ށ. ކޮމަންޑޫ ކައިރީގައި އޮތް ރަށެއް ކަމަށްވާ "ރަށްފަތި" ވަރަށް އަވަހަށް ޓޫރިޒަމަށް ހުޅުވާލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެޖެއެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް އިބްރާހިމް ރާޝިދު (ރާޑޯ)ގެ ކެމްޕެއިން ފެށުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ރައީސް ވިދާޅުވީ، ކޮމަންޑޫގެ ރައްޔިތުންނަށް ވަޒީފާ ހޯދައިދޭން ޖެހޭ ކަމަށެވެ.
ރައީސް ވިދާޅުވީ، ކޮމަންޑޫގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް އެރަށާ ކައިރީގައި އޮތް ރަށްފަތި ޓޫރިޒަމަށް ހުޅުވާލުމަކީ މިސަރުކާރުގެ ވައުދެއް ކަމަށެވެ.
"އަޅުގަނޑުމެން ވެފައި އޮތް ވައުދެއް އެއީ، މިރަށުގެ ކައިރީގައި މިއޮތް ރަށްފަތި ޓޫރިޒަމަށް ހުޅުވައިލުން. މިހާރުވެސް ޓޫރިޒަމަށް ހުޅުވާލާ ރަށްތަކުގެ ތެރޭގައި އެރަށް އެބައޮތް. އިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ ތިބޭފުޅުން ބޭނުންވާ ކަމަށްވަންޏާމު، އަޅުގަނޑު ހިތުން ބޭނުންވާނެ، ތިބޭފުޅުން ބޭނުންވާ ގޮތަށް މިއީ ކެމްޕޭނާ ގުޅުވައިގެން ކުރާ ކަމެކޭ ވިދާޅުވިޔަސް އެކަން އަޅުގަނޑުމެން ކުރާނަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ކޮމަންޑޫގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ކޮމަންޑުއާއި މަތިކޮމަންޑޫ ގުޅައިލާނެ ކަމަށާއި އެ މަސައްކަތް އަންނަ ހަފުތާގައި ފަށާނެ ކަމަށެވެ.
ރައީސް ވިދާޅުވީ، ކޮމަންޑޫގައި ފެނާއި ނަރުދަމާގެ މަސައްކަތް ބަޔަކާ ހަވާލުކުރެވިގެން ކުރިއަށްދާ ކަމަށާއި އެރަށުގެ ސްކޫލު އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވާތީ އެ މަސައްކަތް ވެސް ފެށިގެންދާނެ ކަމަށެވެ. އަދި ކޮމަންޑޫގައި އައިސްޕްލާންޓެއް ގާއިމުކޮށް އެރަށުގެ ބަނދަރު އިތުރަށް ތަރައްގީ ކުރެވިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ކޮމަންޑޫ ދާއިރާގައި ހިމެނޭ ފޯކައިދޫއާ ގުޅޭގޮތުން ރައީސް ވިދާޅުވީ، އެރަށު ޕޮލިސް ސްޓޭޝަނާއިި ސިއްހީ މަރުކަޒުގެ މަސައްކަތް މިއަހަރު ފެށޭނެ ކަމަށެވެ. ފޯކައިދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ބަނދަރުގެ މަސައްކަތް ނިމުމަކާ ހަމައަށް ގޮސްފައިވާ ކަމަށެވެ. އަދި އެރަށުގެ ފެނަކައިގެ އާ އިންޖީނުގެއާ ފޯކައިދޫ ދަނޑުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ފޯކައިދޫ ޗަކަ ބިމަށް ވެލި އަޅައި އެތަނުން ގޯތި ދޫކުރުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފަށާނެ ކަމަށާއި މަރޮށީ ބަނދަރުގެ މަސައްކަތް އަންނަ ހަފުތާގައި ފަށާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު