ކޮމަންޑޫ ދާއިރާއަށް ވެފައިވާ ވައުދުތައް ފުއްދޭނީ އެމްޑީޕީގެ މެމްބަރަކަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓް، އިބްރާހިމް ރާޝިދު (ރާޑޯ)ގެ ކެމްޕެއިން ލޯންޗުކުރުމަށް ކޮމަންޑޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، 2019 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ސާފު އަގުލަބިއްޔަތެއް އެމްޑީޕީން ހޯދީ، ވައުދުތަކެއް ރައްޔިތުންނަށްވެ، މެނިފެސްޓޯއަކާއެކުގައި ކަމަށެވެ.

އަދި މި ސަރުކާރުން ކުރަމުން އަންނަ ކަމަކީ އެ ވައުދުތައް ފުއްދުން ކަމަށާއި އެކަން ކުރެވޭނީ އެމްޑީޕީގެ މެންބަރުން ތިބޭ މަޖިލީހެއްގެ އެއްބާރުލުމާއެކުގައި ކަމަށެވެ.

"އަޅުގަނޑުމެން މިއަދު ކުރަމުން މިގެންދަނީ އެ ވައުދުތައް ފުއްދުމުގެ މަސައްކަތް. މި ދާއިރާއަށް ކުރިމަތިލައްވައިގެން ތިއްބެވި، އެހެން ޕާޓީތަކުގެ ބޭފުޅުންނަށް އަޅުގަނޑު ދަންނަވާނީ މަޑުކޮށްލައްވާށޭ. އިހަށް މަޑުކޮށްލައްވާށޭ. އަޅުގަނޑުމެން ވެގެން އައި ވައުދުތަކެއް އެބަހުއްޓޭ، މިދަނީ ބަރާބަރަށް އެ ވައުދުތައް ފުއްދަމުންނޭ. މިކަން ކުރެވޭނީ މި އެމްޑީޕީއަށް،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ލާމަރުކަޒީ ކުރުމަކީ އެމްޑީޕީގެ ފަލްސަފާއެއް ކަމަށާއި އެއީ އެމްޑީޕީގެ ފިކުރެއް ކަމަށެވެ.

ކޮމަންޑޫ ދާއިރާއަށް އެމްޑީޕީގެ އިތުރުން، އިދިކޮޅު މައި ޕާޓީ، ޕީޕީއެމާއި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)އިންވެސް ވާދަކުރެއެވެ. ޕީޕީއެމުން ވާދަކުރަނީ ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުސާ ފަތުހީއެވެ، އެމްއެންޕީން ވާދަކުރައްވަނީ، އަބްދުލް ހަންނާނު އިދުރީހެވެ.