ރާއްޖޭން ބޭރުވާން ޖެހޭނީ ޑުރަގް ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނުސީދާ ރައްދެއް ދެއްވައިފިއެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓް، އިބްރާހިމް ރާޝިދު (ރާޑޯ)ގެ ކެމްޕޭން ލޯންޗުކުރުމަށް ކޮމަންޑޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އިޖުތިމާއީ މައްސަލައަކީ މަސްތުވާތަކެތި ކަމަށެވެ. އަދި އެކަމާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މިފަހަކަށް އައިސް ވަރަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވާ ކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މަސްތުވާތަކެއްޗާ ދެކޮޅަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ސަބަބުން މަސްތުވާތަކެތީގެ ވިޔަފާރިއާ އެކި ގޮތްގޮތުން ގުޅިފައި ތިބި މީހުންގެ ރުޅުވެރިކަން އިންތިހާއަށް ސަރުކާރަށާއި ސަރުކާރަށް މަދަދު ދޭ ފަރާތްތަކަށް އަމާޒުވާ ކަމަށް ވިދާޅުވިއެވެ.

"އެހެން ނަމަވެސް ކިތަންމެ ކޯފާވިޔަސް، ކިތަންމެ ކޯފާވިޔަސް ބޭރުވާން ޖެހޭނީ ޑްރަގް" ރައީސް ވިދާޅުވިއެވެ.

ރައީސް އެހެން ވިދާޅުވި އިރު، "އިންޑިއާ އައުޓް" ކެމްޕެއިނަކީ، ރާއްޖެ އެތެރެވާ ގިނަ އަދަދެެއްގެ ޑުރަގް އަތުލައިގަތުމުގައި އިންޑިއާގެ އެހީތެރިކަން ލިބެމުންދާތީ، އެކަން ހުއްޓުވުމުގެ ނިޔަތުގައި ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް އެމްޑީޕީން ތުހުމަތު ކުރެއެވެ.

އެގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒުވެސް މިފަހުން ވަނީ، އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ޑޯނިއާ މަތިންދާބޯޓު އޮވެގެން އިދިކޮޅުން ކަންބޮޑުވުމާއި ގިނަ އަދަދެއްގެ ޑުރަގް މިފަހަކަށް އައިސް އަތުލައިގަނެވުމަކީ އިއްތިފާގެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވެފައެވެ.