މިދުވަސްވަރު މާލެ ސަރަހައްދުގައި ކޮވިޑްގެ ކޭސްތައް އިތުރުވަމުންދާތީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މާލެ ސަރަހައްދުގައި ބާއްވަމުން ދިޔަ ނައިޓް މާކެޓް ހުއްޓާލަން އެންގުމުން ވިޔަފާރިވެރިން މުޒާހަރާ ކުރަން ފަށައިފިއެވެ.

ވިޔަފާރިވެރިން މުޒާހަރާ ކުރަމުން ދަނީ ނައިޓް މާކެޓް ބޭއްވުމަށް ހުއްދަ ދީފައިވާ ރަސްފަންނު ސަރަހައްދުގައެވެ. ވިޔަފާރިވެރިން މުޒާހަރާ ކުރަން ތިބީ އެ މީހުންގެ ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ވެސް ހިފައިގެންނެވެ.

އެ ބޯޑުތަކުގައި ވަނީ ނައިޓް މާކެޓް ބޭއްވުމުގެ ހުއްދަ ދިނުމަށް އެދިފައެވެ. އަދި ނައިޓް މާކެޓުތައް ބޭއްވުން ހުއްޓުވައި ކައިވެނި ހަފުތާލަށް ނުހުއްޓުވާތީ ވެސް ވިޔަފާރިވެރިން ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ. މީގެ އިތުރުން ނައިޓް މާކެޓް ނުބާއްވާނަމަ ކުރި ހަރަދު ދިނުމަށް ވެސް ވިޔަފާރިވެރިން ވަނީ ގޮވާލައިފައެވެ.

ކޮވިޑްގެ ކޭސްތައް އިތުރުވަމުންދާތީ، އެޗްޕީއޭއިން އަންގައިގެން މާލެ ސަރަހައްދުގައި ނައިޓް މާކެޓް ބޭއްވުން މާލޭ ސިޓީ ކައުންސިލުން މަނާކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ނަމަވެސް ފަހުން ސިޓީ ކައުންސިލުން ވަނީ ނައިޓް މާކެޓް ބޭއްވުމުގެ ހުއްދަ އަލުން ދީފައެވެ.

ސިޓީ ކައުންސިލުން ނައިޓް މާކެޓް ބޭއްވުމަށް ހުއްދަ އަލުން ދިނީ، ނައިޓް މާކެޓް ބޭއްވުމަށް ވިޔަފާރިވެރިން އެދުމުންދާތީ އާންމު ފިހާރަތަކުގައި ވިޔަފާރި ކުރަމުންދާ އުސޫލުން ނައިޓް މާކެޓް ބޭއްވުމަށް އެޗްޕީއޭއިން ހުއްދަ ދިނުމުންނެވެ. އަދި އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަަށް ނައިޓް މާކެޓް ބޭއްވުމަށް އެއްބަސްވާ ފަރާތްތަކަށް ހުއްދަ ދިނުމަށް ނިންމިއެވެ.

ނަމަވެސް ރޭގެ ވަގުތެއްގައި އެޗްޕީއޭއިން ބުނެފައިވަނީ އެ އޭޖެންސީން ކުރި އިންސްޕެކްޝަންގައި ރަސްފަންނުގައި ނައިޓް މާކެޓް ކުރިއަށްދަނީ މަގުމަތީ ބާޒާރެއް ގޮތަށް ކަމަށާއި އެތަނުގައި އެއްވެސް ގައިދުރަ ކަމެއް ނެތި މީހުން ތޮއްޖެހުމާއި މާސްކު އެޅުމަށް ސަމާލުކަން ނުދޭކަން ފާހަގަވާތީ ނައިޓް މާކެޓް ކުރިއަށް ނުގެންދިއުމަށް މާލެ ސިޓީ ކައުންސިލަށް އަންގާފައިވާނެ ކަމަށެވެ.