައްކަތްތައް މިމަހުގެ ހަތަރު ވަނަ ދުވަހު ފަށާފައިވާ ކަމަށެވެ.

ދުވާފަރު މަގު ހެދުމުގެ މަޝްރޫއުގެ ދަށުން 17،790 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް ގާއިމުކުރުމާއި 4،960 އަކަ މީޓަރުގެ ހިނގާ ސަރަހައްދެއް ގާއިމުކުރުން ވެސް ހިމެނެއެވެ. އަދި ފެންހިންދާ ނިޒާމަކާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.

އެމްޓީސީސީން ކުރިއަށް ގެންދާ މި މަޝްރޫއުގެ އަގަކީ 37.8 މިލިއަން ރުފިޔާއެވެ.

ދުވާފަރު މަގު ހެދުމުގެ ފުރަތަމަ ފޭސްގެ މަސައްކަތް އެމްޓީސީސީން ނިންމާލާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހުއެވެ.

އެމްޓީސީސީން އަންނަނީ ދުވަފާރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުވެސް ކުރިއަށް ގެންދަމުންނެވެ. އެގޮތުން 22.2 ހެކްޓަރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމާއި 423 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި 70 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.