ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު, މުހައްމަދު ރާޝިދުގެ ކެމްޕެއިން ފެށުމަށް ބާއްވާ ޖަލްސާއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އެރަށަށް ވަޑައިގެންފިއެވެ.
މުހައްމަދު ރާޝިދުގެ ކެމްޕެއިން އިފުތިތާހު ކުރުމުގެ ޖަލްސާ އޮންނާނީ މިރޭ 8:30ގައި ކޮމަންޑޫ އެމްޑީޕީގެ ހަރުގެ ކުރިމަތީގައެވެ.
އެ ޖަލްސާގައި ބައިވެރިވުމަށް ރައީސް ސޯލިހުގެ އަރިހުގައި އެމްޑީޕީގެ އިސް ލީޑަރުން އަދި ބައެއް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ވެރިންވެސް ވަނީ ކޮމަންޑުއަށް ވަޑައިގެންފައެވެ.
އެމްޑީޕީގެ ކެންޑިޑޭޓުގެ ކެމްޕެއިން އިފުތިތާހު ކުރުމަށް ރައީސް ކޮމަންޑުއަށް ވަޑައިގެންނެވި އިރު, އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލް ހަންނާނުގެ ކެމްޕެއިން ޖަލްސާ ރޭ ކޮމަންޑޫގައި ވަނީ ބާއްވައިފައެވެ. އަދި އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓަށް ތާއީދު ހޯދުމަށް އެޕާޓީގެ ލީޑާޝިޕުގެ ބޭފުޅުން ވަނީ ރޭ އެރަށަށް ވަޑައިގެންފައެވެ.
ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ، އެ ގޮނޑި ކާމިޔާބު ކުރެއްވި ހުސެއިން ވަހީދު ކެންސަރު ބަލީގައި މިދިޔަ ޑިސެމްބަރު މަހު އަވަހާރަވުމާ ގުޅިގެންނެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަން ނިންމާފައި ވަނީ އަންނަ މަހުގެ ފަސް ވަނަ ދުވަހުއެވެ.
ޚަބަރު
ޚަބަރު